މޫސުމް ގޯސްވުމުން، ފުރަތަމަ ތިން ދުވަހު ކިޔަވައި ދޭނީ ގިނަ ވެގެން ތިން ގަޑިއިރު

ދިރާސީ އާ އަހަރު އަންނަ އާދީއްތަ ދުވަހު ފަށާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހި، ކަނޑުތައް ގަދަވާނެތީ، ފުރަތަމަ ތިން ދުވަހު ކިޔަވައިދޭނީ ގިނަ ވެގެން ތިން ގަޑިއިރު ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ބޮޑު ޗުއްޓީއަށްފަހު ދަރިވަރުން ރަށްރަށަށް ދިއުމުގައި ވެސް ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އެކަންތައްތަކާ ގުޅިގެން ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް މިއަދު ފޮނުވި ސާކިއުލަރއެއްގައި ބުނެފައި ވަނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހި، ކަނޑުތައް ގަދަވުމުގެ ސަބަބުން ދަތުރުފަތުރުކުރުމަށް ބުރޫއަރާފައިވާ ދުވަސްވަރަކަށް ވުމުން، ކުރިމަތިވެފައިވާ އުނދަގޫ މޫސިމީ ހާލަތަށް ރިޔާއަތްކޮށް، ދަރިވަރުންނަށް ފިލާވަޅުތައް ގެއްލޭ މިންވަރު ކުޑަކުރުމަށް އިންތިޒާމްތަކެއް ހަމަޖެއްސުމަށްޓަކައި، މެއި މަހުގެ 26،27 އަދި 28، މި ތިންދުވަހު ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ދަންފަޅިތައް ކުރުކޮށް ގެންދިއުމަށް މި މިނިސްޓްރީންނިންމާފައިވާ ކަމަށެވެ.

" ވީމާ ކޮންމެ ދަންފަޅިއެއް ވެސް ދެ ގަޑިއިރާއި ތިން ގަޑިއިރާ ދެމެދަށް ފައްތައިގެން ކުރިއަށް ގެންދިއުމަށް ދަންނަވަމެވެ" އެޑިޔުކޭޝަނުން ފޮނުވި ސާކިއުލަރގައި ބުނެފައިވެއެވެ.

އެ ސާކިއުލަރގައި އިތުރަށް ބުނެފައި ވަނީ، މި ދުވަސްތަކުގައި، ދަރިވަރުންގެ މެދުގައި އެކަކު އެނެކަކަށް އިޙްތިރާމް ކުރުމުގެ މަތިވެރި އާދަ އަށަގެންނެވުމާއި ދަރިވަރުންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް އިސްކަންދިނުމާއި ހަނގާކުރުމާ ދެކޮޅަށް އަމާޒުކުރެވިގެން ހިންގާ ޚާއްޞަ ޕްރޮގްރާމްތަކެއް ސްކޫލް ފެންވަރުގައި ރާވާ ހިންގުމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *