ދަރިވަރުން ޒިންމާދާރު ކުރުވުމަށް ސްކޫލްތަކުން ވައިބަރ ގުރޫޕްތައް ބޭނުން ކުރާނެ އުޞޫލެއް އެކުލަވާލައި ސްކޫލްތަކަށް އަންގާނެ ކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދުގައި ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ވިދާޅުވީ، ތަޢުލީމީ އާ އަހަރު އަންނާނެ އެންމެ ބޮޑު ބަދަލަކީ ދަރިވަރުންނަކީ "އިންޑެޕެންޑެންޓް"ކޮށް އަމިއްލައަށް ކިޔަވަން ޒިންމާދާރުވާ ފަރާތެއްގެ ގޮތުގައި ހެދުން ކަމަށާއި އެކަން ކުރުމަށް، އެކުދިން ތަރުބިއްޔަތު ކުރަން ވަރަށް ބޮޑު މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
ދަރިވަރުންގެ "އިންޑެޕެންޑެންސީ" ވަރަށް ބޮޑަށް ނިގުޅައިގެންފައިވާކަން ފާހަގަކުރައްވައި އޭގެ މިސާލެއްގެ ގޮތުން ވަޒީރު މިރޭ ވިދާޅުވީ، ފަންސުރެއް ގެންނަން ޖެހުނު ކަމުގައި ވިޔަސް، އާޓްކުލާހަށް ކަރުދާސްކޮޅެއް ގެންނަން ޖެހުނު ކަމުގައި ވިޔަސް އެކަމުގައި ދަރިވަރު ޝާމިލު ކުރުމެއް ނޯންނަ ކަމަށެވެ. ބެލެނިވެރިންނަށް އެ އޮންނަ ވައިބަރ ގުރޫޕަކުން ކޮމިއުނިކޭޓް ކުރެވިގެން އެކަން ކުރާތީ ގެންދަން ޖެހޭ އެއްޗެއްގެ މައުލޫމާތު ދަރިވަރަށް ނޭނގޭކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ގުރޭޑް އެކެއްގެ ދަރިވަރުން ކަމުގައި ވިޔަސް، އެ ދަރިވަރުންނަކީ ޒިންމާދާރު ބައެއްގެ ގޮތުގައި ބައްޓަންކޮށްފި ކަމުގައިވަނީ ނަމަ ޝަޢުޤުވެރިކަމާ އެކުގައި އެ ދަރިވަރުން ކިޔެވުމުގެ ހަރަކާތްތަކުގައި ބައިވެރިވާނެ ކަމަށެވެ. އަދި ދަރިވަރުން ފިލާވަޅުތަކަށް ދޭ ސަމާލުކަން ބޮޑުވެގެން ދިއުމާއި ޓީޗަރުން ދައްކާ ވާހަކަތަކަށް ދޭ ސަމާލުކަން ބޮޑުވެގެން ދާނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ ސްކޫލްތަކުގައި ބޭނުންކުރާ ވައިބަރ ގުރޫޕްތައް ބޭނުން ކުރާނެ އުޞޫލުތަކެއް ހަދާނެ ކަމަށާއި އެކަން ކުރާނީ ދަރިވަރުން ބާކީ ނުކުރެވޭ ގޮތަށް އޮޕަރޭޓް ކުރެވޭ ވައިބަރ ގުރޫޕްތަކެއްގެ ގޮތުގައި ކަމަށެވެ.
ދިރާސީ އާ އަހަރާއެކު ބައެއް ސްކޫލުތަކުން ދަނީ ކޮމިއުނިޓީ ވައިބަރ ގުރޫޕްތައް ބޭނުން ކުރަން ފަށާފައެވެ. އެ ސްކޫލުތަކުން ބެލެނިވެރިންނަށް އެންގީ، ބެލެނިވެރިންނަށް އަންގާ އެންގުން އެ ކޮމިއުނިޓީ ވައިބަރ ގުރޫޕްތަކުގައި ހިއްސާކުރާނެ ކަމަށާއި ބެލެނިވެރިން އިތުރަށް ސާފުކުރަން ޖެހޭ ކަމެއް އޮތްނަމަ ކުލާސް މުދައްރިސުންނާއި ލީޑިންގ ޓީޗަރާ ގުޅައިގެން ކުރިއަށް ދިއުމަށެވެ. އަދި ދަރިވަރުންނަށްދޭ އިރުޝާދުތައް ކުލާސްތެރޭގައި ދަރިވަރުންނާ ހިއްސާ ކުރާނެ ކަމަށާއި ދަރިވަރުން ޒިންމާދާރު ކުރުވުމަށް ކުރާ މަސައްކަތުގައި ބެލެނިވެރިން އެއްބާރުލުން ދިނުން ވަރަށް މުހިންމު ކަމަށެވެ.
advertisment
ހިޔާލު