ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)އިން އިނގިރޭސި ބަހުން ބަހުސްކުރުމުގެ މުބާރާތެއް ބާއްވަން ނިންމައިފި އެވެ. މިއީ މި އެ ޖަމިއްޔާއިން ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ. އެ ޖަމިއްޔާއިން ވަނީ ދިވެހި ބަހުން ބަހުސް ކުރުމުގެ މުބާރާތް މެދުނުކެނޑި 11 އަހަރު ބާއްވާފައެވެ.
އެމްއެންޔޫއެސްޔޫއިން ބުނީ، އިނގިރޭސި ބަހުން ކުރިއަށް ގެންދާ ބަހުސް މުބާރާތް ބާއްވާނީ އަންނަ ޖޫން މަހުގެ މެދުތެރޭގައި ކަމަށާއި މުބާރާތިގައި ބައިވެރިވާން މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މި މުބާރާތުގައި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ އިތުރުން މަތީ ތަޢުލީމު ފޯރުކޮށްދޭ ސްކޫލްތަކަށް ވެސް މި މުބާރާތުގައި ބައިވެރިވެވޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހެވެ.
މި މުބާރާތުގެ މަޤްޞަދަކީ ދަރިވަރުންގެ މެދުގައި ވާހަކަދެއްކުންތެރިކަމުގެ ހުނަރު އިތުރުކޮށް، ޢިލްމީ ގޮތުން ބަހުސްކުރުމުގެ މަންސައެއް ފަހިކުރުމެވެ.
އެމްއެންޔޫއެސްޔޫއިން ބުނީ، މި މުބާރާތުގައި ބަހުސްކުރެވޭނީ ތިމާވެއްޓާއި، މަސްވެރިކަމާއި، މޫސުމީ ބަދަލުތަކާއި، އާޓިފިޝަލް އިންޓެލިޖެންސް އަދި މީސްމީޑިއާފަދަ މައްސަލަތަކާގުޅޭ ގޮތުން ކަމަށެވެ.
މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ޢަދަދަށް ބަލާފައި މުބާރާތް ކުރިއަށްގެންދެވޭނީ ގްރޫޕް ނުވަތަ ލީގު އުސޫލަށް ބަހާލައިގެންނެވެ.
މުބާރާތުގައި ބައިވެރިވުމަށް އޮންލައިން ފޯމެއް ހުށަހެޅުމުގެ ފުރުޞަތު ފަހިވެފައިވާއިރު، 7743991 އަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިން އަންނަނީ ސިލްސިލާކޮށް ދިވެހި ބަހުސް މުބާރާތެއް ބާއްވަމުންނެވެ. މިއީވެސް ދަރިވަރުންގެ ހުނަރުތައް ފަހިކޮށް، ފުޅާ މަންސައެއްގައި ހުނަރު ދެއްކުމުގެ ބޭނުމުގައި ކުރިއަށް ގެންދެވޭ މުބާރާތެކެވެ.
advertisment
ހިޔާލު