ރާއްޖޭގެ ދަނޑުވެރިކަމުގެ ޢިލްމީ ދިރާސާތައް ކުރަން އެމްއެންޔޫއަށް

ރާއްޖޭގެ ދަނޑުވެރިކަމުގެ ޢިލްމީ ދިރާސާތައް ކުރަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއެކު ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ސޮއިކޮށްފިއެވެ.

އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު، ޑރ. އައިޝަތު ޝެހެނާޒު އާދަމެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު، ޑރ. ޢާއިޝަތު ރަމީލާއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ޑރ. ރަމީލާ ވިދާޅުވީ، ރާއްޖޭގެ ދަނޑުވެރިކަމުގެ ހާލަތާއި ދަނޑުވެރިކަން އޮތް ގޮތެއް އެނގެން ނެތް ކަމަށެވެ. އަދި އެފަދަ ދިރާސާއެއް މިހާނަތަށް ހެދިފައި ނެތް ކަމަށެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ޢިލްމީ ދިރާސެއް ހެދިފައި ނެތުމުން އެ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ  ފައިސާއާއި ތަމްރީނުގެ ފުރުޞަތުތައް ހޯދަން ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

ޑރ. ރަމީލާ ވިދާޅުވީ، ދަނޑުވެރިންނަށް އިތުރަށް ރަނގަޅު މަންފާއެއް ނެރެވޭނެ ގޮތުގެ މައުލޫމާތާއި ލަފާ ދެވޭނީ، ރާއްޖޭގައި ދަނޑުވެރިކަން ކުރާ ރަށްރަށުގެ ބިމުގެ ހާލަތާއި އެސިޑިޓީ ހުރިވަރު ނުވަތަ ސެލިނިޓީ ހުރިވަރު، ނުވަތަ ދަނޑުވެރިކަމުގެ ބޭނުމަށް ޕެސްޓިސައިޑް އެޅުމުގެ ސަބަބުން ބިންގަނޑު ހަލާކުވެފައި ވުމުގެ ސަބަބު ދެނެގަނެވިގެން ކަމަށެވެ. އެކަން ކުރުމަށް ޢިލްމީ ދިރާސާތައް މުހިންމުކަން ޑރ. ރަމީލާ ފާހަގަކުރެއްވިއެވެ.

އަދި އޭނާ ވިދާޅުވީ، އެކިއެކި ލެވެލްގައި ކިޔަވާ ދަރިވަރުންނަކީ ވެސް ދަނޑުވެރިކަމާއި ގުޅުންހުރި ކަންކަމުގެ ދިރާސާތައް ކުރުމުގެ ޝައުޤު ސައުގުވެރިވާ ބަޔަކަށް ހަދަންޖެހޭ ކަމަށާއި އެ ޝަޢުޤު ވެސް އުފައްދަން ޖެހޭ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވައިސް ޗާންސެލަރު ޑރ. ޝެހެނާޒު ވިދާޅުވީ، ދަނޑުވެރިކަމުގެ ދިރާސާތަކުގެ އަލީގައި ތަފާތު ވައްތަރުގެ ތަކެތި ހައްދައިގެން އިމްޕޯޓަށް ބަރޯސާވާ މިންވަރު މަދުކުރުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ.

އޭނާ ވިދާޅުވީ، ދެމެހެއްޓެނިވި ދަނޑުވެރިކަމެއް، އަޅުގަނޑުމެންގެ ދިރިހުރުމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް މުހިންމު ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *