ކޮންމެ މަހަކު ޤުރުއާނުން ތިން ފޮތަށްވުރެ ގިނައިން ދަސްކުރާ ކުދިންނަށް ޚާއްސަ ޕޮކެޓް މަނީއެއް އަންނަ އަހަރުން ފެށިގެން ފޯރުކޮށްދޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ގުރުއާން ކިޔެވުމުގެ 36ވަނަ ގައުމީ މުބާރާތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ " "އިރާދަ ކުރެއްވިއްޔާ މި އަންނަ އަހަރުން ފެށިގެން ކޮންމެ މަހަކު ތިން ފޮތަށްވުރެ ގިނައިން ދަސްކުރާ ކުދިންނަށް ޚާއްސަ ޕޮކެޓް މަނީއެއް އަޅުގަނޑުމެން ފޯރުކޮށްދޭނަން" ކަމަށެވެ. އެކަން ކުރައްވަނީ ރާއްޖޭގައި ގުރުއާނުގެ އިލްމު ފުޅާކޮށް، ގުރުއާން ހިތުދަސްކުރުމަށް ބާރު އެޅުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.
ވަޒީރު، ޑރ. ޝަހީމް ވިދާޅުވީ ޤުރުއާން ހިތުދަސްކުރާ ކުދިންނަށް ޕޮކެޓް މަނީއެއް ދިނުމުގެ އިތުރުން އުމްރާގެ އަޅުކަމަށް ފޮނުވުމުގެ މަޝްރޫއެއް ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ފައްޓަވާނެކަން އިއުލާން ކުރައްވާފައެވެ. އަދި ވިދާޅުވީ، އެ މަޝްރޫގެ ދަށުން ފުރަތަމަ އުމްރާއަށް ފޮނުވާނީ ފުވައްމުލަކު ސިޓީން ގުރުއާން ހިތުދަސްކުރި ހަތް ދަރިވަރުން ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ، ޤުރުއާނުގެ އިލްމް މުޅިރާއްޖެއަށް ފެތުރުމަށް، ޤުރުއާނާ ބެހޭ މަރުކަޒު ހިންގަން ޚާއްޞަ ބިނާއެއް ޤާއިމް ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށާއި އަދި އްޑޫއާއި ފުވައްމުލަކުގެ އިތުރުން ހައްދުން މައްޗާއި އެހެނިހެން ބައެއް ސަރަހައްދުތަކުގައި ވެސް ޤުރުއާނާ ބެހޭ މަރުކަޒެއް ގާއިމް ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ، މީގެ 36 އަހަރު ކުރިން ފެށި ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ވަރަށް ވަރުގަދަ މަދަރުސާއެއް ކަމަށާއި އެ މަދަރުސާއިން ތަމްރީންވެފައިވާ އެތައް ދަރިވަރުންތަކެއް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ތަފާތު އެކި ޤުރުއާން މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރަމުންދާ ކަމަށެވެ.
ގުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި 119 މުއައްސަސާއަކުން 1029 ބައިވެރިން ވާދަކުރެއެވެ. މިއަހަރުގެ މުބާރާތް ހުޅުވާލާފައިވަނީ އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށާއި ޤުރްއާން ކުލާސްތަކުގެ އިތުރުން ހާފިޒުންނަށް ބައިވެރިވެވޭ ގޮތަށެވެ. މިފަހަރުގެ ބައިވެރިންގެ ތެރޭގައި 52 ސްކޫލުން 365 ދަރިވަރުންނާއި، ކައުންސިލްތަކުގެ ފަރާތުން ވާދަކުރާ 357 ބައިވެރިންގެ އިތުރުން އެހެނިހެން މުއައްސަސާތަކުގެ 292 ބައިވެރިނ ހިމެނެއެވެ. އަދި ހާފިޒުންގެ ބައިން 15 ބައިވެރިން މި އަހަރު ވާދަކުރެއެވެ.
advertisment
ހިޔާލު