ކަރިކިއުލަމަކީ ރުހޭ ބައިތައް ތަންފީޒުކޮށް، ނުރުހޭ ބައިތައް ދުކޮށްލެވޭނެ އެއްޗެއް ނޫންކަމަށް ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ޝައުކަތު ވިދާޅުވެއްޖެއެވެ.
ފާއިތުވި ދިރާސީ އަހަރު، ޙަމަދު ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޕްރިންސިޕަލް ޝައުކަތު ވިދާޅުވި ގޮތުގައި، ސްކޫލެއް ސްކޫލަކަށް ވަނީ ތަފާތު ގިނަ ރުކުންތަކެއް އެކުވެގެންނެވެ. އެއީ ސްކޫލުގެ މެނޭޖްމަންޓާއި މުދައްރިސުންނާއި ދަރިވަރުންނާއި ބެލެނިވެރިން އަދި މުޖްތަމައުގެ އެކި ފަރާތްތަކެވެ. މީގެ ތެރެއިން އެއްބަޔަކަށް ކާމިޔާބެއް ނުހޯދޭނެ ކަމަށާއި ސްކޫލެއް ސްކޫލަކަށް ވަނީ މިދެންނެވި އެންމެހައި ފަރާތްތަކެއްގެ ޝާމިލުވުމާއި ބައިވެރިވުން އޮވެގެން ކަމަށް ޝައުކަތު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ޙަމަދު ސްކޫލަށް ގޮންޖެހުންތައް ގިރާކޮށް އެ ހިސާބަށް އާދެވުނީ އެ ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ ބައިވެރިވުމާއި މަދަދާއެކު، ޚާއްޞަކޮށް ގަމު ކައުންސިލާއި ޑަބްލިޔުޑީސީއާއި އަތޮޅު ކައުންސިލުގެ އެހީތެރިކަމާ އެކު ކަމަށެވެ.

ޕްރިންސިޕަލް ޝައުކަތު ވިދާޅުވީ، އެ ސްކޫލުގެ މެނޭޖްމަންޓަކީ ގޮންޖެހުންތަކާއި ހިކުމަތްތެރިކަމާއެކު ކުރިމަތިލާން އެނގޭ ސްކޫލާއި ދަރިވަރުންނަށް އެންމެ ފައިދާ ލިބިދެނވި ގޮތަށް ކަންކަން ކުރުމުގެ ވިސްނުން ހުރި މެނޭޖްމަންޓެއް ކަމަށެވެ. އަދި އެއީ އެކިއެކި ޚިލާފުތަކުގައި ނުޖެހި، ޤައުމީ މަންހަޖާއި ތަޢުލީމީ ސިޔާސަތުތައް ތަންފީޒު ކުރުމަށް މަސައްކަތްކުރާ ސްކޫލެއްގެ ތަޞައްވުރާއި ލަނޑުދަނޑިތައް ޙާޞިލްކުރުމަށް އިސްކަންދޭ މެނޭޖްމަންޓެއް ކަމަށެވެ.
ދަރިވަރުންގެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރުންނަކީ މުދައްރިސުންކަން ފާހަގަ ކުރައްވައި ޕްރިންސިޕަލް ޝައުކަތު ވިދާޅުވީ، ތަޢުލީމީ ސިޔާސަތުތަކާއި އެ ސިޔާސަތު ތަކަށް ބާރުދޭ އުޞޫލުތައް ނަގަހައްޓާ ބަޔަކީ މުދައްރިސުން ކަމަށެވެ.

" ކަރިކިއުލަމަކީ ކޮންމެ ސްކޫލަކުން ވެސް އޭގެ އެންމެ ފުންމިނުގައި އެންމެ މަތީ ފެންވަރުގައި އަދި އެންމެ ފުޅާ މިންވަރުގައި ތަންފީޒު ކުރަން ޖެހޭ އެއްޗެއް. އެއީ ރުހޭ ބައިތަކާއި ފަސޭހަ ބައިތައް އެކަނި ތަންފީޒުކޮށް ނުރުހޭ ނުވަތަ މުހިންމުކަމަށް ތިމާ ނުދެކޭ ބައިތައް ދުކޮށްލެވޭނެ އެއްޗެއް ނޫން" ޝައުކަތު ވިދާޅުވިއެވެ.
" މިދެންނެވި ބީދައިން ކަންކުރުމުގެ އިޚްތިޔާރެއް އެއްވެސް ސްކޫލަކަށް އެއްވެސް މުދައްރިސަކަށް ނޯންނާނެ. އަދި ކަރިކިއުލަމް އެކަމަށް ޖާގައެއް ނުދޭ. ކަރިކިއުލަމަކީ ވަށާ ޖެހޭ ގޮތެއްގައި ތަންފީޒު ކުރެވިގެން ނޫނީ އޭގައި ބުނާ މަޤްޞަދުތައް ހާޞިލު ނުކުރެވޭނެ އެއްޗެއް. ޚިލާފުތަކާއި ފިކުރީ ތަފާތުތައް އެއީ އެއްވެސް ސްކޫލެއްގެ ތެރޭގައި އޮންނަން ޖެހޭ އެއްޗެއް ނޫން. ޚާއްޞަކޮށް ކަރިކިއުލަމް ތަންފީޒު ކުރުމުގައި ޚިލާފުތަކާއި ފިކުރީ ތަފާތުތައް ގެންގުޅޭނަމަ އެދެވެނީ އެހެން މިސްރާބަކަށް" ކަރިކިއުލަމް ތަންފީޒު ކުރުމާ ގުޅޭ ގޮތުން ޕްރިންސިޕަލް ޝައުކަތު ވިދާޅުވިއެވެ.
ގުރޭޑް 12އާ ހަމައަށް ކިޔަވައިދޭ ޙަމަދު ސްކޫލުގައި ފާއިތުވި ދިރާސީ އަހަރު 749 ދަރިވަރުން ކިޔެވިއެވެ.
advertisment
ހިޔާލު