ނެރުގެ ހިލަތަކުގައި ޖެހި އަޑިއަށް ދިޔަ ބޯޓުން މުދާ ހުސްކުރުމުގައި ނަމޫނާ ދެއްކުމުގައި ބިލެތްފަހީ ސްކޫލުގެ ސްކައުޓުން

ބިލެތްފަހީ ނެރުމައްޗަށް އަރައި އަޑިއަށް ދިޔަ ބޯޓުން މުދާ ހުސްކުރުމުގައި އެރަށު ސްކޫލުގެ ސްކައުޓުން ނުކުމެ ނަމޫނާ ދައްކައިފިއެވެ.

ބިލެތްދޫއަށް މިފަހަކަށް ދިމާވި ހިތާމަވެރި މި ހާދިސާ ހިނގީ އުޅިއަށި ބޯޓު ބިލެތްފަހީ ނެރުން ވަންނަން އުޅުމުގެ ތެރޭގައި އޮއިވަރެއްގައި ޖެހި، ނެރުގެ ހުޅަނގުފަރާތު ހިލަތަކުގައި ޖެހި ބޯޓު ފަޅައިގެން ދިއުމުންނެވެ.

ބޯޓް އަޑިއަށް ދަނިކޮށް އޭގައި ހުރި މުދާތައް އެރަށުގެ ކުދިބޮޑު އެންމެން ނުކުމެ އެއްގަމަށް ބޭލިއެވެ. އެކަމުގައި އެންމެ ބޮޑު މަސައްކަތެއް ކުރި އެއްބަޔަކީ ބިލެތްފަހީ ސްކޫލުގެ ސްކައުޓުންނެވެ.

ރަށުގެ ރައްޔިތުން ނުކުމެ ބޯޓްގައި ހުރި މުދާ ބޯޓުން ނަގައި ދިނުމުން އެއްގަމުގައި ޖެއްސުމުގައި ސްކައިޓުން ކުރި މަސައްކަތަށް ބިލެތްފަހީ ސްކޫލުން ވަނީ ސްކައުޓް ދަރިވަރުންނަށް އައްސަރިބަހާއި ސާބަސް ރައްދުކޮށްފައެވެ.

" އުޅިއަށި ބޯޓް ބިލެތްފަހީ ނެރުމައްޗަށް އަރައި ހިނގި ހިތާމަވެރި ހާދިސާ އާއި ގުޅިގެން، އެބޯޓުގައި ހުރި މުދާ ހުސްކުރުމުގެ މަސައްކަތުގައި ބައިވެރިވި މި ސްކޫލްގެ ސްކައުޓް ދަރިވަރުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން. ތިޔަ ދަރިވަރުންގެ ފަރާތުން ފެނިގެންދިޔައީ އެއްބައިވަންތަކަމާއި، އެހީ ފޯރުކޮށް ދިނުމުގެ ރީތި އާދައާއި، ކުއްލިއަކަށް ދިމާވާ މިފަދަ ކަންކަމުގައި އެހީ ފޯރުކޮށް ދިނުމުގައި ތިޔަ ދަރިވަރުން ތައްޔާރަށް ތިބިކަން" ބިލެތްފަހީ ސްކޫލުން ބުންޏެވެ.

އެ ސްކޫލުން ބުނީ، ބޯޓް އަޑިއަށްދާ ޚަބަރު ލިބުނުއިރު އެއީ ދަރިވަރުންގެ އިންޓަވަލް ގަޑި ކަމަށާއި، ލަސްނުކޮށް ދަރިވަރުން ފޮނުވީ ރައްޔިތުން ކުރާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ. އެކަމުގައި އެހީތެރިކަން ފޯރުކޮށް ދެވުނީތީ ސްކައުޓުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށް އެ ސްކޫލުން ބުނެއެވެ. އެ މަސައްކަތުގައި 50 އެއްހާ ސްކައުޓުން ބައިވެރިވިއެވެ.

އުޅިއަށި ބޯޓް މިހާރު އޮތީ އެމްއެންޑީއެފާއި އެރަށު ރައްޔިތުންގެ އެހީތެރިކަމާއެކު ފެންމައްޗަށް ނަގައި، ކޮންމެވެސް ވަރެއްގެ މަރާމާތަކަށްފަހު އަޑިއަށް ނުދާނެހެން ހަދާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *