ފާއިތުވި ދެ އަހަރު، ޏ. އޭއީސީގެ އެންމެ މޮޅު ދަރިވަރުން ހޮވައިފިއެވެ. އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، އެއްވަނަ ހޯދި ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ހުސައިން ސައީދެވެ.

ޏ. އޭއީސީން، 2021-2022 ވަނަ އަހަރު މަތީ ސާނަވީން އެއްވަނަ ހޯދީ، އައިޝަތު އަނާ މުޙައްމަދެވެ. އަނާ ވަނީ އޯލެވެލްއިން ހަތް ވަނަ ހޯދައި، ދިވެހި މާއްދާއިން މުޅި ރާއްޖެއިން އެއްވަނަ ހޯދާފައެވެ. އޭލެވެލްގައި ދެ މާއްދާއިން އޭ ސްޓަރއާއި ތިން މާއްދާއިން އޭ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ ހަތަރުވަނަ އަނާ ހޯދިއެވެ. 2021-2022 އަހަރު އެ ސްކޫލުގެ ކެޕްޓަނަކީ ވެސް އަނާއެވެ. އަނާ ދަނީ މެލޭޝިޔާގައި ޑޮކްޓަރީކަން ކިޔަވަމުންނެވެ.

ފާއިތުވި، 2022-2023 ވަނަ އަހަރު މަތީ ސާނަވީން އެންމެ މޮޅު ދަރިވަރަކީ ހުސައިން ޔާސިން އަލީ އަޙްމަދެވެ. އޭނާ ވަނީ އޯލެވެލްއިން ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފައެވެ. އޭލެވެލްގައި ޔާސީންއަށް ލިބުނީ ހަތް ވަނައެވެ. ސްކޫލުގެ ކެޕްޓަނެއްގެ ގޮތުގައި އޭނާ ވަނީ ނަމޫނާ ލީޑަރެއްގެ ގޮތުން މަސައްކަތް ކޮށްފައެވެ. އަދަބީ އަދި ކުޅިވަރު ހަރަކާތްތަކުގައި ޔާސީން ބައިވެރިވެފައިވެއެވެ. އަދި އެތްލެޓިކްސްގައި ކުޅިވަރުގެ އެހެނިހެން މުބާރާތްތަކުން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ދަރިވަރެކެވެ. އަދި ސްކޫލް ނިންމި ފަހުން ފުޓްބޯޅައާއި އެތްލެޓިކްސްގެ ކޯޗެއްގެ ގޮތުން އެ ސްކޫލުގެ ދަރިވަރުންނަށް އިރުޝާދު ދީފައިވެއެވެ.

2022-2023 ވަނަ އަހަރު ސާނަވީން އެއްވަނަ ހޯދީ، އިބާ އަޙްމަދު އަލީއެވެ. މިހާރު އެ ސްކޫލުގެ ގުރޭޑް 11ގައި ކިޔަވަމުންދާ އިބާ ވަނީ ފާއިތުވި 2022-2023 ދިރާސީ އަހަރު އޯލެވެލްއިން އެއްވަނަ ހޯދާފައެވެ. އަދި މެރިން ސައިންސްއިން މުޅި ރާއްޖެއިން އެއްވަނަ ހޯދުމާއެކު އެ މާއްދާއިން އައުޓް ސްޓޭންޑިންގ އެވޯޑް ވެސް ހޯދާފައެވެ. އިބާއަކީ ފާއިތުވި އަހަރު ޏ. އޭއީސީގެ ޑެޕިއުޓީ ކެޕްޓަނެވެ.
advertisment
ހިޔާލު