އެއް ދަންފަޅިއަށް ކިޔެވުން ބަދަލުކޮށް އުކުޅަހު ސްކޫލަށް ހަމަނޭވާއެއް

" އަޅުގަނޑުމެންނަށް އަދި ކިރިޔާ ހަމަ ނޭވާއެއް މި ލެވުނީ" އެ ވާހަކަ ދެއްކެވިއިރު ވެސް އއ. އުކުޅަހު ސުކޫލުގެ ޕްރިންސިޕަލް ޝަހުލާ އިމާދުގެ އަޑުގައި ވަނީ އުފާވެރިކަމެވެ.

" ހެނދުނު 6:45ން ފެށިގެން އެކްސްޓްރާ ކުލާސްތަކާ އެކު ރޭގަނޑު 10 ޖަހަންދެން މިއޮތްހާ ދުވަހު ޓީޗަރުން މަސައްކަތް ކުރަމުން އައީ. ކުލާހެއްގައި ޕާޓިޝަން ޖަހައިގެން ދެކުލާހަށް ހަދައިގެން ކިޔަވައި ދެނީ. ދަރިވަރުންނަށް ހަރަކާތްތަކެއް ކުރިއަށް ނުގެންދެވޭއިރު، މުވައްޒަފުންނާއި ޓީޗަރުން މަސައްކަތް ކުރީ އެހާމެ ދަތީގައި"

އުކުޅަހު ސްކޫލު އެއް ދަންފަޅިއަށް ބަދަލު ކުރީ އެ ސްކޫލުގައި އަލަށް އިމާރާތް ކުރި ދެ އިމާރާތުގެ މަސައްކަތް ނިމި، އެ އިމާރާތް ބޭނުން ކުރުމުގެ ވަގުތީ ހުއްދައެއްގެ ދަށުންނެވެ. އެ ދެ އިމާރާތުގައި 12 ކުލާސް ރޫމުގެ ތެރެއިން އެއް އިމާރާތުގައި އަށް ކުލާސް ރޫމް، އަނެއް އިމާރާތުގައި ހަތަރު ކުލާސް ރޫމާއި މަލްޓިޕާޕަސް ހޯލެއް ހިމެނެއެވެ.

ޝަހުލާ ވިދާޅުވީ، ޖާގަ އިތުރުވުމާއެކު ކުދިންނާއި މުވައްޒަފުން އަދި ޓީޗަރުންނަށް އެންމެ އެކަށީގެންވާ މާހައުލެއް އެ ސްކޫލުގައި މިހާރު އޮންނާނެ ކަމަށެވެ. ކުދިންގެ ކުރިއެރުމަށް އެތައް ފުރުޞަތުތަކެއް ހުޅުވި މަސައްކަތް ކުރުމުގެ ޖާގަ ލިބިގެންދާނެއެވެ.

އުކުލަހު ސްކޫލުގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 10އާ ހަމައަށް 361 ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.

ޝަހުލާ ވިދާޅުވީ، އާ އިމާރާތް ބޭނުން ކުރި ނަމަވެސް ހުރިހާ ކަމެއް އަދި ފުރިހަމަ ނުވާ ކަމަށާއި، ދަރިވަރުންގެ ހުނަރު ތަރައްޤީ ކުރުމަށް ޕްރޮގްރާމްތަކެއް މިހާރު ރާވަމުން ގެންދަވާ ކަމަށާއި އެ ޕްރޮގްރާމްތައް ވަރަށް އަވަހަށް އެ ސްކޫލުގައި ފަށަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *