ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންގައި ޑޮކްޓަރީކަން ކިޔަވަން ފެށި ފުރަތަމަ ބެޗްގެ ކުރިހާ ދަރިވަރުން އެމްބީބީއެސް ކޯހުގެ ފަހު އިމްތިހާނުން ފާސްވެއްޖެއެވެ. އެ ބެޗްގްއި 21 ދަރިވަރުން އިމްތިޙާނުގައި ބައިވެރިވިއެވެ. މިއީ ރާއްޖެއަށް ލިބުނު ތާރީޚީ ކާމިޔާބެކެވެ. އެ ދަރިވަރުންގެ ފަހު އިމްތިޙާން އޮތީ މިދިޔަ އަންގާރަ ދުވަހުއެވެ. ނަތީޖާ ލިބުނީ މިއަދުއެވެ.
އެ ދަރިވަރުން ދަސްވެނިވާނީ އަންނަ އޮކްޓޯބަރު މަހު، އެމްއެންޔޫއިން ބާއްވާ ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ.
ރާއްޖޭގައި ޑޮކްޓަރުން ތަމްރީނު ކުރަން ފެށީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މެލޭޝިޔާގެ ކެބަންސާން ޔުނިވާސިޓީއާ ގުޅިގެން ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީންނެވެ. ކޯހުގެ ހުރިހާ ކަމެއް ބަލަހައްޓައި، ދަރިވަރުންގެ އިމްތިޙާނަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ގެނައީ ކެބަންސާން ޔުނިވާސިޓީންނެވެ. ކޯހުގައި ކިޔަވައިދިނީ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ވޭފުޅުންނެވެ.
ފަސް އަހަރު ދުވަހުގެ ކޯސް ނިންމައި ހުރިހާ ކުދިން ފާސްވުމުން އެންމެ ބޮޑު އުފަލެއް ލިބިވަޑައިގެންނެވި އެއް ބޭފުޅަކީ މެޑިސިން ސްކޫލުގެ ޑީން، ޑރ. ޝީޒާ އަލީއެވެ. ޝިޒާއަކީ އެ ސްކޫލުގެ ފުރަތަމަ ޑީންއެވެ. ދަރިވަރު ނޫހާ ވާހަކަ ދައްކަވަމުން ޑރ ޝީޒާ ވިދާޅުވީ، ރާއްޖޭގައި ޑޮކްޓަރީކަން ކިޔަވަން ފެށި ފުރަތަމަ ބެޗްގެ ހުރިހާ ދަރިވަރުން ފާސްވުމަކީ އެއީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ރާއްޖެއަށް ލިބުނު ފަޚުރެއް ކަމަށެވެ.
ޝީޒާ ވިދާޅުވީ، ޑޮކްޓަރުން ތަމްރީނު ކުރުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ގިނަ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދައިދޭން ފޮނުވަން ޖެހޭ ތަންތަން މަދުވުމެވެ. މިހާރު ކިޔަވަމުންދާ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދަމުން ދަނީ އައިޖީއެމްއެޗާއި އޭޑީކޭއިންނެވެ.
ޑރ. ޝީޒާ ވިދާޅުވީ، އެމްބީބީއެސް ނިންމިޔަސް މެޑިކަލް ކައުންސިލުން ހުއްދަ ދޭނީ އެއް އަހަރު ދުވަހުގެ އަމަލީ ތަޖުރިބާއަށްފަހު ކަމަށާއި އިންޓރންޝިޕް ފުރިހަމަ ކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ހޯދައި ދޭނީ ރާއްޖޭގެ ހޮސްޕިޓަލު ތަކުގައި މަސައްކަތް ކޮށްގެން ކަމަށެވެ. އެކަމަކު ދަރިވަރުން ބޭނުންވެއްޖެ ނަމަ ރާއްޖެއިން ބޭރުން އިންޓަރންޝިޕް ފުރިހަަމަ ކުރުމުގެ ފުރުޞަތު އޮންނާނެ ކަަމަށެވެ.
ހިލޭ ޑިގްރީގެ ދަށުން ރާއްޖޭގައި ޑޮކްޓަރީކަން ކިޔެވެއެވެ. މިހާރުވެސް 220 ދަރުވަރުން ދަނީ ޑޮކްޓަރީކަން ކިޔަވަމުންނެވެ.
advertisment
ހިޔާލު