ޚަރަދު ކުޑަކުރުމުގެ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީގެ މުހިންމު އިރުޝާދު ތަކެއް

ދަތުރުތަކާއި ހަފްލާތައް ބޭއްވުމުގެ ކުރިން ހުއްދަ ނެގުމާއި ދެގަޑިއިރަށްވުރެ ކުރު ބައްދަލުވުންތަކަށް ސައި ހަމަނުޖެއްސުމާއި ކިޔަވައިދޭ ދުވަހެއްގެ ފަހު ދަންފަޅި ނިމޭތާ 1 ގަޑިއިރު ފަހުން އިދާރީ އޮފީސް ބަންދު ކުރަން އިރުޝާދު ދީފައިޥޭ

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އަޅާނެ ފިޔަވަޅުތައް ފާހަގަކޮށް މުހިންމު އިރުޝާދު ތަކެއް އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސްކޫލްތަކަށް އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އިއްޔެ ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ، ދައުލަތުގެ ފައިސާ އިސްރާފު ނުވާނެ ގޮތަކަށް ކަންތައްތައް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ލަފާފުޅު ދެއްވާފައި ވާތީ އެ މިނިސްޓްރީގެ ދަށުގައި ހުރި ތަންތަނުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

ޚަރަދު ކުޑަކުރުމުގެ ގޮތުން އަޅަން ނިންމި ފިޔަވަޅުތަކަކީ:
  • އެކި މުނާސަބަތުތަކާއި ހަފުލާތަކުގައި އަގުބޮޑު މާބޮނޑި ބޭނުން ނުކުރުން
  • ދެ ގަޑިއިރަށްވުރެ ކުރު ބައްދަލުވުންތަކުގައި ނުވަތަ ޖަލްސާތަކުގައި ސައި، ކޮފީ އަދި ފިނި ބުއިން އިންތިޒާމު ނުކުރުން
  • ސްކޫލްތަކުން ބާއްވާ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ވީހާވެސް ހަރަދުކުޑަކޮށް ބޭއްވުމަށާއި އެފަދަ ޖަލްސާތައް ބޭއްވުމަށް މިނިސްޓްރީގެ ހުއްދަ ހޯދަން
  • ސްކޫލްތަކުން ދަތުރު ކުރުމުގައި ހަރަދު ކުޑަކުރުމަށާއި ދައުލަތުގެ ބަޖެޓުން ކުރާ ދަތުރުތަކަށް މިނިސްޓްރީގެ މާލީ ޒިންމާދާރުވެރިޔާގެ ހުއްދަ ނެގުން.
  • ސްކޫލްތަކާއި ކްލާސްރޫމްތަކުގެ އޭސީ 25 ޑިގްރީއަށްވުރެ ދަށް ނުކުރުމާއި ރަސްމީ ގަޑި ނިމުމުން އޭސީތައް ނިއްވާލުން
  • ކްލާސްރޫމްތައް ބޭނުންނުކުރާ ވަގުތުތަކުގައި ބޮކިތައް ނިއްވާފައި ބެހެއްޓުން.
  • މަތީ ކަރަންޓު ނަގާ ބޮކިތައް ކޮންމެހެން ދިއްލަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ނުދިއްލުން.
  • ޗާޕުކުރަންޖެހޭ ލިޔުންތައް ވީހާވެސް މަދުކޮށް، ގަނޑުގެ ދެ ފުށަށް ޗާޕުކުރުން.

ޚަރަދު ކުޑަކުރުމަށް ސްކޫލްތަކަށް އެންގިއިރު އެޑިޔުކޭޝަން މިނިސްޓްރީގެ ޚަރަދުތައް ވެސް ކުޑަކުރުމަށް ނިންމުންތަކެއް ނިންމިކަން އެ ސަރކިއުލަރގައި ބުނެފައިވެއެވެ. އެއީ އެޑިޔުކޭޝަން މިނިސްޓްރީގެ ޑިޕާޓްމަންޓްތައް ރަސްމީ ދުވަހު އެންމެ ލަސްވެގެން 14:30 ގައި ބަންދު ކުރުމާއި، އޭގެ ފަހުން އޮފީސް ހުޅުވާފައި ބަހައްޓަންޖެހޭ ނަމަ، އެއް ދުވަސް ކުރިން މަސައްކަތުގެ ތަފުސީލާއި އޮފީހުގައި މަޑުކުރާނެ މުވައްޒަފުންނާއި އޮފީސް ހުޅުވާފައި ބަހައްޓާނެ ވަގުތު ޕާމަނެންޓް ސެކްރެޓަރީ މެދުވެރިކޮށް ހޯދަން ބުނެފައިވެއެވެ. އަދި މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކުގެ އިދާރީ އޮފީސް 14:30 ގައި އަދި ސްކޫލްތަކުތަކުގެ އެކަޑަމިކް އޮފީސް ސްކޫލުގައި ކިޔަވައިދޭ ދުވަހެއްގެ ފަހު ދަންފަޅި ނިމޭތާ 1 ގަޑިއިރު ފަހުން ބަންދުކުރަން ވެސް އެ ސަރކިއުލަރގައި އިރުޝާދު ދީފައިވެއެވެ.

ނަމަވެސް ރައްޔިތުންނަށް ކޮންމެހެން ހިދުމަތެއް ދިނުމަށް 14:30 ފަހުން އޮފީސް ހުޅުވާފައި ބަހައްޓަންޖެހޭ ނަމަ، އެއް ދުވަސް ކުރިން މަސައްކަތުގެ ތަފުސީލާއި އޮފީހުގައި މަޑުކުރާނެ މުވައްޒަފުންނާއި އޮފީސް ހުޅުވާފައި ބަހައްޓާނެ ވަގުތު ޕާމަނެންޓް ސެކްރެޓަރީ މެދުވެރިކޮށް ހޯދަންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން އެޑިއުކޭޝަނުން ވަނީ މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކުގެ އިދާރީ އޮފީސް 14:30 ގައި އަދި ސްކޫލްތަކުތަކުގެ އެކަޑަމިކް އޮފީސް، ސްކޫލުގައި ކިޔަވައިދޭ ދުވަހެއްގެ ފަހު ދަންފަޅި ނިމޭތާ 1 ގަޑިއިރު ފަހުން ބަންދުކުރަންވެސް އަންގާފައިވެ އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *