ޞަލާޙުއްދީން ސްކޫލުގެ 34 ދަރިވަރުން ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ފުރިހަމަކޮށްފި

ޞަލާޙުއްދީން ސްކޫލުގެ 34 ދަރިވަރުން ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ފުރިހަމަކޮށްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ، ޖޫން 29 އިން ޖުލައި 3ގެ ނިޔަލަށެވެ.

ޞަލާޙުއްދީން ސްކޫލުގައި މި ޖުލައި މަހުގެ 8 ވަނަ ދުވަހުގެ ހަވީރު ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހެޑް އޮފް އޮފީސް އޮފް ދި ކޮމިޝަނަރ، އެސިސްޓެންޓު ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ޝިފާނެވެ. އަދި ޚާއްޞަ މެހެމާނުންގެ ގޮތުގައި ހެޑް އޮފް މާލެ ޕޮލިސް، އެސިސްޓެންޓު ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ، އަދި ހެޑް އޮފް ހުޅުމާލެ ޕޮލިސް، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާވޫދުގެ އިތުރުން، ހެޑް އޮފް ޓްރެފިކް ޕޮލިސް އެންޑް ރޯޑު މެނޭޖުމެންޓު، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސެއިން ސަމީރު، ވެސް ބައިވެރިވެޑައިގެންނެވިއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެސިސްޓެންޓް ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތް ޖީލުތަކަށް މި ކަން އުންގަންނައިދީ ދެމެހެއްޓެނިވިގޮތެއްގައި މި ޕްރޮގުރާމު ކުރިއަށް ގެންދެވުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ނުހަނު ސަމާލުކަމެއް ދީގެން ކުރައްވާ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި މި ޕްރޮގްރާމުން ދަސްވި ކަންކަމުގެ ބޭނުން އަމަލީ މައިދާނުގައި ފުރިހަމައަށް ހިފައި އަބަދުވެސް ނަމޫނާ ދެއްކުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން، ދަރިވަރުންނަކީ ޤައުމަށް ފައިދާހުރި ޒިންމާދާރު ކުދިބައެއްގެ ގޮތުގައި ތަރުބިއްޔަތުކުރުމަށް ކުރެވޭ މަސައްކަތަށް މި ޕްރޮގުރާމުން އެތައް މަންފާއެއް ކުރާނެކަމުގައި ވެސް ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ޓްރެފިކް މޮނިޓަރުންގެ ގޮތުގައި ދަރިވަރުން މަގުމަތީގައި ހަރަކާތްތެރިވާއިރު އެ ދަރިވަރުން ބުނާގޮތަށް ބެލެނިވެރިން އަމަލުކޮށް، މަގުމަތީގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ޞަލާޙުއްދީން ސްކޫލާއި ރޯޑު ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާއި، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ސެލްފް ޑިފެންސް ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މަގުމަތީގައާއި ސްކޫލް ސަރަހައްދުގައި ހަރަކާތްތެރިވާ ދަރިވަރުން އާންމުންނާ މުއާމަލާތުކުރުމުގައި ވާހަކަ ދެއްކުމުގެ ރީތި އަދަބުތައް ގެންގުޅުމަށް މައުލޫމާތުދީފައިވެއެވެ.

ރޯޑު ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން ދަނީ މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި އާއްމު ރައްޔިތުންނާއި، ސްކޫލު ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުންގެ އިތުރުން މުއައްސަސާތަކާއި ޖަމުއިއްޔާ ޖަމާއަތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމުގެ  ޕްރޮގްރާމްތައް ސިލްސިލާކޮށް ހިންގަމުންނެވެ. މިފަދަ ޕްރޮގްރާމުތަކަކީ ވަރަށް ކާމިޔާބު ޕްރޮގްރާމުތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *