މާލޭގައި ހުންނަ އިއްޒުއްދީން ސްކޫލާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ޞަލާޙުއްދީން ސްކޫލުގައި މާދަމާ ފަށާ ދިރާސީ އާ އަހަރު، ގުރޭޑް 10އަށް އުފައްދައި ކިޔަވައިދޭނެއެވެ. އިއްޒުއްދީން ސްކޫލުގެ ކިޔެވުން ފެށީ ގުރޭޑް 6ން ފެށިގެންނެވެ. ގުރޭޑް 6ގައި ކިޔަވަން ފެށި ދަރިވަރުން މި އަހަރު ކިޔަވާނީ ގުރޭޑް 10 ގައެވެ. އެ ސްކޫލުގެ ގުރޭޑް 10ގައި 19 ދަރިވަރުން މި އަހަރު ކިޔަވާނެއެވެ.
ޞަލާހުއްދީން ސްކޫލުގައި ފާއިތުވި ދިރާސީ އަހަރު ކިޔެވުން ފެށީ ގުރޭޑް 9ން ފެށިގެންނެވެ. އެ ސްކޫލުގެ ގުރޭޑް 9ގައި މިދިޔަ އަހަރު ކިޔެވި ދަރިވަރުންނާއެކު 75 އާ ކައިރިކުރާ އަދަދެއްގެ ދަރިވަރުން ގުރޭޑް 10ގައި ކިޔަވާނެއެވެ. އޭގެތެރޭގައި މި އަހަރު އެ ސްކޫލަށް އަލަށް ވަން ދަރިވަރުން ވެސް ހިމެނެއެވެ.

ކުރިން އެއް ދަންފަޅިއަށް ކިޔަވައިދިން ނަމަވެސް މާދަމާއިން ފެށިގެން ޞަލާޙުއްދީނުގައި ކިޔަވައިދޭނީ ދެ ދަންފަޅިއަށެވެ. ފުރަތަމަ ދަންފަޅީގައި ކިޔަވައިދޭނީ ގުރޭޑް 4ން މަތީ ގުރޭޑް ތަކަށެވެ. މެންދުރުފަހު ދަންފަޅީގައި ކިޔަވައި ދޭނީ ގުރޭޑް 3ން ދަށުގެ ގުރޭޑް ތަކަށެވެ. ދިރާސީ އާ އަހަރު ވަން ދަރިވަރުންނާއެކު އެ ސްކޫލުގެ އާބާދީ 2700 އަށް އަރާނެ ކަމަށް ބެލެވެއެވެ.
ޞަލާޙުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިޙާ އިދުރީސް ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، ދިރާސީ އާ އަހަރަށް އެ ސްކޫލު އޮތީ ތައްޔާރުވެފައި ކަމަށާއި އޭގެ ތެރޭގައި ގުރޭޑް 10 ވެސް ހިމެނޭ ކަމަށެވެ.
އޭނާ ވިދާޅުވީ، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއެކު ގުރޭޑް 10ގެ ދަރިވަރުންނަށް ޚާއްޞަ ކުލާސްތަކެއް ފަށާނެ ކަމަށާއި ދަރިވަރުންގެ ކުރިއެރުމަށާއި ކިޔެވުމަށް ގިނަ ކަންތައްތަކެއް މިހާރުވެސް ރާވާފައިވާ ކަމަށެވެ.

އެއް ދަންފަޅިއަށް ކިޔަވައިދޭ، އިއްޒުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާދިރާ ހަސަން ވިދާޅުވީ އެ ސްކޫލުގައި މި އަހަރު އޮންނާނީ ގުރޭޑް 10ގެ އެންމެ ކުލާހެއް ކަމަށާއި، ގުރޭޑް 10ގެ ދަރިވަރުންނަށް ޚާއްޞަ ކުލާސްތަކާއި ދަރިވަރުންގެ ކިޔެވުމަށް ސްކޫލުން ކޮށްދޭން ޖެހޭ ހުރިހާ ކަމަކަށް މިހާރު ވެސް އެ ސްކޫލް ތައްޔާރުވެފައިވާ ކަމަށެވެ.
advertisment
ހިޔާލު