އިސްލާމާއި ދިވެހި މާއްދާ ދޫކޮށްލަން އިންޓަރނޭޝަނަލް ބައެއް ސްކޫލްތަކުން ފުރުޞަތު ދޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެއީ އެއްވެސް ސްކޫލަކަށް މިހާރު އޮތް "އޮޕްޝަނެއް ނޫން ކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދުގައި ވާހަކަ ދައްކަވަމުން ވަޒީރު ޑރ. އިސްމާއިލް ވިދާޅުވީ، އިންޓަރނޭޝަނަލް ސްކޫލެއް ކަމުގައި ވިޔަސް، ހުރިހާ ދިވެހި ކުދިން އިސްލާމް މާއްދާއާއި ދިވެހި މާއްދާ ވެސް ހަދަން ޖެހޭނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ، އިސްލާމާއި ދިވެއްސާއި ހިސާބާއި އިނގިރޭސި މާއްދާއަކީ މަޖްބޫރު މާއްދާތައް ކަމަށާއި އެ ހަތަރު މާއްދާ ދޫކޮށްލަން އެއްވެސް ސްކޫލަކަށް ޖާގައެއް ނުދެއްވާނެ ކަމަށެވެ.
އެއީ އެއްވެސް ސްކޫލަކަށް އޮތް އޮޕްޝަނެއް ނޫން. އިންޓަރނޭޝަނަލް ސްކޫލެއް ކަމުގައި ވިޔަސް މި ހަތަރު މާއްދާ ހަދަން ޖެހޭނެ. އެއީ އަޅުގަނޑުމެން ކަށަވަރު ކުރާނެ ކަމެއް" ވަޒީރު ޑރ. އިސްމާއިލް ވިދާޅުވިއެވެ.
އިސްމާއިލް ވިދާޅުވީ، އޯލެވެލްގައި ބައިވެރިވާ ދަރިވަރުންގެ 65 އިންސައްތަ ދަރިވަރުން ފަސް މާއްދާއިން ފާސްވާ މިންވަރު 2009 ވަނަ އަހަރު ކަނޑައެޅި ނަމަވެސް އެ ޓާގެޓް މިހާތަނަށް އައިއިރު ހާޞިލްވެފައި ނެތް ކަމަށެވެ.
ވަޒީރު ވިދާޅުވީ، ގުރޭޑް 10ގެ އެންރޯލްމަންޓަށް ބަލާއިރު ފަސް މާއްދާއިން ފާސްވާ މިންވަރު 65 އިންސައްތަ ހާޞިލްނުވާ ކަމަށެވެ.
މިހާރު ހުރި ނަތީޖާތަކުން ފެންނަނީ ވަރަށް ގިނަ އަދަދެއްގެ ކުދިން ބާކީކުރެވި ވަކި މާއްދާއެއް ދޫކޮށްލަން ބޭނުންވާ ކުއްޖާއަށް ދޫކޮށްލެވޭ ގޮތަށް ކަމަށާއި އެ ނަތީޖާތައް ހުރީ އަޅުގަނޑުމެން ހިތްއެދޭ ގޮތަކަށް ރެކޯޑް ކުރެވިފައި ވެސް ނޫން ކަމަށެވެ.
" މުޅި ނިޒާމުގެ ސްނެޕްޗެޓެއް ހޯދުމުގެ ބޭނުމުގައި، މިފަހަރު އަލަށް ދިވެހި އިސްލާމް މާއްދާއިން އެކަށީގެންވާ ނަތީޖާއެއް ނުލިބުނުކަމުގައި ވިޔަސް މަޖުބޫރު ހަތަރު މާއްދާގައި ގުރޭޑް 10 ނިންމާ ހުރިހާ ކުދިން ސަރުކާރުން ފީ ދައްކައިގެން ވެސް ބައިވެރިކުރުވީ. ހަގީގަތުގައި އޯލެވެލްގެ ނަތީޖާ އޮތް މިންވަރު އެނގޭނީ މިފަހަރު އޯލެވެލް ހަދާ ކުދިންގެ ނަތީޖާ ލިބުނީމާ"
ވަޒީރު ވިދާޅުވީ، ނަތީޖާ ރަނގަޅުކުރަން ބޭނުންވާނީ، ހިތްފަސޭހަ މާހައުލަކާއެކު ރަނގަޅަށް ކިޔަވައިދިނުމާއި ވަޞީލަތްތައް ޤާޢިމްކުރުން ކަމަށެވެ. އެ މަސައްކަތް ސަރުކާރު ކުރައްވާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
advertisment
ހިޔާލު