ޗާރޓަރޑް އެކައުންޓެންޓުން ތަމްރީނު ކުރަން 100 ސްކޮލަރޝިޕަށް ހުޅުވާލައިފި

ދިވެހިރާއްޖޭގައި ޗާރޓަރޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރަން 100 ސްކޮލަރޝިޕަށް ހުޅުވާލައިފިއެވެ.

މި ސްކޮލަރޝިޕްގެ ސުންގަޑިއަކީ  ޖުލައި މަހުގެ 31 ވަނަ ދުވަހުގެ 13:30އެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ކުރި ހުޅުވާލި ސަތޭކަ ސްކޮލަރޝިޕް ބަހާލާފައި ވަނީ ދެ ބަޔަކަށެވެ. އެއީ ދައުލަތުގެ އިދާރާތަކުގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް، ޕަބްލިކް ކެޓެގަރީގެ ގޮތުގައި ހުޅުވާލި 50 ސްކޮލަރޝިޕް ފުރުޞަތާއި އަމިއްލަ އިދާރާތަކުގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކާއި ވަޒީފާގައި ނޫޅޭފަރާތްތަކަށް، އޯޕަން ކެޓެގަރީގެ ގޮތުގައި ހުޅުވާލި 50 ސްކޮލަރޝިޕެވެ.

މި ސްކޮލަރޝިޕްގެ ދާއިރާއަކީ، އެސޯސިއޭޝަން އޮފް ޗާރޓަރޑް ސެޓިފައިޑް އެކައުންޓެންޓްސް (ACCA) ސްކިލްސް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލްއާއި  ޗާރޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމެންޓް އެކައުންޓެންޓްސް (CIMA) މެނޭޖްމަންޓް ލެވެލް އަދި ސްޓްރެޓީޖިކް ލެވެލްއެވެ. މި ސްކޮލަރޝިޕްގެ ޝަރުޠެއް ކަމުގައި ބުނެފައި ވަނީ، އެ ވުޒާރާގެ ދަށުން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތަކަށް ވުމާއި އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުމެވެ. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުމެވެ.

ސްކޮލަރޝިޕްތަކުގައި ސަރުކާރުން ޚަރަދުކުރާނެ ކަންތައްތައް:

– ރަޖިސްޓްރީކުރުމުގެ ފީ / ރީ-ރަޖިސްޓްރޭޝަން ފީ

– އެނުއަލް ސަބްސްކްރިޕްޝަން ފީ

– އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އެގްޒެމްޝަން ފީ

– އެގްޒާމް ފީ

– އެފްލިއޭޝަން ފީ

– މެމްބަރޝިޕް ފީ (2 އަހަރު ދުވަހުގެ ތެރޭގައި ދަރިވަރު ނިމޭކަމުގައިވާނަމަ)

– ބުކް އެލަވަންސް (ސްކޮލަރޝިޕްގައި ކިޔަވަމުންދާ މުއްދަތަށް އަހަރަކު އެއްފަހަރު)

– ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮލެޖް ނުވަތަ ޔުނިވަރސިޓީތަކުން ކިޔަވާނަމަ ޓިއުޝަން ފީ

– އަމިއްލައަށް ކިޔަވާ ފަރާތްތަކަށް ޓިއުޝަން ފީ ނުހިމަނައި މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ޚަރަދު

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، މި ސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގައި ގިނަ މޮޑިއުލްތައް ނިންމާފައިވާ ފަރާތްތައް ނުވަތަ ކުރިން ފުރިހަމަކޮށްފައިވާ ކޯހެއްގެ ސަބަބުން ގިނަ މޮޑިއުލްތަކަކަށް އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ފުރިހަމަކުރަން ބާކީއޮންނަ މޮޑިއުލްގެ އަދަދު އެއްވަރުވާނަމަ، އެއްވަރުވި ފަރާތްތަކުގެ ތެރެއިން ކެންޑިޑޭޓަކު ހޮވާނީ މެރިޓް އުސޫލުންނެވެ. މި ސްކޮލަރޝިޕަށް ހޮވުމުގައި ޕަބްލިކް ކެޓަގަރީއަށް ކުރިމަތިލާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. އަދި މި ކެޓަގަރީއަށް ކަނޑައެޅިފައިވާ ޖާގައަށް ވުރެ އިތުރަށް ޝަރުތުހަމަވާ ފަރާތްތަކުން ކުރިމަތިލާފައިވާނަމަ، އެ ފަރާތްތަކުގެ އެޕްލިކޭޝަން އޯޕެން ކެޓަގަރީގައި ހިމެނޭނެއެވެ.

ދަރިވަރު ސްކޮލަރޝިޕްއަށް ހޮވުނުކަން މި މިނިސްޓްރީއިން އަންގާ ތާރީޚުން ފެށިގެން 1 އަހަރު މުއްދަތު ތެރޭގައި ސްކޮލަރޝިޕްގެ ދަށުން ކިޔެވުން ފަށަންވާނެއެވެ. ކިޔެވުން ފެށިކަމަށް ބެލެވޭނީ ސްކޮލަރޝިޕްގެ ދަށުން ޕޭމެންޓަށް އެދި މި މިނިސްޓްރީއަށް ހުށަހެޅުމުންނެވެ. މި ސްކޮލަރޝިޕަށް ހޮވޭ ފަރާތްތަކަށް ކޯސް ފުރިހަމަކުރުމަށް ދެވޭނީ ސްކޮލަރޝިޕް އެވޯޑުކުރެވޭ ދުވަހުން ފެށިގެން ގިނަވެގެން 3 އަހަރު ދުވަހެވެ. މި މުއްދަތު އިތުރުކޮށެއް ނުދެވޭނެއެވެ.

އޭސީސީއޭ ނުވަތަ ސީމާ ކިޔަވައި ނިންމާފައިވާ ދަރިވަރުން މި ސްކޮލަރޝިޕަށް ކޮލިފައި ނުވާނެ ކަމަށާއި ސްކޮލަރޝިޕަށް ހޮވޭ ދަރިވަރު އެދިފައިވާ ކޯސް ބަދަލެއް ނުކުރެވޭނެ ކަމަށާއި ސްކޮލަރޝިޕްގެ ދަށުން ފުރިހަމަކުރަންޖެހޭ ހުރިހާ މޮޑިއުލްއެއް ނިމުމަށްފަހު، އެނުއަލް ސަބްސްކްރިޕްޝަން ފީއަށް ސްކޮލަރޝިޕްގެ ދަށުން ފަންޑު ނުދެވޭނެ ކަމަށް ވެސް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *