ބެލެނިވެރިންނާއި ދަރިވަރުންނާއި ސްޓާފުންގެ އެހީއާއެކު، ތ. އަތޮޅު މަދަރުސާގެ ހުރިހާ ކުލާސްރޫމެއް އޭސީކޮށްފި

ބެލެނިވެރިންނާއި ދަރިވަރުންނާއި ސްޓާފުންގެ އެހީއާއެކު، ތ. އަތޮޅު މަދަރުސާގެ ހުރިހާ ކުލާސްރޫމެއް އޭސީކޮށްފިއެވެ.

ތ. އަތޮޅު މަދަރުސާއިން ބުނީ، އެ ސްކޫލުގެ ކުލާސްރޫމްތައް އޭސީ ހަރުކުރުމުގެ މަސައްކަތް ފެށީ 2013 ވަނަ އަހަރު އެ ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދޭން ފެށި ހިސާބުން ކަމަށާއި، އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މަސައްކަތް ނިންމާލީ އޭސީ ނުކޮށް ހުރި ތިން ކުލާސްރޫމް އޭސީކޮށް އިއްޔެ ނިމުމުން ކަމަށެވެ. ކިޔަވައި ދިނުމަށް 18 ކުލާސްރޫމެއް އެ ސްކޫލުން ބޭނުން ކުރެއެވެ.

އޭސީ ނުކޮށް ހުރި ތިން ކުލާސްރޫމަށް އޭސީ ހަދިޔާކުރީ ބެލެނިވެރިންނާއި އެ ސްކޫލުގެ ސްޓާފުންގެ އިތުރުން ދަރިވަރުންގެ މަސައްކަތު ދުވަހުން ލިބުނު ފައިސާއިންނެވެ.

ތ. އަތޮޅު މަދަރުސާގައި 367 ދަރިވަރުން ފައުންޑޭޝަނުން ފެށިގެން ގުރޭޑް 12އާ ހަމައަށް ކިޔަވަމުންދާއިރު، ފިނި މާހުލެއްގައި އެ ސްކޫލުގެ ހުރިހާ ދަރިވަރުންނަށް ކިޔެވޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށް އެ ސްކޫލުގެ ޕްރިންސިޕަލް އުޝާ މުސާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ސްކޫލުގެ މަރާމަތަށް ލިބުނު ފައިސާއިން، މަރާމާތުގެ މަސައްކަތް ނިންމާލެވުމަކީ ވެސް އެ ސްކޫލް އޭސީ ކުރަން ފަސޭހަވެގެން ދިޔަ އެއް ސަބަބު ކަމަށެވެ.

އުޝާ ވިދާޅުވީ ފެނަކައިން އެ ސްކޫލުގެ ފުރާޅުގައި ސޯލާޕެނަލް ހަރުކޮށްފައިވާ ކަމަށާއި އަދި އެ ބޭނުން ކުރަން ނުފަށާ ކަމަށެވެ.

" ކޫލް ސްކޫލް" އަކަށް ތ. އަތޮޅު މަދަރުސާ ހެދުމަށް ބެލެނިވެރިންނާއި ސްކޫލުގެ މުވައްޒަފުންނާއި އަދި ދަރިވަރުން ގުޅިގެން ކުރި މަސައްކަތަށް އެ ސްކޫލުން ޝުކުރުއަދާކުރެއެވެ.

މުޖުތަމައުގެ ބައިވެރިވުމާއެކު ކުރިއަށް ދެ އަހަރު ދުވަހުގެތެރޭގައި ސަރުކާރު ސްކޫލްތައް އޭސީކުރަން " ކޫލް ސްކޫލް" ޕޮރޮގްރާމް އެޑިޔުކޭޝަން މިނިސްޓްރީން ފެށީ މިދިޔަ މަހުގެތެރޭގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *