ކަރަންޓް ބިލް ބޮޑުވާ މައްސަލައިގައި ޢިލްމީ ދިރާސާއެއް އެމްއެންޔޫއިން ހަދަނީ

ކަރަންޓް ބިލް ބޮޑުވާ މައްސަލައަށް ޢިލްމީ ދިރާސާއެއްގެ އެހީގައި ޙައްލު ހޯދުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އާއި ސްޓެލްކޯއިން އެއްބަސްވެއްޖެއެވެ. މިއަދު ވަނީ މި ދިރާސާ ކުރިއަށް ގެންދިއުމަށް އެމްއެންޔޫއާއި ސްޓެލްކޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މޭނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީއެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކޮރެއްވީ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު އާދަމެވެ.

ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ، އެ ކުންފުނިން ބޭނުންވަނީ ކަރަންޓް ބިލް ބޮޑުވާ މައްސަލައަށް އިލްމީ ދިރާސާއެއްގެ އަލީގައި އިންސާފުވެރި ހައްލެއް އަންނާނެ ކަމަށް ބެލެވޭ ކަމަށާއި އިންސާފުވެރިކަމާއެކު އެ ދިރާސީ ނިންމައި ޕަބްލިޝް ކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. އަދި އޭނާ ވިދާޅުވީ އެ ދިރާސާއަށް ހިފެހެއްޓުމެއް ނެތި ދެވެން ހުރި ހުރިހާ މައުލޫމާތެއްދޭނެ ކަމަށެވެ.  އަޅުގަނޑުމެންގެ ސިސްޓަމަށް އެކްސެސް ވުމުގައި މިނެއް، އިމެއް ނޯންނާނެ. ހުރިހާ ރިސޯސެސްއެއް އަޅުގަނޑުމެން ފޯރުކޮށްދޭނަން" މިއަދުގެ ރަސްމިއްޔާތުގައި ފަހުމީ ވިދާޅުވިއެވެ.

ވައިސް ޗާންސެލަރު ޑރ. ޝެހެނާޒު ވިދާޅުވީ، މި ދިރާސާއިން ގިނަ ކަންތައްތަކެއް އެނގިގެންދާނެ ކަމަށެވެ. އިގްތިސާދު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ހަރަދު ކުޑަ ކުރަންވީ ކޮން ދާއިރާއަކުން ދެނެގަނެވޭނެ ކަމަށް ޝެހެނާޒް ވިދާޅުވިއެވެ.

އަދި މިދިރާސާ ކުރާއިރު، ދުވާލެއްގެ އެކި ދަންފަޅިތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރާއި ސްޓެލްކޯގެ ބިލިންގ ޕްރޮސެސްގެ ސައްހަކަމާއި ބިލްތަކަށް އިތުރު އިތުރެއް އައިސްފައިވޭތޯއާއި ކަރަންޓް ބިލް ބޮޑުވުމުގައި މޫސުމީ ގުޅުމެއް ހުރިތޯއާއި މީޓަރުން ދައްކާ އަދަދާއި ބިލް ކުރެވިފައި ހުރި އަދަދު ތަކުގައި ތަފާތެއް ހުރިތޯ ބައްލަވާނެ ކަމަށް ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

ޝެހެނާޒު ވިދާޅުވީ މިއަދު ސޮއިކުރެއްވި އެއްބަސްވުމާއެކު އިންޓާންޝިޕްގެ ފުރުސަތުތަކާއި މަތީ ތައުލީމަށް ފުރުސަތު ހޯދައި ދިނުން ހިމެނޭ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *