"އެޓެސްޓް" ކުރުމަށް އަގު ނެގުމުގައި އުޞޫލެއް ނެތުމާއި ފޮޓޯކޮޕީ ހައްދައިދޭ ތަންތަނުން އެ ޚިދުމަތް ވިޔަފާރިއެއްގެ ގޮތުގައި ދެމުން ގެންދާތީ އެކަމުގެ ކަންބޮޑުވުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު ފާޅުކުރައްވައިފިއެވެ.
ފޭސްބުކުގައި ފިޒާނާ ލިޔުއްވާފައިވާ ގޮތުގައި "އެޓެސްޓް"ކުރުން ނުވަތަ އަސްލާ އެއްގޮތްކަމަށް ކަށަވަރުކޮށް ޖަހާ ތައްގަޑަކީ ބާ ކައުންސިލްއިން ހުއްދަދީފައިވާ ލޯޔަރުން ސޮއެކޮށް ޖަހާދޭ ތައްގަނޑެއް ނަމަވެސް ދެރަކަމަކީ ފޮޓޯކޮޕީ ނަގާދޭ ތަންތަނުން އެކަން ވިޔަފާރިޔަކަށް ހަދައިގެން ކުރަމުން އަންނަ ކަމަށެވެ.
" ލޯޔަރުންގެ އެޓެސްޓް ކުރާ ތައްގަޑު މިކަހަލަތަންތަނުގެ ކައުންޓަރގައި އޮވެމެ ބައެއްފަހަރު ކައުންޓަރުގަ އިންނަ ބޭރުމީހާ ސޮއި ކޮށްފައި ތައްގަޑު ޖަހާކަމެވެ. ނުވަތަ ބޭރުމީހާ އަސްލު ސެޓިފިކެޓްއާ ކޮޕީ އަޅާކިޔާފަ ލޯޔަރަށް ފޮނުވީމާ ސަނަދުތައް އަސްލާއެއްގޮތްތޯ ލޯޔަރު ނުބަލާ ސޮއި ކުރާކަމެވެ." ފިޒާނާ ލިޔުއްވާފައިވެއެވެ.

" ދާދިފަހުންވެސް ރައްޓެސަކު ބުނީ އެއްލޯޔަރެއްގެ ނަމުގައި ދެސޮއި އޮތްވާހަކައެވެ. މިކަމަކީ ގާނޫނީ ގޮތުން ވެސް މަނާކަމެއްކަމުން ރަހުމަތްތެރިޔާ ކައިރީ ބާ ކައުސިލަށް ރިޕޯޓްކުރަން ބުނީމެވެ."
ފިޒާނާ ވިދާޅުވީ، އެކަން ހުއްޓުވަން އެބަޖެހޭ ކަމަށާއި ފޭކް ސަނަދު ދައުރުވާ ދުވަސްވަރެއްގައި އެއީ އެއްގޮތަކަށް ވެސް ދޫކޮށްލާފައި ބާއްވަން ހެޔޮވާވަރުކަމެއް ނޫން ކަމަށެވެ.
" ފޮޓޯ ކޮޕީނަގާތަންތަނުން ވިޔަފާރިޔަށް މިކަންކުރުން ހުއްޓުވާލަން ޖެހޭ ކަމުގައި ދެކެން"
ދެވަނަ ކަމެއްގެ ގޮތުގައި ފިޒާނާ ވިދާޅުވި ގޮތުގައި، "އެޓެސްޓް" ކުރުމުގައި އެކިލޯޔަރުން އެކި އަގުނަގާކަމެވެ. ދެ ތިން ތަނަކަށް ވަޒީފާއަށް މީހަކު ކުރިމަތިލައިފިނަމަ އޭނާގެ ސެޓިފިކެޓްތަކާ ވަޒީފާގެ ލިޔުންތައް އެޓެސްޓު ކުރަން ހާހުން ހޭދަކުރަން ޖެހުމެވެ. ހާއްސަކޮށް އަލަށް ވަޒީފާއަށް ނުކުންނަ ކުއްޖަކަށް މިއީ ކުރަންޖެހޭ ވަރަށް ބޮޑު ހޭދައެއް ކަމަށާއި ރާއްޖޭންބޭރަށް ކިޔަވަންދާކުދިންގެ ސަނަދުތައް އެޓެސްޓްކުރުމަށް ބެލެނިވެރިން ކުރައްވާ ބޮޑު ހޭދައެއް ކަމަށެވެ.
ފިޒާނާ ލިޔުއްވާފައިވާ ގޮތުގައި "އެޓެސްޓްކުރަން ނަގާނެ ވަކި އަގެއް ކަނޑައެޅިފައި އޮންނަން ޖެހޭނެ ކަމަށް ދެކެމެވެ."
މުޖުތަމައުގައި ކަންކަން ރަނގަޅުވާނީ ހެދިފައި އޮންނަ ގާނޫނާ ގަވައިދުތަކަށް އެންމެން ބޯލަބައި އެކަންކަން ތަންފީޒުކުރުމުން ކަމަށާއި އަމިއްލަ މަސްލަހަތަށްޓަކައި ގާނޫނު އެއްފަރާތްކޮށް މަސައްކަތް ކުރުމަކީ ދެރަކަމެއް ކަމަށް ފިޒާނާ ލިޔުއްވާފައިވެއެވެ.
" އެޓެސްޓް" ކުރުމުގެ ބާރު ޤާނޫނީ ވަކީލުންނަށް ދީފައި އޮތްއިރު އަގު ނެގުމުގައި، އެކަން ކުރަން ވަކީލުންގެ ކަންތައްތައް ބަލަހައްޓާ ބަރ ކައުންސިލުން ވަކި އަގެއް ކަނޑައަޅާފައެއް ނުވެއެވެ. އެޓެސްޓް ކުރުމަށް ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން ކަނޑައަޅާފައި އޮންނަނީ އެކި އަގުތަކެވެ.
އެޓެސްޓް ކުރުމުގައި އިޙްމާލުވާ ވަކީލުންނަށް ބަރ ކައުންސިލުން އަންނަނީ ފިޔަވަޅު ވެސް އަޅަމުންނެވެ.
advertisment
ހިޔާލު