ޢަމަލީ ތަޖުރިބާ ދަތުރުން، ފޭދޫ ސްކޫލުގެ ދަރިވަރުން ދަސްކުރީ ދިރިއުޅުމުގެ ތަފާތު ހުނަރު

ދިރިއުޅުމުގެ ހުނަރުތައް ދަރިވަރުންނަށް ހޯދައި ދިނުމަށް އަހަރަކު އެއްފަހަރު ބާއްވާ ދަތުރު މި އަހަރު އައްޑޫ ސިޓީ ފޭދޫން ސްކޫލުން މި އަހަރު ކުރީ ގދ. އަތޮޅަށެވެ. އެ ސްކޫލުގެ ގުރޭޑް 10ގެ 17 ދަރިވަރުންނާއި އަށް އޮފިޝަލުން މި ދަތުރުގައި ބައިވެރިވިއެވެ.

މި ފަހަރުގެ ދަތުރުގައި ތިނަދޫ ސިޓީއާއި މަޑަވެއްޔާއި ހޯޑެއްދޫއާއި ގައްދޫގެ އިތުރުން ވާދޫއަށް ޒިޔާރާތް ކުރިއެވެ. އަދި ގދ. ގައި ހިންގާ ހަޑަހާ ރިސޯޓަށް ވެސް ދަރިވަރުން ދަތުރުކޮށް ޢަމަލީ ތަޖުރިބާ ހޯދިއެވެ.

މި މަހު، 16ން 22އަށް ކުރި ފޭދޫ ސްކޫލުގެ ދަރިވަރުން ކުރި ދަތުރުގައި ދަރިވަރުންނާއި އޮފިޝަލުން ތިބުމުގެ އިންތިޒާމް ހަމަޖެއްސައިދިނީ ގދ. އޭއީސީ އާއި އަބޫބަކުރު ސްކޫލުންނެވެ.

ފެދޫ ސްކޫލުގެ ދަރިވަރުން ވަނީ މި ރަށްތަކަށް ދަތުރުކޮށް އެ ރަށްރަށުގައި ހުރި މުހިންމު ތަންތަނަށް ޒިޔާރާތް ކޮށް ތަގާފީ މައުލޫމާތު ވެސް އެއްކޮށްފައެވެ.

ފޭދޫ ސްކޫލުގެ ލީޑިންގ ޓީޗަރު، ޑރ. އަޙްމީމާ ލުތުފީ ދަރިވަރު ނޫހަށް ވިދާޅުވީ، އެ ސްކޫލުން ގދ. އަތޮޅަށް ކުރި ދަތުރުން ދަރިވަރުންނަށް ދިރިއުޅުމުގެ ތަފާތު ހުނަރުތަކަށް އަމާޒުކޮށްގެން އަމަލީ ތަޖުރިބާ ހޯދައި ދިނުމުގެ މަސައްކަތް ކުރެއްވި ކަމަށެވެ. މި ދަތުރުގައި ދިޔަ މީހުން އުޅޭ ފަސް ރަށުގެ އިތުރުން ރިސޯޓްގެ އެހީ ތެރިކަމާއެކު ކުރިން ދަރިވަރުންނަށް ތަޖުރިބާ ކުރެވިފައި ނުވާ އާ ކަންތައްތައް ތަޖުރިބާކޮށް ހޯދައި ބަލައި އެކަންތައްތަކާ މެދު ވިސްނައި ފިކުރު ކުރުމުގެ ފުރުޞަތު ހޯދައި ދެވުނު ކަމަށެވެ.

އޭނާ ވިދާޅުވީ، މުސީބާތްތަކުން އެނބުރި އައިސް ގޮންޖެހުންތަކުން އަރައިގަތުމުގެ ޤާބިލުކަމާއި، އާ ހާލަތްތަކާއި މާހައުލާއި އުންމީދު ނުކުރާ ފަދަ ބަދަލުތަކަށް ހޭނުމާއި ލިބޭ މައުލޫމާތު ތަކުގެ މައްޗަށް ބިނާކޮށް އެނަލައިޒްކުރުމާއި، ވިސްނުންތެރި ނިންމުންތައް ނިންމުމާއި، މައްސަލަތައް ހަރުދަނާ ގޮތެއްގައި ހައްލުކުރުމުގެ ޤާބިލުކަން ހޯދުމާއި ތިމާގެ އަމިއްލަ އިހުސާސްތައް ދެނެގަނެ މެނޭޖްކުރުމާއި، އެހެން މީހުންނާ މެދު ހަމްދަރުދީވެ، ހަރުދަނާ ގުޅުންތައް ބަދަހިކުރުން ދަރިވަރުންނަށް ދަސްކޮށް ދެވުނު ކަމަށެވެ. އަދި ޚިޔާލު ފާޅުކުރުމާއި، އަމަލީގޮތުން އެހެން މީހުންގެ ވާހަކަ ތައް އަޑުއެހުމާއި އުފެއްދުންތެރިކަން އިތުރުކޮށް ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ހަރުދަނާގޮތެއްގައި އިންތިޒާމުކޮށް، އަޚްލާޤީ އުޞޫލުތަކާއި ނަޒާހަތްތެރިކަމަށް ޢަމަލުކުރުމަށް، ދޭދޭ ގުޅުންތަކުގައި އިތުބާރާއި އިޙްތިރާމް އުފައްދައިދައި ދިނުމަށް ބާރުއަޅާފައިވާނެ ކަމަށެވެ.

ރަނގަޅު ގުޅުންތައް ބިނާކޮށް ދެމެހެއްޓުމާއި، ތިމާގެ އަމިއްލަ މަސައްކަތާއި އަޚްލާޤު ރަނގަޅު ކުރާނެ ގޮތް ދެނެގަނެ، ލިބެންހުރި ވަސީލަތްތަކުގެ ބޭނުން ހަރުދަނާގޮތެއްގައި ހިފުމަށް އަވަސް އަދި ފައިދާހުރި ގޮތްތައް ނިންމުމުގެ ޤާބިލުކަން އިތުރުކުރުން ވެސް ހިމެނޭ ކަމަށެވެ.

ދަރިވަރުންގެ ތަޖުރިބާ ދަތުރުގައި ގދ. އޭއީސީއާއި އަބޫބަކުރު ސްކޫލާއި ކޫއްޑޫ ފިޝަރީޒް ކޮމްޕެލެކްސްއާއި ގދ. އަތޮޅު ޕޮލިސް ސްޓޭޝަނުންނާއި އަދި ހަޑަހާ މޯލްޑިވްސް ރިޒޯޓުން ދެއްވި އެއްބާރުލުމާއި ބެހެއްޓެވި މެހުމާންދާރީއަށް ޑރ. އަޙްމީމާ ވިދާޅުވަނީ ފޭދޫ ސްކޫލުގެ ނަމުގައި އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މިއީ ފޭދޫ ސްކޫލުން ގދ. އަތޮޅަށް ކުރާ ދެވަނަ ދަތުރެކެވެ. މީގެ ކުރިން އެ ސްކޫލުން ވަނީ ބ. އަތޮޅާއި ލ. އަތޮޅުގެ އިތުރުން ގއ. އަތޮޅަށް ވެސް ދަރިވަރުން ގޮވައިގެން ތަޖުރިބާ ދަތުރުތަކެއް ކޮށްފައެވެ.

ދަރިވަރުންނަށް ރާއްޖެއިން ބޭރުން "ސޯޝަލް ސްކިލްސް" ހޯދައި ދިނުމަށް އެ ސްކޫލުން އަންނަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ތުރުކީއަށް ދާން ތައްޔާރު ވަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *