މި ފަހަރު، ދިވެއްސާއި އިސްލާމް ކިޔަވައިދެއްވާ މުދައްރިސުންގެ އުމުރުގެ ވާހަކަ

ދިވެއްސާއި އިސްލާމް ކިޔަވާ ދެއްވާ ޓީޗަރުންގެ ތެރޭގައި 50 އަހަރުން މަތީގެ 300 ޓީޗަރުން

" ޓީޗަރުން ތަމްރީނު ކުރުމުގެ ސިސްޓަމް މިއޮތީ ވަރަށް ހާލުގައި. ވަރަށް ގިނަ ދުވަސްވީ އިހުމާލެއްގެ ސބަބުން ނޭވާހޮޅިއަށް އެޅިފައިވާ ނިޒާމެކޭ އަޅުގަނޑު ދަންނަވާނީ. ކިހިނެއްތޯ މުދައްރިސަކު ނެތި ކިޔަވައިދޭނީ. ކިޔަވައިދިނުމުގެ ނިޒާމެއް ހިނގާނީ ކިޔަވައިދޭ މުދައްރިސަކާއި ދަރިވަރަކު އެއްތަންވީމާ. މި އުޅެނީ އެތަނުން އެއްބަޔަކު މަދުވެގެން" ޓީޗަރުންގެ ދަތިކަން އޮތް މިންވަރު ހާމަކުރައްވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ތައުލީމީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކިޔަވައިދޭނެ ޓީޗަރުންގެ ދަތިކަމެވެ. މި ދިރާސީ އަހަރު ތައުލީމީ ދާއިރާއާ އަލަށް ގުޅިވަޑައިގެންނެވީ އެންމެ 41 ޓީޗަރުން ކަމަށާއި އެއީ ވަރަށް މަދު އަދަދެއްކަން ފާހަގަކުރައްވައި އެކަމުގެ ކަންބޮޑުވުން ވަޒީރު ތަކުރާރު ކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، 1900 އެއްހާ ބިދޭސީ ޓީޗަރުން ކިޔަވައިދޭން މަސައްކަތް ކުރާ ކަމަށާއި ތައުލީމީ ދާއިރާގައި ގިނައީ އަންހެނުން ކަމަށް ވާތީ، އަހަރެއްގެ މައްޗަށް 500 އެއްހާ ޓީޗަރުން ވިހެއުމާ ގުޅިގެން ޗުއްޓީ ނަންގަވާ ކަމަށެވެ.

ޓީޗަރުން މަދުވުމުގެ މައްސަލައިގެ ތެރެއިން ވަޒީރު ދެން ފާހަގަ ކުރެއްވީ ދިވެއްސާއި އިސްލާމް ކިޔަވައިދެއްވާ ޓީޗަރުންގެ އުމުރު މަތިވުމުގެ ކަންބޮޑުވުމެވެ. މިހާރުވެސް އެ ދެ މާއްދާ ކިޔަވައިދެއްވަން 50 އަހަރުން މަތީގެ 300 ޓީޗަރުން މަސައްކަތް ކުރައްވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

" ފާހަގަވާ ކަމަކީ އަލަށް ގުރެޖުއޭޓްވެގެން އަންނަ ދިވެހި އިސްލާމް ތީޗަރުންގެ އުމުރު 50 އަހަރަށްވުރެ މަތިކަން، އެއީ އަރލީ ރިޓަޔަމަންޓަށް ކޮންމެ އިރެއްގައި ވެސް ދިއުމުގެ ފުރުޞަތު އޮތް ބޭފުޅުން. " ވަޒީރު ޑރ. އިސްމާއިލް ރޭ ވިދާޅުވިއެވެ.

އިސްމާއިލް ވިދާޅުވީ، އެއީ މައްސަލައެއް ނޫން ނަމަވެސް 50ން މަތީގެ ބޭފުޅެއް ކިޔަވައި ދެއްވަން އަލަށް ސިސްޓަމްގެ ތެރެއަށް ވެންނެވުމާއި ތަންކޮޅެއް ޒުވާން ބޭފުޅުން ކިޔަވައިދެއްވަން ނުކުންނެވުމުގައި ތަފާތު ތަކެއް ހުންނާނެ ކަމަށެވެ.

" މުދައްރިސް ކަމަކީ އޭގެ ޒާތުގައި ބުރަކަމެއް. ގިނަ ވަގުތު ކޮޅަށް ހުންނަން ޖެހޭ ކަމެއް. ދަރިވަރުންނާއެކީގައި އެކި ހަރަކާތްތަކުގައި ވެސް ބައިވެރިވާން ޖެހޭ ކަމެއް. އަޅުގަނޑުމެން އެދެނީ ދިވެހި މާއްދާއިން ވެސް އިސްލާމް މާއްދާއިން ވެސް ޒުވާނުން ޝައުޤުވެރިކަން ފާޅުކޮށް މި މާއްދާތަކުގެ ޓީޗިންގ ކޯސްތަކުގައި ބައިވެރިވުން" ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޓީޗަރުން މަދުއިރު، އޭލެލެވެލް ނިންމާފައި ޓީޗިންގ ދާއިރާއަށް ޝައުޤު ހުންނަ ދަރިވަރުން ވަރަށް މަދުކަމަށާއި އެހެން ދިމާވަނީ މުދައްރިސުންނަށް އިހްތިރާމާއި ގަދަރު ނުލިބުމުގެ ސަބަބުން ކަމަށެވެ. އަދި ވިދާޅުވީ، މުދައްރިސުންނަކީ މާ މުހިންމު ބައެއްގެ ގޮތުގައި ބަލައި ނުގަތުމަކީ ވެސް ސަބަބެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ މައްސަލަތަކެއް އެބަހުރިކަމަށާއި އެ މައްސަލަތައް ހައްލުނުކޮށް މުސާރަ ބޮޑުކުރުމަކުން ޓީޗަރުންގެ މައްސަލަތަކަށް ހައްލެއް ނާންނާނެ ކަމަށެވެ.

" މައްސަލަތަކެއް އެބަހުރި. ބަޔަކު ޓީޗިން ހަދަން ބޭނުން ނުވޭ. މައްސަލަތައް ހޯދައި އެއަށް ހައްލު ނުހޯދާހާ ހިނދަކު. ހަމައެކަނި މުސާރަބޮޑުކޮށްގެން ޓީޗިންގ ހަދާނެ މީހުން ވާނެއެކޭ. މިއީ ކުރަން ބުރަ މަސްއްކަތެއް. ކުރަން ޖެހިފައިވާ ކަމެއް" ޕީއެސްއެމްގެ ރާއްޖެ މިއަދުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވިއެވެ.

" އަޅުގަނޑުމެން ކުރާނެ މަސައްކަތަކީ، ޓީޗަރުންނަކީ މުހިންމު ބައެއް ކަމުގައި ކަނޑައެޅުން. މުދައްރިސުންނަށް އިޙްތިރާމާއި ގަދަރު ދޭނެ ތަނެއްގެ ގޮތުގައި އެންމެ ފުރަތަމަވެސް ސްކޫލުގެ ވެށި ބައްޓަން ކުރުން" 

އޭލެވެލް ނިންމާ ދަރިވަރުން ޓީޗިންގ ހަދަން ބޭނުންނުވާ ބައިވަރު މައްސަލަ އެބަހުރިކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ޓީޗަރުންގެ މަސައްކަތުގެ ބުރަކަމާއި ރެއެއް ދުވާލެއްނެތި މަސައްކަތް ކުރަން ޖެހުމާއި އާއިލާއަށް ވަގުތު ނުދެވުން ފަދަ މައްސަލަތައް ފާހަގަކުރެއްވޭ ކަމަށެވެ.

" މި ދިރާސީ އާ އަހަރުގެ ތެރޭގާއި މުދައްރިސުން ސްކޫލުގެ ތެރޭގައި މަސައްކަތް ކުރަން ޖެހޭ މިންވަރު އިރާދަކުރެއްވިއްޔާ ނިޒާމެއްގެ ތެރެއަށް ފެއްތުމަށް މަސައްކަތް ކުރާނަން" ވަޒީރު ޑރ. އިސްމާއިލް ވިދާޅުވިއެވެ.

އިސްލާމާއި ދިވެހި ކިޔަވައިދެއްވާނެ ޓީޗަރުން ހޯދަން ބައެއް ސްކޫލްތަކަށް މިހާރުވެސް ދައްޗެވެ. އައްޑޫ ސިޓީގައި ހުންނަ ނޫރާނީ ސްކޫލަށް ދިވެހި މުދައްރިސަކު ހޯދަން ނުވަ ފަހަރު އިއުލާން ކުރުމުން ވެސް ޓީޗަރަކު ނުލިބުނުކަމަށް އެ ސްކޫލުން ވަނީ މިދިޔަ އަހަރު ފާހަގަކޮށްފައެވެ. މިއީ އެ ސްކޫލަށް އެކަނި ދިމާވެފައި އޮތް މައްސަލައެއް ނޫން ކަމަށް، އެ ޚަބަރު ގެނެސް ދިނުމުން އެހެން ސްކޫލްތަކުން ވެސް އެކަން ފާހަގަކޮށްފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *