މަތީ ތަޢުލީމާ ބެހޭ ވަޒީރުގެ މެސެޖް: ބޭރު ޤައުމެއްގައި އުޅޭއިރު، ކޮންމެ ކުއްޖަކު ވެސް އުޅެންވީ ޤައުމުގެ އެމްބަސެޑަރެއްކަން ދަނެގެން

ބޭރު ޤައުމެއްގައި އުޅޭއިރު، ކޮންމެ ކުއްޖަކު ވެސް އުޅެންވީ ޤައުމުގެ އެމްބަސެޑަރެއްކަން ދަނެގެން ކަމުގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސްކޮލަރޝިޕްގެ ލިޔުން ހަވާލުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި  ސްކޮލަރޝިޕް ލިބުނު ދަރިވަރުންނަށް ވަޒީރު، ޑރ. މާރިޔާ އިލްތިމާސް ކުރެއްވީ،  "ހަތަރުވަނަ ސިނާއީ" އިންގިލާބުގެ ހުނަރާއި ސިފަތަކާއެކު، ޤައުމުގެ މުސްތަގުބަލް އާރާސްތުކޮށް، އުޖާލާކުރުމުގެ ޒިންމާ އަދާކުރުމަށެވެ.

ޑރ. މާރިޔާ ވިދާޅުވީ، ރާއްޖެއިން ބޭރުގައި ކިޔެވުމަކީ ހަމައެކަނި ޢިލްމު ހޯދުމަށް ލިބޭ ފުރުޞަތަކަށްވުރެ މާ ބޮޑު ކަމަށާއި އެއީ ކުރިއެރުމާއި ހޯދުމުގެ ދަތުރެއް ކަމަށެވެ. އެއީ ތަފާތު ސަގާފަތްތަކުގެ ތެރެއަށް ވަދެ އުނގެނުމަށް އޮތް މަގެއް ކަމަށާއި ތަފާތު ދާއިރާތަކުން ކުރިއަރާފައިވާ މުފައްކިރުންނާ ގުޅިގެން ކަންކަން ދަސްކުރުމަށް އޮތް ސުޕަރ ހައިވޭއެއް ކަމަށެވެ. ބަވަނަވެފައިވާ މި ދުނިޔޭގެ ނަޒަރުން ތަރައްޤީވުމަށް ކުދީންނަށް ލިބޭ ފަހި ފުރުޞަތެއްކަން ބަޔާން ކުރައްވައި ދެއްވި އެއް މެސެޖަކީ، ބޭރު ޤައުމެއްގައި އުޅޭއިރު ތިޔައިން ކޮންމެ ކުއްޖަކީ ވެސް މި ޤައުމުގެ އެމްބަސެޑަރެއްކަން ދަނެގެން އުޅުމަށެވެ.

" ޤައުމު ތަމްސީލުކުރުމުގައި ރަނގަޅު ނަމޫނާއަކަށް ވުމަކީ ވަރަށް މުހިއްމުކަމެއް. މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އަޚުލާޤުގެ މަތީގައި ދެމިތިބުމަކީ އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބުކަމުގައި ހަދަންވާނެ"

ބަވަނަވުމުގެ ސަބަބުން އަޅުގަނޑުމެން މި އުޅޭ ވެށީގެ ގިޔަމުތައް ނުވަތަ އިނގިރޭސިން ދަންނަވާނަމަ ވެލިޔުސް ފަނޑުވަމުންދާ ތަން ފެންނަމުންދާ ކަން ފާހަގަ ކުރައްވައި، ކޮންމެ ގައުމަކުން ކިޔެވި ކަމުގައި ވިޔަސް ހަނދާންކުރަންވީ އެންމެ މުހިންމު އެއް ކަމަކީ ކޮންމެ ކުއްޖަކީވެސް ފުރިހަމަ މުސްލިމުންގެ ގޮތުގައި ތިބި ދިވެހީންކަމެވެ.

" މި ލޮބުވެތި ގައުމުން ދަރިވަރުންނަށް މި ކުރާ ހޭދައަށް ވުރެ މަތީ ދަރަޖައަކަށް ތިޔަ ކުދީންގެ ޚިދުމަތަށް އެދި، މި ޤައުމު ގޮވަމުން ދާކަމަށާއި އެކާވީސް ވަނަ ގަރުނަށް ބޭނުންވާ ހުނަރާއި ޢިލްމު ލިބިގަނެ، އޭގެ ހަޤީޤީ މަންފާއަކަށް ވާންވާނީ، އަޅުގަނޑުމެން ބޭނުންވާ ބާރުމިނުގައި ޤައުމު ހިންގުން ކަމަށާއި ޤައުމު ހިންގޭނީ ތިޔަ ދަރިވަރުން ފަދަ މޮޅު ދިވެހީންގެ ޚިދުމަތް މި ޤައުމަށް ލިބިގެންކަން މަތީ ތައުލީމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.

" ޤައުމުތަކުގެ މެދުގައި އުފެދިފައިވާ ވާދަވެރިކަމުގެ ސަބަބުން،  ދުނިޔޭގައި ކާމިޔާބީއަށް ބޭނުންވާ ޢިލްމާއި ހުނަރުތައް ކުރިއަރަމުންދަނީ ކުރިން ނުފެންނަހާ ބާރު ދުވެއްޔެއްގައި. ހަމައެކަނި ތަޢުލީމީ މޮޅުކަމަށް ބަރޯސާވެގެން މިހާރަކު ފުދޭކަށް ނެތް. އޭގެ ބަދަލުގައި އަޅުގަނޑުމެންގެ ކިބައިގައި އެކާވީސްވަނަ ޤަރުނުގައި ދިރިއުޅުމަށް ބޭނުންވާ މަސައްކަތުގެ ހުނަރާއި ސިފަތަކާއި އަޚްލާޤު އަށަގަންނުވަން އެބަ ޖެހޭ" ވަޒީރު ވިދާޅުވިއެވެ.

" ލިބޭ އިލްމާއި ހުނަރާއި ތަޖުރިބާތަކަކީ، ހަމައެކަނި ކުދިންގެ މުސްތަޤްބަލް ބައްޓަންކޮށްދޭނޭ އެއްޗެއް ނޫން. އެއީ ޤައުމީ ވުނައެއް. އާދެ! ގައުމީ އިންވެސްޓްމަންޓެއް. މާނައަކީ މި ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގައި ތިޔަ ކުދީންގެ ދައުރު ވަރަށް މުހިންމޭ. އެހެންކަމުން ތިޔަ ކުދިން ކިޔަވަން އިޚުތިޔާރުކުރާ ދާއިރާއަކީ ޤައުމަށް އެންމެ ފައިދާހުރި އެންމެ ބޭނުންތެރި މުހިންމު ދާއިރާތަކުގެ ތެރެއިން ދާއިރާއެއް ކަމުގައި ހެދުމަށް ތިޔައިން ކޮންމެ ކުއްޖަކަށް އިލްތިމާސްކުރަން. ކިޔަވައި ނިމިގެން އައިސް ޤައުމަށް ޚިދުމަތްކުރުމަކީ ތިޔައިން ކޮންމެ ކުއްޖެއްގެ ވެސް އަޒުމުކަމުގައި ކަނޑައެޅުމަށް ގޮވާލަން"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *