ލ. ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސުކޫލުގެ ފާއިތުވި 2022-2023 ވަނަ ދިރާސީ އަހަރު އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި ޙާމީމް ޒަކީއާއި ފާޠިމަތު އީހާ ޢަފީފު ހޮވައިފިއެވެ.
ޙަމަދު ސްކޫލުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވައި، އެއްވަނައަށް އައި ދަރިވަރުންނަށް އިނާމް ދެއްވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލެވެ.
ޙަމަދު ސްކޫލުގެ ސާނަވީ ބައިން އެންމެ މޮޅު ދަރިވަރަކީ ޙާމީމެވެ. މަތީ ސާނަވީން އެންމެ މޮޅު ދަރިވަރަކީ އީހާއެވެ.
ޙާމީމް އަކީ، 2023ވަނަ އަހަރުގެ މެއި ޖޫންގައި ބޭއްވުނު ޖީ.ސީއީ އޯ ލެވެލް، އައި ޖީ ސީ އެސް އީ އަދި އެސް އެސް ސީ އިމްތިޙާނުގައި ބައިވެރިވި 8 މާއްދާއިން ވެސް ވަރަށް ރަނގަޅު ނަތީޖާއެއް ހޯދާ 2023ވަނަ އަހަރު ރާއްޖޭގެ ގަދަ ދިހައެއްގެ ހަތަރު ވަނައިގައި ހިމެނިފައިވާ ދަރިވަރެކެވެ.

މިހާރު ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސުކޫލުގެ ގްރޭޑް 11ގައި ކިޔަވަމުންދާ ޙާމީމް އަކީ ކެޑޭޓް ޙަރަކާތާއި ފުޓްބޯޅައަށް ލޯބިކުރާ ހުނަރުވެރި، ހިންގުންތެރި ދަރިވަރެކެވެ. ފާއިތުވި އަހަރު ޙަމަދު ސްކޫލުގެ ވައިސް ކެޕްޓަނަކީ ވެސް ޙާމީމެވެ.
މަތީ ސާނަވީން އެއްވަނަ ހޯދި އީހާ، ވަނީ އެޑެކްސެލް އޭ ލެވެލް، އަދި އެޗް އެސް ސީ އިމްތިޙާނުން ރާއްޖޭގެ ގަދަ ދިހައެއްގެ 4 ވަނަ ހޯދާފައެވެ. ހައި އެޗީވާރސް ސްކޮލާރޝިޕަށް ޝަރުޠު ހަމަވި ދަރިވަރުންގެ ތެރޭގައި ވެސް އީހާ ހިމެނެއެވެ.

2020، 2021ވަނަ އަހަރުގެ ޖީ.ސީއީ އޯ ލެވެލް، އައި ޖީ ސީ އެސް އީ އަދި އެސް އެސް ސީ އިމްތިޙާނުގައި ބައިވެރިވި 8 މާއްދާއިން ވެސް ރަނގަޅު ނަތީޖާއެއް ހޯދާ، އެ އަހަރު ލާމު އަތޮޅު ތަޢުލީމީ މަރުކަޒުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ޙާޞިލްކުރުމާއެކު، ރާއްޖޭގެ ގަދަ ދިހައެއްގެ ހަތަރު ވަނަ އީހާ ހޯދިއެވެ.
ފާއިތުވި އަހަރު، ސާނަވީގެ ގަދަ ދިހައެއްގައި ޙަމަދު ސްކޫލުގެ ހަ ދަރިވަރުން، މަތީ ސާނަވީގައި ތިން ދަރިވަރުން ހިމެނިފައިވެއެވެ.
advertisment
ހިޔާލު