މި އަހަރު ގުރޭޑް 10އަށް ކިޔަވައިދޭން ފެށި ޞަލާޙުއްދީން ސްކޫލުން، އަންނަ އަހަރު އޯލެވެލްގައި އިށީންނާނެތީ، ވަކިވަކި މާއްދާތަކަށް އަމާޒުކޮށްގެން އެ ސްކޫލުން ޕްލޭންތަކެއް އެކުލަވާލައިފިއެވެ.
" އޯލެވެލްއަށް ފޯކަސްކޮށްގެން އަޅުގަނޑުމެންގެ ކިޔެވުން ބައްޓަންކޮށްގެން ކުރިއަށް ގެންދިއުމަށް ވަކިވަކި މާއްދާތަކުގެ ޕްލޭން ސެކަންޑްރީގެ ހުރިހާ މުދައްރިސުން ބައިވެރިކޮށްގެން އެކުލަވާލީ" ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވިއެވެ.

ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
ޕްލޭން އެކުލަވާލަން ބޭއްވި އެ ބައްދަލުވުމަށް އެޑިޔުކޭޝަން މިނިސްޓްރީން ދިން އެއްބާރުލުމާއި އެހީތެރިކަމަށް ނާސިހާ ޝުކުރުއަދާކުރެއްވިއެވެ.

ނާސިޙާ ވިދާޅުވީ، އަންނަ އަހަރުގެ މެއި/ޖޫންގައި، މިހާރު ގުރޭޑް 10ގައި ކިޔަވަމުންދާ ދަރިވަރުން އޯލެވެލް ހަދާއިރު، ގުރޭޑް 9ގެ ފަހު ޓާމުގެ ނަތީޖާއަށްބަލައި، މިހާރު ދަރިވަރުން ތިބި ހިސާބު ދެނެގަނެ، ކުރިއަށް ދާނެ ގޮތުގެ މިސްރާބު ކަނޑައަޅާފައިވާ ކަމަށެވެ. އަދި ކޮންމެ މާއްދާއަކުން ވަކިވަކި ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް ކުރެވޭނެ ކަންތައްތައް ޕްލޭނެއްގެ ދަށުން މަސައްކަތް ކުރާނެ ގޮތާއި މިންވަރު، ލިޔުމުން މިހާރު އެކުލަވާލާފައިވާ ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ޞަލާޙުއްދީން ސްކޫލުގައި މި އަހަރު 2700 އެއްހާ ދަރިވަރުން ކިޔަވަމުންދާއިރު، އަންނަ އަހަރު އެ ސްކޫލުން 75 އެއްހާ ދަރިވަރުން އޯލެވެލްގައި އިށީންނާނެއެވެ.
advertisment
ހިޔާލު