ވާހަކަލިޔުމާއި މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތުގައި ސްކޫލްތަކުން ބައިވެރިވާ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ދަންފަޅިތަކެއް ބާއްވައިފިއެވެ.
ވާހަކަލިޔުމުގެ މުބާރާތަށް ދަރިވަރުން ތައްޔާރުކުރުމުގެ ގޮތުން ބޭއްވި ދަންފަޅި ނަންގަވައިދެއްވީ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަންގެ މުދައްރިސް މުޙައްމަދު ޤާސިމެވެ. މި ދަންފަޅީގައި 90 އަށް ވުރެ ގިނަ އިސްކޫލުގެ ދަރިވަރުން ބައިވެރިވިއެވެ.

މަޒުމޫނު ލިޔުމުގެ މުބާރާތަށް ދަރިވަރުން ތައްޔާރުކުރުމުގެ ގޮތުން ބޭއްވި ދަންފަޅި ނަންގަވައިދެއްވީ ޤައުމީ ޔުނިވަރސިޓީގެ ދާރިސް އަޙްމަދު ހާޝިމެވެ. މި ދަންފަޅީގައި 100އަށްވުރެ ގިނަ އިސްކޫލުން ބައިވެރިވިއެވެ.

ދިވެހިބަހުގެ އެކެޑަމީން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ލިޔުމުގެ ތަފާތު މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލީ ހުސްވި ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. މުބާރާތް އޮތީ އަންނަ އޮގަސްޓް މަހުގެ ދެވަނަ ދުވަހާއި ތިންވަނަ ދުވަހުއެވެ.

މި އަހަރު ބާއްވަން އިއުލާން ކުރި މުބާރާތްތަކަކީ، ޅެންހެދުމުގެ 27 ވަނަ ޤައުމީ މުބާރާތާއި، ކުރުވާހަކަ ލިޔުމުގެ 36 ވަނަ ޤައުމީ މުބާރާތާއި، މަޒުމޫނު ލިޔުމުގެ 39 ވަނަ ޤައުމީ މުބާރާތެކެވެ.
މި މުބާރާތްތަކުގައި ސްކޫލުގެ ދަރިވަރުން ބައިވެރިވާ އުމުރުފުރާ ތަކަކީ ދަށު ސާނަވީ އާއި ސާނަވީ އަދި މަތީ ސާނަވީއެވެ. ދަށު ސާނަވީގައި ހިމެނެނީ ކީ ސްޓޭޖް 3ގައި ހިމެނޭ ގުރޭޑް 7 އަދި 8ގެ ދަރިވަރުންނެވެ. ސާނަވީގައި ހިމެނެނީ ކީ ސްޓޭޖް 4ގައި ހިމެނޭ ގުރޭޑް 7 އަދި 8ގެ ދަރިވަރުންނެވެ. މަތީ ސާނަވީގައި ހިމެނެނީ ގުރޭޑް 11 އަދި 12 ގައި ކިޔަވަމުންދާ ދަރިވަރުންގެ އުމުރުފުރާއެވެ.

ދިވެހިބަހުގެ އެކެޑަމީން ބުނި ގޮތުގައި، ލިޔުންތެރިކަމުގެ މިފަދަ މުބާރާތްތަކުގެ މަޤްޞަދަކީ ކުޅަދާނަ ލިޔުންތެރީން އުފެއްދުމާއި އެކަމުގެ ޝައުޤާއި ވިސްނުން ތަރައްޤީކޮށް، ފަރިތަކަމާއެކު ދިވެހިބަހުން ޢިލްމީ އޮއްޓަރުހުރި މަޒުމޫންތައް އުފެއްދޭނެ ލިޔުންތެރިން އުފެއްދުމަށް މަސައްކަތް ކުރުމެވެ.
advertisment
ހިޔާލު