އިސްކަންދަރު ސްކޫލުގެ 63 ވަނަ އަހަރީ ދުވަސް ފާހަގަކުރަން، 63 ކޭކު

އިސްކަންދަރު ސްކޫލުގެ 63 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ޚާއްޞަ އެސަމްބްލީގައި 63 ކޭކް ފަޅައިފިއެވެ. ކޭކުތައް ފެޅީ އެ ސްކޫލުގެ ދަރިވަރުންނެވެ.

އަހަރީ ދުވަހުގެ އެސެމްބްލީ ކުރިއަށް ގެންދިޔައީ އެ ސްކޫލުގެ ދެ ދަންފަޅިއަށް ވަކިންނެވެ. އިސްކަންދަރު ސްކޫލުގެ އަހަރީ ދުވަހަކީ މެއި މަހުގެ ދިހަ ވަނަ ދުވަހެވެ. އެ ދުވަހަކީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަސް ކަމަށް ވާތީ، ކޮންމެ އަހަރަކު ވެސް އަހަރީ ދުވަސް އެ ސްކޫލުން ފާހަގަކުރަނީ އަހަރީ ދުވަހާ އެކުގައެވެ.

އަހަރީ ދުވަހުގެ ޚާއްޞަ އެސަމްބްލީގައި، އަހަރީ ދުވަހާ ގުޅޭ ގޮތުން މުދައްރިސުންނާއި ދަރިވަރުން، ޝުއޫރު ފާޅުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިޔައެވެ. އަހަރީ ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ މާލޭގެ ޒޯން ކޯޑިނޭޓަރު އަޙްމަދު ނަސީމެވެ.

އިސްކަންދަރު ސްކޫލުން ބުނީ، ކުޑަކުދިންގެ ދުވަހުގެ ހަރަކާތުގެ ތެރެއިން ފަލަސްޠީނުގެ ކުދިންނަށް އެހީވުމަށް، ފަންޑު ފޮއްޓެއް ބެހެއްޓި ކަމަށެވެ. މި ފަންޑުގެ ފޮއްޓަށް ފައިސާގެ އެހީ ފޯރުކޮށްދިނުމުގެ މުއްދަތު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެ ސްކޫލުން ބުނެއެވެ.

އިސްކަންދަރު ސްކޫލުގެ ތާރީޚް:

އިސްކަންދަރު ސުކޫލް ހުޅުވުނީ 10 މެއި 1961 ގައި ހަމީދިއްޔާ މޮންޓެސޫރީ ސުކޫލް ގެ ނަމުގައެވެ. އޭރު މިސުކޫލް އަކީ އަމީނިއްޔާ އަދި މަޖީދިއްޔާ އަށް ދާ ޕްރައިމަރީ ގްރޭޑް ތަކަށް ކުދިން ތައްޔާރުކުރުމަށް ކިޔަވައިދިނުމުގެ ކަރިކިއުލަމް ބައްޓަށްކޮށްގެން ކިޔަވައި ދެމުން ގެންދިޔަ ތަނެކެވެ. 1961 ވަނަ އަހަރު އިސްކަންދަރު ސުކޫލް ގައި ތިބީ 185 ދަރިވަރުންނާއި، ޕްރިންސިޕަލް އާއި އެކު ޖުމްލަ 6 ޓީޗަރުންނެވެ. 1970 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ސުކޫލްގެ ނަން ނާސިރިއްޔާ މޮންޓެސޫރީ ސުކޫލް ގެ ނަމަށް ބަދަލުކުރެވުނެވެ. 1978 ވަނަ އަހަރު އިސްކަންދަރު ސުކޫލަށް އިތުރުކުރެވުނު 18 ކްލާސް ރޫމްގައި ޖުމްލަ 588 ދަރިވަރުން ތައުލީމް ޙާޞިލްކޮށްފައި ވެއެވެ.

1979 ވަނަ އަހަރު ސުކޫލް ގެ ނަން އިސްކަންދަރު މޮންޓެސޫރީ ސުކޫލުގެ ނަމަށް ބަދަލުކުރިއެވެ. އެފަހަރު ސުކޫލަށް ނަންދެވުނީ ދިވެހި ރާއްޖޭގެ ރަސްކަލެއް ކަމުގައިވާ ސުލްޠާން އިބްރާހިމް އިސްކަންދަރުގެ ނަމާއި ގުޅުވައިގެންނެވެ. އިސްކަންދަރު ސުކޫލް ގެ ނަމަށް ބަދަލުކުރީ 1 ޖެނުއަރީ 1980 ގައެވެ. 1990 ވަނަ އަހަރު ގްރޭޑް 1 ން 5 އަށް ކިޔަވައިދޭ ފުރިހަމަ ޕްރައިމަރީ ސުކޫލަކަށް އިސްކަންދަރު ވެގެންދިޔައެވެ. އޭގެ އަހަރުތަކެއް ފަހުން ގުރޭޑް 10އާ ހަމައަށް ކިޔަވައިދޭން ފަށައި، މިއަދު އެ ސްކޫލަކީ ގުރޭޑް އެކަކުން 10އަށް ކިޔަވައިދޭ ސްކޫލެކެވެ. އަދި މާލޭގެ އެންމެ ކާމިޔާބު ސްކޫލުތަކުގެ ތެރޭގައި ހިމެނޭ ސްކޫލެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *