މާފުށީ ސްކޫލުގެ ކެޕްޓަނުންނަށް ޒަކުވާންއާއި ލަޔާލް

މި އަހަރު މާފުށީ ސްކޫލުގެ ސްޓޫޓެންޓް ލީޑަރުންނާ މަސްއޫލިއްޔަތު ހަވާލު ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި މަހު 25 ވަނަ ދުވަހު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ މާފުށީ ކައުންސިލުގެ ރައީސް ޙަސަން ޞަލާޙުއެވެ.

މާފުށީ ސްކޫލުގެ މި އަހަރުގެ ފިރިހެން ކެޕްޓަނަކީ މުޙައްމަދު ޒަކުވާން ބިން ޢަލީ ނަޞީރެވެ. އަންހެން ކެޕްޓަނަކީ ލަޔާލް ޢަބްދުލް ޢަޒީޒެވެ.

މި ރަސްމިއްޔާތުގައި، އެ ސްކޫލްގެ ޕްރިންސިޕަލް ޢަބްދުއްނާޞިރު މުޙައްމަދު، ދަރިވަރުންނާއި މުޚާތަބު ކުރައްވަމުން ވިދާޅުވީ، މަދުރަސީ ޙަޔާތުގައި އިސްވާރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމަކީ ލިބޭ ހަމައެކަނި ޝަރަފެއްގެ ގޮތުގައި ދެކުމުގެ އިތުރަށް އެއީ ވަރަށްބޮޑު ޒިންމާއެއްގެ ގޮތުގައި ހުރިހާ ކުދިން ދެކެންވާނެ ކަމަށެވެ. ހަމައެއާއެކު އިސްނަގައި މަސައްކަތް ކުރަމުންދާއިރު އިސްލާމީ އަދަބު ތަކުގައި ހިފަހައްޓަން ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ޕްރިންސިޕަލް އެދިވަޑައިގެންނެވިއެވެ.

އެހެން މީހުނާއި ކުދިންގެ ކުރިމަތީގައި ބޮޑާކަމުގެ ނުރަގަޅު ސިފަތަކުން ދުރުވެ، މަސްއޫލިއްޔަތު އަދާކުރުމުގައި އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފައި، ތަވާޟަޢުވެރި ކަމާއެކު، އިޚުލާސްތެރި ކަމާއެކު މަސައްކަތް ކުރާ ކުއްޖެއްގެ ގޮތުގައި ދެމިހުރުމަށާއި، އެހެންކުދިންނަށާއި، މުދައްރިސުންނަށް އިޙުތިރާމްކުރާ، ޤަދަރުކުރާ ނަމޫނާ ދަރިވަރެއްގެ ގޮތުގައި ކުލާހުގަޔާއި ކުލާހުން ބޭރުގައިވެސް މަސައްކުރާ ކުއްޖެއްގެ ގޮތުގައި ދެމިހުރުމަށް ޕްރިންސިޕަލް ޢަބްދުއްނާޞިރު ނަޞޭޙަތްތެރިވިއެވެ.

މަދުރަސީ ޙަޔާތަކީ އެމީހެއްގެ ޙަޔާތުގައި އަންނަ އެންމެ މުހިންމު ދުވަސްވަރުކަމަށާއި، މި މުހިންމު ޙަޔާތުގައި ތަޢުލީމު އުނގެނުމުގެ އިތުރަށް ޢިޖުތިމާޢީ ގޮތުން ކުރިއަރާ ދިޔުމަށް، އިސްނަގައިގެން އުޅުމަށް، ތިޔަފަދަ އެތައް ފުރުޞަތެއް ލިބިގެންދާނެކަމަށާއި، އަމިއްލަޔަށް ކަންކަންކުރުމަށް އިސްނެގުމަށާއި، އެހެން މީހުނަށް ނުވަތަ އެހެން ކުދިންނަށް މަގުދެއްކުމަށް އަދި އަމިއްލަ ޒިންމާ އުފުލުމަށް އެތަކެއް ފުރުޞަތެއް ލިބިގެންދާނެކަމަށް އިޝާރާތްކުރައްވާ، ސްކޫލު ދައުރުގައި ލިބެމުންދާ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި ތިމާގެ ޝަޚުސިއްޔަތު ހަރުދަނާކޮށް ތަރައްޤީ ކުރުމުގެ ވިސްނުން ބަހައްޓައިގެން ކުރިޔަށް ދިޔުމަށް ޕްރިންސިޕަލް ހިތްވަރު ދެއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *