ހުކުރު ދުވަހު އިތުރުު ހަރަކާތް ނުބޭއްވުމަށާއި މުދައްރިސުން މަސައްކަތަށް ނުނެރެން ހަނދާންކޮށްދީފި

ހުކުރު ދުވަހު ސްކޫލްތަކުގައި އިތުރު ހަރަކާތް ނުބޭއްވުމަށާއި މުދައްރިސުން އެ ދުވަހު މަސައްކަތަށް ނުނެރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.

ކުރިން އެންގި އެންގުމާ އެއްގޮތަށް ބައެއް ސްކޫލްތަކުން އަމަލު ނުކުރާކަން ފާހަގަކޮށް މިއަދު ސްކޫލްތަކަށް ފޮނުވި މެމޯގައި ބުނެފައި ވަނީ، މުދައްރިސުންގެ ދުޅަހެޔޮ ކަމަށް އިސްކަންދިނުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށާއި އެ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ހުކުރު ދުވަހު މަސައްކަތަށް މުދައްރިސުން ނުނެރުމަށް މީގެ ކުރިން ވެސް އަންގާފައިވާ ކަމަށެވެ.

އެ މެމޯގައި  ބުނެފައި ވަނީ، ޚާއްޞަ ހާލަތްތަކުގައި ހުކުރު ދުވަހު ޙަރަކާތެއް ބާއްވަން ޖެހިއްޖެނަމަ މުދައްރިސުން އެ ހަރަކާތަކަށް ނެރެން ވާނީ އެޑިޔުކޭޝަން މިނިސްޓްރީގެ އެޑްމިނިސްޓްރޭޝަން ޑިވިޜަނުން އެކަމަށް ލިޔުމުން ހުއްދަ ހޯދުމަށްފަހު ކަމަށެވެ.

ހުކުރު ދުވަހު މުދައްރިސުން މަސައްކަތަށް ނުނެރުމަށް މީގެ ކުރިން ވެސް ސްކޫލުތަކުގެ ވެރީންނަށް މިނިސްޓްރީއިން އިރުޝާދު ދީފައިވާނެ ކަމަށާއި އެހެން ނަމަވެސް ބައެއް ސްކޫލުތަކުން މި އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރަމުން ނުދާކަން ފާހަގަކުރެވިފައިިވާކަން އެ މެމޯގައި ބުނެފައިވެއެވެ.

ޚިދުމަތްތެރި މުދައްރިސުންގެ ދުޅަހެޔޮކަމަށްޓަކައި، މުދައްރިސުން ސްކޫލުގައި ހޭދަކުރާ މަސައްކަތުގެ ވަގުތު ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް މި ދިރާސީ އަހަރު މިނިސްޓްރީއިން މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށާއި އޭގެތެރޭގައި ބެލެނިވެރީންނާ މުދައްރިސުން މުޢާމަލާތުކުރުމަށް ސްކޫލުތަކުން ބޭނުންކުރާ ވައިބަރ ގްރޫޕްތައް ވަކި ނިޒާމެއްގެ ތެރެއިން މަދުކުރުމާއި، ތަރުތީބެއް ނެތި ސްކޫލުތަކުގައި ހިންގާ އިތުރު ޙަރަކާތްތައް މަދުކުރުން ހިމެނޭ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

ވަކި ވަކި ކްލާސްތަކަށް ޚާއްޞަ ވައިބާ ގްރޫޕް ބޭނުންކުރުމުގެ ބަދަލުގައި ވަކިވަކި ކީ-ސްޓޭޖްތަކަށް ނުވަތަ ގްރޭޑް ތަކަށް ޚާއްޞަ ކޮމިޔުނިޓީ ވައިބާ ގްރޫޕް ހެދުމަށާއި، އެ ގްރޫޕް މެދުވެރިކޮށް މެސެޖު ކުރެވޭނެ އެންމެ ލަސްގަޑިއަކީ ސްކޫލުގެ ކިޔަވައިދިނުމުގެ ދަންފަޅި ނިމޭތާ ދެ ގަޑިއިރަށްވުރެ ލަސް ގަޑިއަކަށް ނުހެއްދެވުމަށް، މިދިޔަ ޖޫން މަހުގެ ތެރޭގައި މިނިސްޓްރީއިން ވަނީ ސަރކިޔުލަރ އެއް މެދުވެރިކޮށް ސްކޫލުތަކަށް އަންގާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *