ޅ. ނައިފަރުގައި ހުންނަ މަދަރަސަތުލް އިފްތިތާޙުގެ ގުރޭޑް 10 ގައި ކިޔަވަމުންދާ އާސިރު ޢާރިފް ޔޫސުފު ޤުރުއާން ހިތުދަސްކޮށް ހާފިޒު ކަމުގެ ތާޖާއެކު، ނައިފަރަށް ދިއުމުން ހޫނު މަރުހަބާއް ކިޔައިފިއެވެ. އާސިރަށް މަރުހަބާ ކިޔަން ނައިފަރު ބަދަރު ސަރަހައްދުގައި އިއްޔެ ހަވީރު ޚާއްޞަ ރަސްމިއްޔާތެއް ބޭއްވިއެވެ.
ޤުރުއާނާ ބެހޭ މަރުކަޒައި އޮންނަ ހިފްޒް ކޮމިޓީއަށް ހަތިމް އެކީ ކިޔައި ދީ ނިންމީ ހުސްވި ޖޫން މަހުގެ 3 ވަނަ ދުވަހުއެވެ. ހާފިޒު ކަމުގެ ސެޓިފިކެޓް އޭނާ ހޯދީ އެންމެ ކުށެއްވެސް ނުޖެހި ކޮމިޓީއަށް ކިޔައިދިނުމާއެކު ކުރި ހުރިހާ ސުވާލުތަކަށް ރަނގަޅު ޖަވާބު ދީގެން ކަމަށް އާސިރުގެ މަންމަ ޒާހިރާ ޔޫސުފު ދަރިވަރު ނޫހަށް ބުންޏެވެ.
" މިއީ އަޅުގަނޑުމެންނަށާއި ނައިފަރަށް، އާސިރުގެ އުފަން ރަށް ބ. އޭދަފުއްޓަށް ވެސް ލިބުނު ވަރަށް ބޮޑު ޝަރަފެއް. އެންމެ އުފާވަނީ އެންމެ ކުށެއްވެސް ނުޖެހި ކޮމިޓީއަށް ކިޔައިދީ ކޮމިޓީގެ މެމްބަރުން ކުރި ސުވާލުތަކަށް ޔަޤީން ކަމާއި އިތުބާރު އޮވެގެން ރަނގަޅު ޖަވާބު ދިނީމާ " ދަރިފުޅުގެ ކާމިޔާބީއާ މެދު ފަޚުރުވެރިވެ، ޒާހިރާ ބުންޏެވެ.
ޒާހިރާ ބުނީ، އެންމެ ކުޑައިރުއްސުރެ ޤުރުއާނަށް ޝަޢުޤު ހުރުމާއި ޕްރީ ސްކޫލްގައި ކިޔަވަމުން ދިޔައިރު ޢައްމާ ފޮތް ހިތުން ދަސްކުރުމުން، ދަރިފުޅަށް ހިފްޒްކޮށް ދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ މީހަކު އެ ރަށުން ލިބޭނެ ދުވަހަކަށް އުއްމީދު ކުރެވުނު ކަމަށެވެ.

އާސިރު އެންމެ ފުރަތަމަ ޤުރުއާން ކިޔަވަމުން ދިޔައީ ނައިފަރު ސަހަރާގޭ އާބިދާ ޔޫސުފުގެ ކައިރިންނެވެ. ފިލާކިޔައިދީ ހަޠިމް ކޮށްދިނީ އޭނާއެވެ.
ގުރޭޑް އެކަކުން ފެށިގެން ގުރޭޑް ހަތަކާ ހަމައަށް ޤުރުއާން ކިޔަވަން އާސިރު ދިޔައީ ނައިފަރުގައި، މުޙައްމަދު ވާފިރު ހިންގި ބިލާލުލް ޤުރުއާން ކުލާހަށެވެ. އެ ކުލާހުގެ މުޤައްރު އޮންނަ ގޮތުން ގުރޭޑް 7 ނިންމުމުގެ ކުރިން މަދުވެގެން ހަތިމުން ފަސް ފޮތް ދަސްކުރަން ޖެހެއެވެ. އާސިރު ވެސް ޤުރުއާނުން ފަސް ފޮތް ހިތުން ދަސްކުރީ އެ ކުލާހުންނެވެ. އަދި އޭގެ ފަހުން ތަޖުވީދު ދަސްކޮށްދޭ ކުލާހަކަށް ވެސް އާސިރު ކިޔަވަން ދިޔައެވެ.
ހިފްޒް ކުރުމުގެ މަސައްކަތް އާސިރު ފެށީ 2019 ވަނަ އަހަރު، ހިފްޒްކޮށްދޭ ކުލާހެއް، ޝެއިޚް އަހްމަދު ނާޒިލް މުޙައްމަދު ފެއްޓެވި ހިސާބުންނެވެ. ނައުފަރަށް އުފަން ޝެއިޙް ނާޒިލް ފެއްޓެވި ކުލާހުގައި އެންމެ ފުރަތަމަ ބައިވެރިވި ދަރިވަރުންގެ ތެރޭގައި އާސިރު ހިމެނެއެވެ.

" އާސިރަށް ހިފްޒް ކޮށްދޭން، ނާޒިލް ވަރަށް މަސައްކަތް ކޮށްދެއްވި. ކޮންމެ ދުވަހަކު މަދުވެގެން ދެ ގަޑިއިރު ހޭދަ ކުރެއްވި" ޒާހިރާ ބުންޏެވެ.
ޒާހިރާ ބުނީ، ނާޒިލްގެ އެހީތެރިކަމާއެކު ފުރަތަމަ ދަސްކުރަމުން ދިޔައީ ޤުރުއާނުން ސަފްޙާއެކެވެ. އޭގެ ފަހުން އިތުރުކުރަމުން މުރާޖައާ ކުރަމުން ގެންދިޔައެވެ. ހިފްޒް ކުރުމުގެ މަސައްކަތް ފެށިތަނާހެން ކޮވިޑްގެ 19އާ ހެދި ސްކޫލަށް ނުދެވި ގޭގައި ހުންނަން ޖެހުމުން، ގިނަ ވަގުތު އާސިރު ހޭދަކުރީ ހިފްޒް ކުރުމުގައެވެ.

ހާފިޒުކަމުގެ ރަން ތާޖާއެކު އުފާވެފައި ހުރި އާސިރު މިހާރު ތައްޔާރު ވަމުން ދަނީ އޯލެވެލްގައި ވެސް ރަނގަޅު ނަތީޖާއެއް ހޯދާށެވެ. ޤުރުއާން ކިޔެވުމުގައި މުބާރާތްތަކުގައި ބައިވެރިވެ ގިނަ ކާމިޔާބީތަކެއް ވެސް އާސިރު ވަނީ ހޯދާފައެވެ.
ޤުރުއާން ކިޔެވުމުގެ މުބާރާތްތަކުން އާސިރަށް ލިބިފައިވާ ކާމިޔާބީތައް:
- ފާދިއްޕޮޅު އަތޮޅު ކައުންސިލް 30 ވަނަ ޤުރުއާން މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން ނުބަލާ ކިޔެވުމުގެ ބައިން 1ވަނަ (ކީސްޓޭޖް 4 )
- ފާދިއްޕޮޅު އަތޮޅު ކައުންސިލް 30 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތުން މުޅި މުބާރާތުން 1 ވަނަ (ނުބަލާކިޔެވުމުގެ ބައިން)
- ފާދިއްޕޮޅު ނައިފަރު ކައުންސިލް 3 ވަނަ ޤުރުއާން މުބާރާތުން ހިތުން ކިޔެވުމުގެ ގޮފިން 1 ވަނަ.
- ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުން ނުބަލާކިޔެވުމުގެ ގޮފިން 2 ވަނަ.
- ނައިފަރު ކައުންސިލްގެ ވަނަ ޤުރުއާން މުބާރާތުން ހިތުން ކިޔެވުމުގެ ގޮފިން މުޅިމުބާރާތުން 1 ވަނަ
- އިންޓަ ހައުސް 18 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ނުބަލާކިޔެވުމުގެ ގޮފިން މުޅިމުބާރާތުން 2ވަނަ .
- ނައިފަރު ކައުންސިލްގެ 2 ވަނަ ޤުރުއާން މުބާރާތުން ހިތުން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން1 ވަނަ.
- އިންޓަރ ހައުސް 19 ވަނަ ޤުރުއާން މުބާރާތުން ނުބަލައި ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 2 ވަނަ.
- ދައުވާ ފައުންޑެޝަން ގެ ފުރަތަމަ ޤުރުއާން ކިޔެވުމުގެ މުބާރާތުން މުޅިމުބާރާތުން 3 ވަނަ.
- ދައުވާ ފައުންޑޭޝަންގެ ފުރަތަމަ ޤުރުްާއާން މުބާރާތުން 6 އަހަރުން ދަށުގެ ހިތުންކިޔެވުމުން 2 ވަނަ.
ޒާހިރާ ވިދާޅުވީ، ހިފްޒް ކުރަން ފެށި ހިސާބުން ސްކޫލުގައި ކިޔަވަމުން ދިޔަ ހުރިހާ މާއްދާއެއް ވެސް ދަސްކޮށް ހަދަން އާސިރަށް ފަސޭހަވި ކަމަށާއި، ޤުރުއާން ކިޔެވުމާއި ހިފްޒް ކުރަން ފެށުމުން ހިތްއަލިވެ ކިޔެވުމަށް ވެސް ބާރަކަށް ވާކަމަށެވެ.
އާސިރު، ކުރިމަގުގައި ވެސް އޭނާ ފެންނާނީ ޤުރުއާނުގެ ތެރެއިންނެވެ. ޤުރުއާން އުނގަންނައި ދިނުމުގެ ދާއިރާއިންނެވެ. އެއީ ޒާހިރާ އަބަދުމެ ކުރަމުންދާ އުއްމީދެކެވެ.
ޒާހިރާ ބުނި ގޮތުގައި، އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ހާފިޒަކަށް ވުމަށް ކުރި ދަތުރުގައި އޭނާއާ އެކު އެންމެ ބުރަކޮށް މަސައްކަތް ކުރީ އާސިރުގެ ބައްޕައެވެ. ދެން ޝެއިޙް ނާޒިލް ކޮށްދެއްވި ބުރަ މަސައްކަތަށް އެ އާއިލާއިން ޚާއްޝަ ޝުކުރެއް ރައްދުކުރެއެވެ. ހިފްޒް ކޮމިޓީއަށް ކިޔައިދޭން މާލޭގައި ހޭދަކުރި މުއްދަތުގައި ނައިފަރު މަލާޒް ހާމިދު އިބްރާހިމް ދިން އެހީތެރިކަން ވެސް ޒާހިރާ ފާހަގަ ކުރިއެވެ. އަދި އެ މަސައްކަތުގައި އާސިރަށް ހިތްވަރު ދިނުމުގައި މަންމައާއި ބައްޕަ ގެ އާއިލާ އިން ދިން ހިތްވަރާއި ކޮށްދިން މަސައްކަތާއި އަދި ހެޔޮދުއާއަށް ލޯތްބާއި އީޙްތިރާމާއެކު ޝުކުރު އަދާކުރިއެވެ.
advertisment
ހިޔާލު