ހުޅުމާލޭގައި އައިޔޫއެމްގެ ސަނާބިލް އިމާރާތް އަޅަން ބޭނުންވާ 60 މިލިއަން ރުފިޔާ ހޯދަން ސުކޫކެއް ވިއްކަނީ

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ އާއިމާރާތް ހުޅުމާލޭގައި އަޅަން ބޭނުންވާ ފައިސާ ހޯދަން ސަނާބިލް ޕްރޮޖެކްޓްގެ ނަމުގައި ސުކޫކެއް ވިއްކަން ހުޅުވާލައިފިއެވެ. މި ސުކޫކު ވިއްކަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ "ވިޔަނަ" މެދުވެރިކޮށެވެ.

މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވިއްކަން ހުޅުވާލި ސުކޫކަކީ އިސްތިސްނާ އިސްލާމިކް ފައިނޭންސިންގ ފެސިލިޓީއެކެވެ. މިއީ އިސްތިސްނާ މޮޑެލަށް ބިނާކޮށް ރާއްޖޭގައި ފަރުމާކޮށް ވިއްކަން ހުޅުވާލި ފުރަތަމަ ސުކޫކެވެ. މިކަމަށް ޚާއްޞަކޮށްގެން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

މި މަހުގެ 23 ވަނަ ދުވަހަށް މުއްދަތު ހަމަވާގޮތަށް މިއަދު ހުޅުވާލީ އިސްތިސްނާ އިސްލާމިކް ފައިނޭންސިންގ 60 ސްކޫކު ވިއްކާށެވެ. ސުކޫކެއްގެ މޫނު މަތީ އަގަކީ އެއް މިލިއަން ރުފިޔާއެވެ.

ދެ އަހަރު ދުވަހުގެ ތެރޭގައި އިސްލާމިކް ޔުނިވަރސިޓީގެ އާ އިމާރާތް ނިންމައި، ޚިދުމަތް ދެވޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، މި ސްކޫކުގައި އިންވެސްޓް ކުރާ ފަރާތްތަކަށް ދިހަ އަހަރު ދުވަހަށް ކޮންމެ އަހަރަކު ދެ ފަހަރު 9 އިންސައްތައިގެ ފައިދާއެއް ބަހާނެއެވެ.

އިސްލާމިކް ޔުނިވަރސިޓީން ސަނާބިލްގެ ނަމުގައި އާ އިމާރާތް އަޅަނީ ހުޅުމާލެ ސެންޓްރަލް ޕާކުގެ ކުރިމައްޗަށް ވާގޮތަށް އޮތް 4000 ފޫޓްގެ ބިމެއްގައެވެ. އެ ބިން ގަނެފައިވަނީ 2018 ވަނަ އަހަރުއެވެ.

އިސްތިސްނާ އިސްލާމިކް ފައިނޭންސިންގ ފެސިލިޓީއަކީ ސުކޫކުގެ ތަރަހައިގެ ތެރޭގައި، އިސްލާމީ ޔުނިވަރސިޓީގެ ބިމެއްގައި އިންވެސްޓަރުންގެ ފައިސާއިން އިމާރާތް ކުރުމަށްފަހު ކަނޑައެޅޭ ވަކި އުޞޫލެއްގެ ދަށުން އެ އިމާރާތް ގަނެ ހަލާޞްކުރުމުވެ. އޭގެ ފަހުން އެ އިމާރާތް ވެގެން ދާނި އެ ޤައުމީ ޔުނިވަރސިޓީގެ އަމިއްލަ މުދަލަކަށެވެ.

އިސްލާމީ ޔުނިވަރސިޓީގެ އާ އިމާރާތް އެޅުމަށް ބޭނުންވާ ފައިސާ ބޭންކް މެދުވެރިކޮށް ހޯދުމަށް ދިމާވި ދައްޗަކީ އެ ޔުނިވަރސިޓީގެ އެއްވެސް މުދަލެއް ރަހުނު ނުކުރެވޭނެ ކަމަށް އެ ޔުނިވަރސިޓީގެ ޤާނުގައި ބުނެފައި އޮތުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *