މަތިވެރި ސްކޫލުގެ "އަތުގައި ހިފައިގެން" ކެމްޕެއިނުން ބެލެނިވެރިޔާއަށް ބާރުއަޅަނީ ދަރިން ސްކޫލަށް ގެންގޮސް ގެނެސްދޭން

ދަރިވަރުން ސްކޫލަށް ގެންދިއުމާއި ދަރިވަރުން ނިމުމުން ސްކޫލަށް ބަލާދާން ބެލެނިވެރިން ބާރުއެޅުމުގެ ގޮތުން " އަތުގައި ހިފައިގެން"ގެ ނަމުގައި ޚާއްޞަ ކެމްޕެއިނެއް އއ. މަތިވެރި ސްކޫލުން ފަށައިފިއެވެ.

ދިރާސީ އާ އަހަރާއެކު އެ ސްކޫލުން ފެށި ކެމްޕެއިނަކީ، ދަރިވަރުން ގޮވައިގެން ބެލެނިވެރިން ސްކޫލަށް ދިއުމާއި އަދި ދަރިވަރުން ނިމުމުން ސްކޫލަށް ބަލާދިއުމުގެ ރޫހާއި އެ އާދަ އާލާކުރުމަށްޓަކައި ކުރިޔަށް ގެންދާ މުހިންމު ހަރަކާތެއް ކަމަށް މަތިވެރި ސްކޫލުން ފާހަގަކުރެއެވެ.

ބެލެނިވެރިންނާއި ދަރިވަރުންނާއި އަދި ސްކޫލްގެ މުއައްޒްފުންނާ ގުޅިގެން ފެށި މި ކެމްޕެއިން ދެ މަސް ދުވަހަށް ކުރިޔަށް ގެންދަން ރާވާފައިވާ ކަމަށް މަތިވެރި ސްކޫލުން ބުނެއެވެ.

މަތިވެރި ސްކޫލުގެ ޕްރިންސިޕަލް ހަސަން ހަމީދު އިބްރާހިމް ދަރިވަރު ނޫހަށް ވިދާޅުވީ،" އަތުގައި ހިފައިގެން" ފެށީ ބެލެނިވެރިންނާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ކަމަށާއި ފާއިތުވި ދެ ދުވަހަށް ބަލާއިރު ވެސް ކެމްޕެއިނުގެ މަޤްޞަދު ހާޞިލްވަމުންދާ ކަމަށެވެ.

ހަސަން ވިދާޅުވީ، ބައެއްފަހަރު ދަރިވަރުން އެކަނި ސްކޫލަށް ފޮނުވާ ކަމަށާއި އޭގެ ސަބަބުން ހިތް ނޭދޭ ކަންތައްތަކަށް ކުދިން ވަނުމުގެ ފުރުޞަތު އޮންނަ ކަމަށެވެ.

" އެކަނި ސްކޫލަށްދާން ދޫކޮށްލުމުގެ ބަދަލުގައި ބެލެނިވެރިޔާއެކީގައި، ދަރިފުޅުގެ އަތުގައި ހިފައިގެން ސްކޫލަށް ގެންގޮސް ގެނެސް ދިނުމަށް ހޭދަކުރަން އެ ލިބެނީ ވަރަށް މުހިންމު ވަގުތުކޮޅެއް. އޭގެ ސަބަބުން ދަރިންނާއެކު އޮންނަ ގުޅުމަށް ވެސް ހެޔޮ އަސަރެއް ކުރޭ" ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ، އެ ކެމްޕޭނުން ކުރާ އަސަރު ދެނެގަތުމަށް ބެލެނިވެރިންނާއި ދަރިވަރުންގެ އިހުސާސްތައް ހާމަކުރާނެ ކަމަށާއި އަދި ބެލެނިވެރިންނާއި ދަރިވަރާއެކު ފޮޓޯ ނެގުން ފަދަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

" އަޅުގަނޑުމެން ބަލަނީ ދެ މަސްދުވަހުގެ ތެރޭގައި މި ކެމްޕޭނުގެ ދަށުން ކޮންމެ އިރަކުވެސް ދަރިން ގޮވައިގެން ސްކޫލަށް އަންނަ ބަޔަކަށް ބެލެނިވެރިން ވާނެ ކަމަށް. އެ ސަޤާފަތް ނުހުއްޓި ކުރިއަށް ގެންދެވޭނެ ކަމަށް" ހަސަން ވިދާޅުވިއެވެ.

ގުރޭޑް 10އާ ހަމައަށް ކިޔަވައިދޭ މަތިވެރީ ސްކޫލުގައި 200އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *