ފާއިތުވި އަހަރު އދ. އަތޮޅު މަދަރުސާއިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ އާމިނަތު އަނާން ނިޒާރެވެ.
ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ ދެވަނަ ވެސް އަނާން ހޯދިއެވެ. އެއީ އެ ސްކޫލުގެ ދަރިވަރަކު މިހާތަނަށް ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ.
ސީއެޗްއެސްއީގައި މަތީ ސާނަވީއަށް މިހާރު ކިޔަވަމުންދާ އަނާން، ސާނަވީގައި ކިޔެވިއިރު ޖޫނިއަރ ޕްރިފެކްޓްކަމާއި ސީނިއަރ ޕްރިފެކްޓެއްގެ އިތުރުން ހެޑް ޕްރިފެކްޓްކަން ވެސް ކުރިއެވެ. އަދި އޭނާއަކީ ފާއިތުވި އަހަރު އދ. އަތޮޅު މަދަރުސާގެ ކެޕްޓަނެވެ.

ސައިންސް ސްޓްރީމަށް ކިޔެވި އަނާންއަށް ސާނަވީ އިމްތިޙާނުން ދެވަނަ ލިބުނީ ދިވެހި މާއްދާ ފިޔަވައި އެހެން ހުރިހާ މާއްދާއަކުން އޭ ސްޓަރ ލިބި، ދިވެހިން އޭ އެއް ލިބުމުންނެވެ.
ކިޔެވުމަށް އިސްކަމެއް ދެމުންއައި އަނާން އަކީ ކުލާހުން އެއްވަނަ ހޯދަމުން އައި ދަރިވަރެކެވެ. ތައުލީމީ ޙަޔާތުގައި އޭނާ ފާހަގަކުރެވިފައި ވަނީ އަޚްލާޤު ރަނގަޅު މަޑުމައިތިރި ހިތްތިރި ދަރިވަރެއްގެ ގޮތުގައެވެ. އަދި އެހެން ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަބަދުވެސް އެންމެ ކުރީ ސަފުފައި ހުންނަ ނަމޫނާ ދަރިވަރެެއްގެ ގޮތުގައެވެ.
ކިޔެވުމުގެ އިތުރުން ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތަކުގައި ވެސް އަނާން ބައިވެރިވެފައިވެއެވެ.

އެއްވަނަ ދަރިވަރުގެ ގޮތުގައި، ދަރިވަރުންނަށް އަނާން ބުނީ، އަޒުމާއި ހިތްވަރާއެކު ގަދައަޅާ މަސައްކަތް ކޮށްފިނަމަ ކާމިޔާބީއާ ހަމައަށް ވާޞިލްވާނެ ކަމަށާއި ހިތްވަރު އެލުވައިނުލައި ގަދައަޅާ މަސައްކަތް ކުރުމަށެވެ.
" ދީނީ ކަންތައްތަކަށް ފަރުވާތެރިވާން އަބަދުވެސް ހަނދާންކުރަން ވާނެ. މުދައްރިސުން ކިޔަވައިދެއްވާއިރު ކަނުލައި އަޑުއަހައި މުދައްރިސުންގެ ފީޑްބެކް ހޯދަން ވާނެ" އަނާން ބުންޏެވެ.

އަނާން ބުނި ގޮތުގައި، އަދުގެ ދުނިޔެ ބުނެދޭ ހަޤީޤަތަކީ ޢިލްމަކީ ހަމައެކަނި ފޮތްތަކުން ދަސްކުރެވޭ އެއްޗެއް ނޫންކަމެވެ. ކިޔެވުމުގެ އިތުރުން އިތުރު ހަރަކާތްތަކުގައި ބައިވެރިވުން މުހިންމު ކަމަށާއި، ހަމަ އެހެންމެ ﷲ ތިބާގެ ސޫރަ ރީތި ކުރެއްވި ފަދައިން ރިވެތި އަޚްލާގުން ތިބާގެ ނަފުސު ޒީނަތްތެރި ކުރުމަށް އަހަރަމެންގެ ދީން ވެސް ބާރު އަޅާ ކަމަށެވެ.
advertisment
ހިޔާލު