ޓްރެފިކް މޮނީޓަރުން ތަމްރީނު ކުރުމުގެ 100 ވަނަ ޕްރޮގްރާމް ފުވައްމުލައް ސިޓީގައި

ޓްރެފިކް މޮނީޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ 100 ވަނަ ޕްރޮގްރާމް އިއްޔެ ފުވައްމުލަކުގައި ފަށައިފިއެވެ. މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޯޑް ސޭފްޓީ އެވެއަރނަސް އެންޑް ޕްރިވެންޝަނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދާ ޓްރެފިކް މޮނީޓަރުން ތަމްރީނު ކުރުމަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ.

ޕްރޮގްރާމު ފެށުމަށް ފުވައްމުލަކު ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފުވައްމުލަކު ސިޓީ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ފަސީލެވެ. މި ރަސްމިއްޔާތުގައި، ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަސްލަމް ޙުސައިން، ރޯޑު ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި ފުވައްމުލަކު ސިޓީ ޕޮލިހުގެ މުވައްޒަފުންނާއި ފުވައްމުލަކު ސްކޫލު، ހާފިޒް އަހްމަދު ސްކޫލު، ޏ. އަތޮޅު ތައުލީމީ މަރުކަޒު، މުޙައްމަދު ޖަމާލުއްދީން ސްކޫލްގެ މުދައްރިސުންނާއި ޓްރެފިކް މޮނިޓަރުން ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމުގައި ފުވައްމުލަކު ސްކޫލުގެ 32 ދަރިވަރުންނާއި ހާފިޒް އަހްމަދު ސްކޫލުގެ 34 ދަރިވަރުންނާއި ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ 27 ދަރިވަރުންނާއި މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ 31 ދަރިވަރުން ހިމެނޭހެން ޖުމުލަ 124 ދަރިވަރުން  ބައިވެރިވެއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ފުވައްމުލަކު ސިޓީ ކޮމާންޑަރު ދެއްކެވި ވާހަކަފުޅުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަން އެހެން މީހުންނަށް ބުނެދިނުމާއި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ހަ ދުވަހުގެ މުއްދަތަށް ފުވައްމުލަކު ސްކޫލުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި، އެގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ސްކޫލު ދަރިވަރުން އަހުލުވެރިކުރުވައި، މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ނަގަހައްޓައި ދަމަހައްޓާނެ ޖީލެއް ބިނާކުރުމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުމުގައި އަމަލީގޮތުން ސްކޫލު ކައިރީގައި ޓްރެފިކް ބެލެހެއްޓުމުގައި ދަރިވަރުން ބައިވެރިކޮށް އެކަމަށް ދަރިވަރުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ޓްރެފިކް މޮނިޓާސް ތަމްރީނު ޕްރޮގްރާމްގައި، ޓްރެފިކް ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ތަމްރީނު ދަރިވަރުންނަށް ދޭނެއެވެ. އަދި ޓްރެފިކް ބެލެހެއްޓުމުގައި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރާނެގޮތް ދަސްކޮށްދިނުމަށް ސެލްފް ޑިފެންސް ކުލާސްތަކާއި ޓީމް ބިލްޑިންގ ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ. އޭގެ އިތުރުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތުދިނުމާއި ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ދަރިވަރުން ހަރަކާތްތެރިވާއިރު ރިވެތި ބަހުން މުއާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *