ރަސްމީ ތަޢުލީމީ ނިޒާމުގެ ތެރޭގައި ކިޔަވާ 423 ދަރިވަރުންނަކީ ލަރނިންގ ޑިސްއެބިލިޓީ ހުންނަ ދަރިވަރުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ދަރިވަރުން ކަމަށް ޑިޕާޓްމަންޓް އޮފް އިންކުލޫސިވް އެޑިޔުކޭޝަނުން ބުނެފިއެވެ.
އެ އިދާރާއިން ބުނީ، މިހާތަނަށް ޑައިގްނޯސް ނުކުރެވިވާ ދަރިވަރުންގެ އަދަދާއެކު މި އަދަދު މިއަށްވުރެ އިތުރުވުން އެކަށީގެންވާ ކަމަށެވެ.
ކޮންމެ އަހަރަކު ވެސް ޖޫން މަހުގެ 17އިން 23އަށް ފާހަގަ ކުރަނީ ލަރނިންގ ޑިސްއެބިލިޓީއަށް ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރުމަށް ބައިނަލް އަޤްވާމީ ގޮތުން ފާހަގަ ކުރާ ދުވަހުގެ ގޮތުގައެވެ.
އިންކުލޫސިވް އެޑިޔުކޭޝަނުގެ ފަރާތުން ސްކޫލުތައް މެދުވެރިކޮށް އެއްކުރި މަޢުލޫމާތުގެ އަލީގައި މިދިޔަ އހަރުގެ ނިޔަލަށް ރާއްޖޭގައި ތަޢުލީމު އުނގެނުމުގައި ޚާއްޞަ އެހީތެރިކަން ބޭނުންވާ އެކި ގިންތިތަކުގެ 4248 ދަރިވަރުން ތިބިކަން ފާހަގަ ކުރެވިފައިވާ ކަމަށް ފާއިތިވި އަހަރު އެ ޑިޕާޓްމަންޓުން ނެރުނު އަހަރީ ރިޕޯޓްގައި ބުނެފައިވެވެ. އެއީ 3141 ފިރިހެން ކުދިންނާއި 1107 އަންހެން ކުދިންނެވެ.
ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނގަންނައި ދިނުމަށް ހިންގާ ޕްރޮގްރާމްތަކަށް ކުދިން ބެހިފައިވާ ގޮތަށް ބަލާއިރު 2879 ދަރިވަރުން ކިޔަވަމުން ދަނީ މެއިންސްޓްރީމްގައެވެ.
ހުރިހާ ކުދިން ޝާމިލުކޮށްގެން ސްކޫލުތަކުގައި ކިޔަވައި ދިނުމަކީ ސްކޫލްތަކުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ.
advertisment
ހިޔާލު