ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގައި "ފިޝަރީޒް އެންޑް އޯޝަން ކުލަބު" އުފައްދައިފި

މިއީ ރާއްޖޭގެ ހައި ސްކޫލެއްގައި މިފަދަ ކުލަބެއް އުފެއްދި ފުރަތަމަ ފަހަރު

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް (ވީއައިއެޗްއެސް)އިން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ގޮތުން އެ ސްކޫލުގައި "ފިޝަރީޒް އެންޑް އޯޝަން ކުލަބު " އުފައްދައި އެ ކުލަބު އިފުތިތާހު ކޮށްފިއެވެ. މި ކުލަބު އިފްތިތާޙުކޮށް ދެއްވީ ބުރާސްފަތި ދުވަހު، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން އަޙްމަދު ޝިޔާމެވެ. ރާއްޖޭގެ ހައި ސްކޫލެއްގައި މިފަދަ ކުލަބެއް އުފެއްދި މިއީ ފުރަތަމަ ފަހަރެވެ.

މި ކުލަބުގެ ހިންގާ ކޮމިޓީގެ ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރު ޝިޔާމެވެ.

ވީއައިއެޗްއެސް ފިޝަރީޒް އެންޑް އޯޝަން ކުލަބުގެ ހިންގާ ކޮމިޓީ:

މުޙައްމަދު ރައްޔާން ޖައުފަރު ( ރައީސް)

ސާއިބު މުހައްމަދު ޒަހީން ( ނާއިބު ރައީސް)

މުޙައްމަދު ރަޔާން ލުތުފީ (ސެކެރެޓަރީ)

މަރިޔަމް ނަޒާހަތު އާޒިމް (ޚަޒާންދާރު)

"ފިޝަރީޒް އެންޑް އޯޝަން" ކުލަބު އިފުތިތާޙުކޮށް ދެއްވައި މިނިސްޓަރު ޝިޔާމް އެދިވަޑައިގަތީ، ކަނޑުތަކާއި ކަނޑުތަކުގެ ދިރުންތައް ހިމާޔަށްކޮށް ބެލެހެއްޓުމަށް ހޭލުންތެރިކަން އިތުރު ކުރުމަށް އެ ކުލަބުން އިސްނަގައިގެން މަސައްކަތް ކުރުމަށެވެ. އަދި ކަނޑުގެ ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި މެނޭޖްކުރުމުގައި ޒުވާނުންގެ ދައުރުގެ މައްޗަށް ވެސް މިނިސްޓަރު ވާހަކަފުޅުގައި އިޝާރާތް ކުރެއްވިއެވެ.

ވީއައިއެޗްއެސްގެ ޕްރިންސިޕަލް ސައީދު އަޙްމަދު ވިދާޅުވީ، ކަނޑުގެ ވާހަކަ ދިވެހިން ނުދައްކާނަމަ އެ ވާހަކަ ދައްކާނެ އެހެން ބަޔަކު ނެތް ކަމަށާއި ދިވެހިންގެ ދިރިއުޅުމާ ގުޅިފައި ވަނީ ކަނޑުރޯދި ކަމަށެވެ.

ސައީދު ވިދާޅުވީ، ކަނޑުފަޅުގެ ދިރުންތަކާއި މަސްވެރިކަމާ ބެހޭ މައުލޫމާތު ކާބަފައިން ދަސްކުރީ ޔުނިވަރސިޓީތަކަށް ގޮސްގެންނޫން ކަމަށާއި އެ މައުލޫމާތު ހޯދީ އަމަލީ ގޮތުން، މަސައްކަތުގެ ތެރެއިން ކަމަށެވެ. މިއަދުގެ ކިޔަވައި ކުދިންނަށް، މަސްވެރިކަންކުރާ ގޮތާއި މަހަށް ކިޔާ ނަންތައް ވެސް އެނގެން ޖެހޭ ކަމަށާއި އެ ފަދަ އެތައް މަސައްކަތަކާއި މައުލޫމާތު "ފިޝަރީޒް އެންޑް އޯޝަން ކުލަބު" މެދުވެރިކޮށް ވީއައިއެޗްއެސްގެ ދަރިވަރުންނަށް ލިބިގެންދާނެ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ޕްރިންސިޕަލް އިސްމާއިލް ނަޝީދު ވިދާޅުވީ، އަޅުގަނޑުމެންގެ ކާބަފައިންނަށް، ކަނޑަކީ ބޮޑު ޚަޒާނާއެއް ކަމަށާއި އެމީހުން ދިރިއުޅޭނެ ރަށްތައް އިޚްތިޔާރު ކުރީ  ވެސް ކަނޑު ރޯއްޖަށް ފަހިވާގޮތަށް ކަމަށެވެ. އެކަމުން ދައްކުވައި ދެނީ ކާބަފައިންނަކީ ތޫނުފިލި މުރާލި ބައެއް ކަމެވެ.

ނަޝީދު ވިދާޅުވީ، ކަނޑުރޯއްޖަށް ދިވެހިން ޝުކުރުވެރިވާން ޖެހޭނެ ކަމަށާއި ޝުކުރުވެރިވުމުގެ ގޮތުން އެ ރޯދި ބީވެދާނެތީ، އެ ރޯދި ދެމެހެއްޓުމަށް މަސައްކަތް ވެސް ކުރަން ޖެހޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ، ދިވެހިބަހާއި ސަޤާފަތާއި މާއްދީ ތަރިކަތައް ރައްކާތެރި ކުރުމުގެ މަސައްކަތް ދަރިވަރުންނަށް އަންގައިދީ އެކަމަށް ހޭލުންތެރިކުރުވަން ޖެހެނީ ޓެކްސްޓް ފޮތެއްގައި ލިޔެގެން ނޫން ކަމަށެވެ. އެކަން ކުރެވޭނީ ދަރިވަރުންނަށްޓަކައި ހިންގޭ ހަރަކާތްތަކުގެ ތެރެއިންކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ތާރީޚާއި ސަޤާފަތާއި މާއްދީ ތަރިކައާއި އަދި ބަހުރުވަތަކުގެ މައްޗަށް އަމާޒުކޮށްގެން އެންމެ ދުވަސްވީ ހަރަކާތެއް ކުރިއަށް ގެންދަނީ އެ ސްކޫލުންކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، އެ ސްކޫލުގެ ދަރިވަރުންނަކީ ދުނިޔެއަށް ލޯ ހުޅުވިފައިވާ ދަރިވަރުންނަށް ހެދުމަށް ވެސް އިންތިޒާމް ވެގެން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

" އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭ ހަޤީޤަތަކީ ކުލާސްރޫމުގެ އެތެރެއަކުން އެކަނި އަޅުގަޑުމެން މި އުފައްދާ ޝަޙްސިއްޔަތު ނުއުފެއްދޭކަން. އެހެންވެ އަތޮޅު ތެރެއަށާއި ރާއްޖެއިން ބޭރަށް، "ހަރިންމައިން ބޭރުން އުނގެނެން" ދަރިވަރުންނަށް ފުރުޞަތު ތަނަވަސްކޮށް ދެނީ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ދިވެހި މަސްކަނޑުގައިވާ އާދަޔާ ޚިލާފު ދިރުމުގެ މައްޗަށް ވިސްނައި ފިކުރުކުރަން ސްކޫލް މަދަރުސާތަކުގެ ކޮންމެ ކުއްޖަކަށް ވެސް ދަސްކޮށްދޭން ޖެހޭ ކަމަށެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *