ފަލަސްތީނަށް އެހީވުމަކީ މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެން އަދާކުރަން ޖެހޭ އަޚުލާޤީ އަދި ދީނީ ވާޖިބެއް ކަމަށް ހުކުރު ހުޠުބާގައި ގޮވާލައިފިއެވެ.
މިއަދުގެ ހުކުރު ޙުޠުބާ ޚާއްޞަ ކުރީ، ފަލަސްޠީނާ މެދު، އިސްލާމީ އުންމަތުގެ މަސްއޫލިއްޔަތުގެ މައްޗަށެވެ.
މިއަދު އިސްލާމީ އުންމަތާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އިވެމުންދަނީ ފަލަސްޠީނުގެ އަޑު ކަމަށާއި، ފަލަސްޠީނަކީ ޝާމްކަރައިގެ ބަޔަކަށްވިއިރު، އެއީ އިސްލާމީ ހިދާޔަތާއި ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންގެ ދަޢުވަތާއި އެބޭކަލުންނަށް ބާވައިލެއްވި ފޮތްތަކާއި ގުޅިފައިވާ ފަސްގަނޑެވެ. އަދި އެއީ އިސްލާމީ އުންމަތުގެ ޢިއްޒަތާއި ކަރާމަތާ ގުޅިފައިވާ ފަސްގަނޑެއް ކަމަށާއި މި އުންމަތުގެ ދެވަނަ ޚަލީފާ ޢުމަރު ބުނު ޚާއްޠާބާ، ބައިތުލްމަޤްދިސްގެ ތަޅުދަނޑިތައް ޙަވާލުކުރެއްވުނެވެ. އެއަށް ފަހު، އަލްއަޤްޞާ މިސްކިތް ޠާހިރުކުރައްވައި، ބައިތުލްމަޤްދިސްގައި އިސްލާމީ ނިޒާމު ޤާއިމުކުރެއްވިއެވެ. އަދި އެ ތަނުގައި އުޅެމުން ދިޔަ މަޞީޙީންނަށް އަމާންކަން ދެއްވައި، އެއުރެންނާ އެކު ޞުލްޙައިގެ މުޢާހަދާއެއް ޤާއިމުކުރެއްވިއެވެ. މީގެ އިތުރަށް، ޞަލާޙުއްދީނުލްއައްޔޫބީ، ޞަލީބީންގެ އަތް ދަށުން އަލްމަސްޖިދުލްއަޤްޞާ މިނިވަންކުރައްވައި ބައިތުލްމަޤްދިސް ފަތަޙަކުރެއްވި ވާހަކައަކީ ވެސް އިސްލާމީ އުންމަތުގެ ތާރީޚުގައި ރަން އަކުރުން ފަވައިލެވިފައިވާ ވާހަކައެކެވެ. މި ވާހަކަތަކަކީ މިއަދު އިސްލާމީ ޒުވާން ޖީލަށް އެނގޭން ޖެހޭ ނުހަނު ޢިބްރަތްތެރި ވާހަކަތަކެކެވެ. މިކަން ޢިބުރަތަކަށްވީ، މުސްލިމުން، ހަނގުރާމައިގެ ޙާލަތުގައި ވެސް ޢަމަލުކުރި ގޮތުންނެވެ. މުސްލިމުން ޢަމަލުކުރީ ރިވެތި އަޚުލާޤުންނެވެ. އަނިޔާވެރިވުމެއްނެތިއެވެ. އިސްލާމްދީނުގައި އަނިޔާވެރިވުން ވަނީ ޙަރާމްކުރައްވާފައެވެ. އެއްވެސް ދީނެއްގެ މީހަކަށް ނުޙައްޤުން އަނިޔާއެއް ދިނުމަކީ އިސްލާމްދީން މަނާކުރާކަމެކެވެ. އަދި ހަނގުރާމައިގެ އަސީރުންނަށް ވެސް ހެޔޮކޮށް ހިތައި އެމީހުންނަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަކީ އިސްލާމްދީނުގައި ނުހަނު ބާރު އަޅާފައިވާ ކަމެކެވެ. ހަނގުރާމައިގެ ޙާލަތުގައިވެސް ކުޑަކުދިންނާއި މުސްކުޅިންނާއި އަންހެނުން ޤަތުލުކުރުމާއި ގަސްގަހާގެހި ހަލާކުކުރުމާއި، ޖަނާވާރުތަށް މެރުން، އިސްލާމްދީނުގައި ނަހީކުރައްވާފައިވެއެވެ. އަދި އެހެން ދީންތަކުގެ އަޅުކަންކުރާތަންތަން ހަލާކުކުރުމާއި، އެ ތަންތަނުގައި އަޅުކަންކުރަން ތިބޭ މީހުން ޤަތުލުކުރުންވެސް ނަހީކުރައްވާފައެވެ. މިއީ ހަނގުރާމައިގެ ޙާލަތުގައި ވެސް އިސްލާމީ އަޚުލާޤިއްޔާތެވެ. އިސްލާމްދީންވަނީ އިންސާނިއްޔަތުކަން ޙިމާޔަތްކުރި ފަދައިން، ޖަނަވާރުންނާއި، ތިމާވެށި ވެސް ޙިމާޔަތްކޮށްފައެވެ. މިކަންކަމުން ދޭހަވަނީ އިސްލާމްދީނުގެ ސަމާޙަތްތެރިކަމާއި މަތިވެރިކަމެވެ. އިންސާނިއްޔަތުކަމެވެ.

ފަލަސްޠީނާއި ބައިތުލްމަޤްދިސާއި އަލްމަސްޖިދުލްއަޤްޞާގެ ވާހަކަ ދެކެވޭ އިރު، އިސްރާއާއި މިޢުރާޖުގެ މަތިވެރި މުޢުޖިޒާތުގެ ވާހަކަ ކޮންމެ މުސްލިމެއްގެ ހަނދާނަށް އަންނާނެކަން ކަށަވަރެވެ. އިސްރާއާއި މިޢުރާޖުގެ މުޢުޖިޒާތަކީ، ކީރިތި ރަސޫލާގެ ނުބުއްވަތުގެ ތެދުކަން ކަށަވަރުކުރެއްވުމަށާއި، އިތުރު އެކަލޭގެފާނުގެ ހިތްޕުޅަށް ސާބިތުކަން ދެއްވުމަށްޓަކައި މާތް اﷲ އިތުރުއެކަލޭގެފާނަށް ދެއްވި ވަރަށް މަތިވެރި މުޢުޖިޒާތެކެވެ. އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުން ބުނެދެނީ ދުވަހަކު ވެސް އިސްލާމީ އުންމަތާއި ފަލަސްޠީނު ވަކިވެގެން ނުދާނެކަމެވެ. އިސްރާއަކީ އަލްމަސްޖިދުލްޙަރާމުން އަލްމަސްޖިދުލްއަޤްޞާއަށް ރޭގަނޑުން ބައެއްގައި އެކަލޭގެފާނާއިގެން ކުރެއްވުނު ދަތުރުފުޅެވެ. މިޢުރާޖަކީ އަލްމަސްޖިދުލްއަޤްޞާއިން މަލަކޫތީ ޢާލަމަށް އެކަލޭގެފާނާއިގެން ކުރެއްވުނު ދަތުރުފުޅެވެ. މައްކާއާއި ބައިތުލްމަޤްދިސަކީ ގުޅި ލައިމެހިފައިވާ، ތައުޙީދުގެ ރިސާލަތުގެ ދެ ދަންމަރެވެ. މާތް اﷲ ވަޙީކުރައްވާފައިވާ އާޔަތުގެ މާނައިގައިވެއެވެ.
"އެކަލާނގެ ހުސްޠާހިރު ވަންތަކަމާއެވެ! އެކަލާނގެއީ، އަލްމަސްޖިދުލްޙަރާމުން އަލްމަސްޖިދުލްއަޤްޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެއެވެ. އެއީ އެތާނގެ ވަށައިގެން، ތިމަންރަސްކަލާނގެ ބަރަކާތް ލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށް ޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ."
މި އާޔަތުން ދޭހަކޮށްދެނީ އަލްމަސްޖިދުލްޙަރާމާއި އަލްމަސްޖިދުލްއަޤްޞާއާ ދެމެދުގައި އޮތީ، ދުނިޔެ ދެމިއޮތްހައި ހިނދަކު ނިމުމެއް ނުވާ ވަރުގަދަ ގުޅުމެއްކަމެވެ. އަދި އަލްއަޤްޞާ ވަށައިގެންވަނީ ބަރަކާތްލެއްވިގެންވާ ތަންތަންކަމެވެ. އަލްއަޤްޞާ މިސްކިތަކީ ބިންމަތީގައި މާތް اﷲއަށް އަޅުކަންކުރުމަށް ޓަކައި ބިނާކުރެވުނު ދެވަނަ ގެކޮޅެވެ. އެއީ މުސްލިމުންގެ ފުރަތަމަ ޤިބްލަ ވެސް މެއެވެ. އަލްއަޤްޞާ މިސްކިތް، ޞަހްޔޫނީ އިސްތިޢުމާރުގެ ދަށަށް ދިޔަކަމީ މިއުންމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހިތާމައެވެ. އަލްއަޤްޞާ މިސްކިތް، މިނިވަންކުރުމަށް ޓަކައި މަސައްކަތްކުރުމަކީ މުޅި އިސްލާމީ އުންމަތުގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ.
ޣައްޒާއާއި ރަފަޙާއި ފަލަސްޠީނުގެ އެ ނޫން ވެސް އަވަށްތަކުގައި ޞަހްޔޫނީން ހިންގަމުން ގެންދާ ޢުދުވާނީ ޢަމަލުތަކަކީ ފަލަސްޠީނުގެ ނަސްލު ނައްތައިލުމަށް ޓަކަށް ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތަކެކެވެ. މި ހުރިހައި ޖަރީމާތަކެއް ހިންގަމުން އެގެންދަނީ އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންޞާފުގެ ހަމަތަކާއި މުޅީން ޚިލާފަށެވެ. މި ޢުދުވާންތަކުގެ ނަތީޖާއެއްގެ ގޮތުން އެތައް ހާސް ބަޔަކު ވަނީ ޝަހީދުކޮށްލައިފައެވެ. ކުޑަކުއްޖަކަށް އަންހެނަކަށް މުސްކުޅިއަކަށް ބެލުމެއްނެތިއެވެ. އެތައް ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އެތައް ބަޔަކުވަނީ ނުކުޅެދޭ ބަޔަކަށް ވެފައެވެ. މި އަނިޔާވެރި ޢަމަލުތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. އަދި މި އަނިޔާވެރި ޢުދުވާނީ ޢަމަލުތައް ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމަށް ބައިނަލްއަޤުވާމީ ފަރާތްތަކަށް ގޮވައިލަމެވެ.

މުސްލިމް އަޚުންނޭވެ! ބައިތުލްމަޤްދިސާއި، އެ ތަނުގައި ވަށައިގެން ތިބެ އެ ތަންތަނުގެ ދިފާޢުގައި ހެޔޮލަފާ ބަޔަކު ސާބިތުވެ ތިބޭނެ ކަމަށް ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. އެކަލޭގެ ފާނު ހަދީޘް ކުރައްވާފައިވާ ހަދީޘްގެ މާނައިގައިވެއެވެ. "ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން، ދީނުގައި ފާޅުގައި ސާބިތުވެ ތިބޭނެ، އަދި އެބައިމީހުންގެ ޢަދުއްވުންގެ މައްޗަށް ގަދަވެތިބޭނެ ބަޔަކު ވާނެތެވެ. އެބައިމީހުންނާ ދެކޮޅުވެރިވާ ބައެއްގެ ދެކޮޅުވެރިކަމަކުން އެބައިމީހުންނަކަށް ގެއްލުމެއް ނުލިބޭނެތެވެ. އެބައިމީހުންނަށް ލިބޭނެ ދަތިކަމަކާއި ވޭނަކުން މެނުވީއެވެ. މާތް اﷲގެ އަމުރުފުޅު އަތުވެއްޖައުމަށްދާންދެން އެބައިމީހުން އެގޮތުގައި ދެމިތިބޭނެތެވެ. އަޞްޙާބު ބޭކަލުން ދެންނެވިއެވެ. އޭ މާތް اﷲގެ ރަސޫލާއެވެ! އެބައިމީހުންވަނީ ކޮންތާކުތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެބައިމީހުންވަނީ ބައިތުލްމަޤްދިސާއި ބައިތުލްމަޤްދިސް ވަށައިގެންވާ ރަށްތަކުގައެވެ."
އަޅުގަނޑުމެން މުސްލިމުންގެ ހައިސިއްޔަތުން ފަލަސްޠީނުގެ ރައްޔިތުންނާމެދު އަދާކުރަން ޖެހޭ އަޚްލާޤީ ވާޖިބުތަކެއް ވެއެވެ. ފަލަސްޠީނުގެ ދިފާޢުގައި އަޑުއުފުލުމާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ޓަކައި ހެޔޮ ދުޢާކުރުމާއި، އިންސާނީ ގޮތުން އެހީތެރިވުމަށް އަޅުގަނޑުމެން އެންމެން އަތުގުޅައިލަންޖެހެއެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ދިމާވެފައިވާ އިންސާނީ ބޮޑު ކާރިސާއާއި ގުޅިގެން އެހީތެރިވުމަކީ، މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެން އަދާކުރަން ޖެހޭ އަޚުލާޤީ އަދި ދީނީ ވާޖިބެކެވެ. މާތް اﷲ އަށް ޓަކައި ހޭދަކުރެވޭ އެއްޗަކީ ގެއްލިގެންދާނެ އެއްޗެއް ނޫނެވެ.
އިސްލާމީ އުންމަތުގެ ކަންކޮޅުތަކުގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި، މުސްލިމުންނާ ދެކޮޅަށް ކުރެވެމުންދާ ހަނގުރާމަތަކާއި، އިސްލާމީ ސަޤާފަތާއި އުންމަތުގެ ޙަޟާރަތު ފުނޑުފުނޑުކޮށްލުމަށް ޓަކައި ހިންގަމުންދާ ފިކުރީ ހަނގުރާމަތަކަކީ، އިސްލާމީ އުންމަތް ނިކަމެތިވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވެފައިވާ ކަންކަމެވެ. އަދި އެކަންކަމުގެ ކުރިމަތީގައި ނިކަމެތިވެފައި ތިބޭން މި ޖެހެނީ އިސްލާމްދީނުގެ އުޞޫލުތަކުގައި ސާބިތުވާން ޖެހޭ މިންވަރަށް ސާބިތުނުވުމުގެ ސަބަބުންނެވެ. ދީނުގެ ކަންކަމުގެ މައްޗަށް ދުނިޔޭގެ އެދުންތަކާއި މާއްދިއްޔަތު އިސްކުރުމުގެ ސަބަބުންނެވެ. މުސްލިމުންގެ ޢަދަދު ކިތަންމެ ގިނަ ނަމަވެސް، ދުންޔަވީ އެދުން އިސްކޮށް، މަރުދެކެ ބިރުން ތާއަބަދަށް ދުނިޔޭގައި އުޅުމުގެ ދަހިވެތިކަން ހިތްތަކުގައި އުފެދިއްޖެ ނަމަ، މުސްލިމުން ބަލިކަށިވެގެން ދާނެތެވެ. މުސްލިމުންނަށް ނަޞްރު ލިބުން އޮތީ ޢަޤީދާ ވަރުގަދަކޮށް ޙައްޤު ގޮތުގައި اﷲ އަށް އީމާންވެ، ޤުރްއާނާއި ސުންނަތުގައި ހިފައިގެންނެވެ. އެކުވެރިވެ އެއްބައިވަންތަވެގެންނެވެ. ޙަސަދަވެރިކަމާއި، ރުޅިވެރިކަމުން އެއްކިބާވެގެންނެވެ.

މިހެންކަމުން، މި ކަންކަން ހަނދުމަކޮށް، ޢަޒުމާ އެކު، އުންމަތުގައި ވަރުގަދަ އިޞްލާޙީ މަސައްކަތްތަކެއް ކުރުމަށް ޢަޒުމް ކަނޑައަޅަމާ ހިންގަވާށެވެ! އަމުދުން މިފެށިގެންދަނީ ޙައްޖު މަހުގެ މާތް ދުވަސްތަކެވެ. ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަކީ، އެންމެ މުހިއްމު އަޅުކަންތައް އެއްވާ މާތް ދުވަސްތަކެވެ. ނަމާދާއި ރޯދައާއި ޙައްޖާއި ޞަދަޤާތާއި، اﷲ އަށްޓަކައި ޤުރުބާންކުރުން ފަދަ ކިތަންމެ ހެޔޮކަމެއް އެއްވާ ދުވަސްތަކެވެ. މި ދުވަސްތަކުގައި އިސްތިޣުފާރުކުރުމާއި އުންމަތަށް ނަޞްރު ދެއްވުން އެދި ދުޢާކުރާށެވެ! ޚާއްޞަކޮށް، ޙައްޖު ގެ ދުވަސްވަރު، ޢަރަފާތު ދުވަހު، ފަލަސްޠީނަށްޓަކައި ހެޔޮ ދުޢާކުރާށެވެ! އަލްމަސްޖިދުލްޙަރާމްގައި ނަމާދުކުރަމުންދާ އަޚުންނާއި އުޚްތުން ވެސް އަލްމަސްޖިދުލްއަޤްޞާ މަތިން ހަނދުމަކޮށް އެ ތަނަށް ޓަކައި ދުޢާކުރާށެވެ!
advertisment
ހިޔާލު