އޭލެވެލް ފުޅާކުރުމުގެ އަމާޒަކީ މަދަރުސީ ތަޢުލީމީ ނިޒާމް ނިންމާ ގުރޭޑަކީ 12އަށް ހެދުން: އެޑިޔުކޭޝަން

އޭލެވެލް ފުޅާކުރުމުގެ އަމާޒަކީ މަދަރުސި ތައުލީމީ ނިޒާމް ނިންމާ ގުރޭޑަކީ ގުރޭޑް 12އަށް ހެދުން ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޓީވިއެމްގެ ހެނދުނު ހެނދުނާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑރ. އަޙްމަދު ވިދާޅުވީ، " އޭލެވެލް އެކްސްޓެންޝަން" ގެ ބޭނުމަކީ މުޅި ރާއްޖެއަށް މަތީ ސާނަވީ ފުޅާކުރުން ކަމަށާއި އޭގެ ތެއިން މި އަހަރު 23 ސްކޫލެއްގައި އެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި، ގުރޭޑް ހަތަކުން ކިޔެވުން ނިންމާލާ ހިސާބެއް ދިޔަކަމަށާއި އޭގެ ފަހުން ގުރޭޑް 10 ނިންމާ އޯލެވެލް ހިސާބަށް މަދަރުސީ ތައުލީމް ނިންމާ ގުރޭޑް މަތިވި ކަމަށެވެ.

"21 ވަނަ ޤަރުނުގައި، ތަޢުލީމި ނިޒާމް ބަދަލުވެގެންދާއިރު އޭލެވެލްއަކީ ތަޢުލީމީ ނިޒާމުގެ އެގްޒިޓަށް ހަދަންޖެހޭ. އެ ވިޝަންގައި، މިއަދު މި ކުރާ މަސައްކަތަކީ މުސްތަގުބަލުގައި އަޅުގަނޑުމެންގެ ތަޢުލީމުގެ އެގްޒިޓަކީ ތައުލީމީ ނިޒާމް ނިންމާ ގުރޭޑަކީ ގުރޭޑް 12އަށް ހެދުން. 23 ސްކޫލެއްގައި މި ފަށަނީ މި އަމާޒަށް ވާޞިލްވުމަށް ކުރަން ޖެހޭ މަސައްކަތް" ޑރ. އަޙްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ތައުލީމީ ޤާނޫނަށް ބަލާއިރުވެސް 18 އަހަރާ ހަމައަށް ދަރިވަރުންނަކީ ސްކޫލް މާހައުލެއްގެ ތެރޭގައި ތިބެގެން އެކުދިންގެ ޑިވެލޮޕްމަންޓަށް އެކި ދިމާލުން ތަރައްޤީ އަންނަ ބަޔަކަށް ހަދަން ބާރުއަޅާފައިވާ ކަމަށެވެ.

" އޭލެވެލް ފުޅާ ކުރުމުގެ ޕްރޮގްރާމް ކުރިއަށްދާއިރު ދަރިވަރުންނަށް މަލްޓިޕަލްސް ޕާތްވޭތަކެއް ހުޅުވާލަދޭނަން. އޭގެ މާނައަކީ މަތީ ސާނަވީއަށް ދާ ހުރިހާ ދަރިވަރުންނަކީ އެޑެކްސެލްގެ އޭލެވެލް ހަދާނެ ދަރިވަރުންނެއް ނޫނޭ. އެކުދިންނަށް އަޅުގަނޑުމެން ފޯރުކޮށްދޭނެ ވޮކޭޝަނަލް އެޑިޔުކޭޝަންގެ ޕާތްވޭ ވެސް އަދި ތަފާތު އެހެނިހެން ޕާތްވޭސްތައް ވެސް" ޑރ. އަޙްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގުރޭޑް 10 ނިންމާ ދަރިވަރުންނަށް އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތު ތަނަވަސްވެގެން ދާއިރު، ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ އަމިއްލަ އިމްތިޙާނުތައް ވެސް މަތީ ސާނަވީގެ ތެރެއިން އުފެދިގެންދާނެ ކަމަށެވެ.

" މިސާލަކަށް، މަތީ ސާނަވީއަށް ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ވަކި ޕާތްވޭތަކެއް އިޚްތިޔާރު ކުރަން ބޭނުންވާ ދަރިވަރުންނަށް އެޑެކްސެލްގެ ހިސާބު މާއްދާގެ ބަދަލުގައި އަޅުގަނޑުމެންގެ އަމިއްލަ، އަޅުގަނޑުމެންގެ ޤައުމުގައި ތައްޔާރު ކުރެވޭ ހިސާބު މާއްދާއެއް ފަރުމާ ކުރާނެ" ޑރ. އަޙްމަދު މުހައްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މަސައްކަތް ކުރިއަށްދާއިރު ދަރިވަރުންގެ ނިއުމެރެސީއާއި މެތެމެޓިކަލް ކޮންސެޕްޓްތައް އުނގަންނައިދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އޭލެވެލްގެ އެކްސްޓެންޝަން ކުރިއަށް ގެންދާ 23 ސްކޫލް ކަނޑައަޅާފައި ވަނީ ހުރިހާ އަތޮޅުތަކެއް ހިމެނޭގޮތަށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި މަތީ ސާނަވީއަށް ކިޔަވަން ކުރިން ކަނޑައަޅާފައިވާ ޝުރުޠު ތަކަށް ބޮޑެތި ބަދަލުތަކެއް މިހާރު ވަނީ ގެނެސްފައެވެ. ކުރިން ފަސް މާއްދާއިން ފާސްވެގެން މަތީ ސާނަވީއަށް ދެވޭއިރު، މިހާރު ދެ މާއްދާ ނޫނީ ތިން މާއްދާއިން ފާސްވާ ދަރިވަރުންނަށް ވެސް އޭލެވެލްއަށް ކިޔެވޭ ގޮތަށް އުޞޫލު ވަނީ ބަދަލުކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *