މާފުށީ ކައުންސިލުން އެރަށު ސްކޫލް އޭސީ ކޮށްދެނީ

ކ. މާފުށީ ކައުންސިލުން އެރަށު ސްކޫލް އޭސީ ކޮށްދޭން ނިންމައި އެ މަސައްކަތް ފަށައިފިއެވެ. މާފުށީ ސްކޫލް އޭސީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މާފުށީ ލޯކަލް އޮތޯރިޓީ ކޮމްޕަނި ލިމިޓެޑާއެވެ. މަސައްކަތު އެއްބަސްވުމުގައި އެ ކުންފުންޏާއެކު ކައުންސިލުން އެއްބަސްވެ ސޮއިކުރީ އިއްޔެއެވެ.

މާފުށީ ސްކޫލުގެ ހުރިހާ ކުލާސްރޫމްތަކާއި މަލްޓިޕާރޕަސް ހޯލު އޭސީ ކުރުމަށް 79 އޭސީ ބޭނުންވާ ކަމަށް މާފުށީ ކައުންސިލުން ބުންޏެވެ.

މާފުށީ ކައުންސިލުގެ ރައީސް ހަސަން ސަލާހު ދަރިވަރު ނޫހަށް ވިދާޅުވީ އެރަށު ސްކޫލުގައި އޭސީ ކުރުމުގެ ހުއްދަ އެޑިޔުކޭޝަން މިނިސްޓްރީން ދިނީ ހުސްވި ހަފުތާގެ ތެރޭގއަި ކަމަށެވެ. އޭސީ ހަރުކުރުމުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމާލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި އޭސީތައް މިއަދު އެރަށަށް ލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ، އޭސީ ކުރުމަށް ކައުންސިލުން ކުރިއަށް ގެންދާ މަޝްރޫއަށް މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ސްކޫލް އޭސީކުރުމުން ކަރަންޓް ނުހިފަހައްޓާނެތީ ސްޓެލްކޯގެ އިރުޝާދުގެ މަތިން ޕެނަލް ބޯޑެއް ހަރުކުރުމުގެ މަސައްކަތް ވެސް ކުރަން ނިންމާފައިވާ ކަމަށާއި އެ މަސައްކަތް ސްޓެލްކޯއާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

" ޕެނަލް ބޯޑް ބަހައްޓަން ދާނެ ޚަރަދެއް އަޅުގަނޑުމެންނަށް އަދިއެއް ސްޓެލްކޯއިން ނާންގާ. އެ ޚަރަދާއެކު އޭސީ ހަރުކުރުމަށް މަދުވެގެން މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާ މިކުރަނީ" ޞަލާހު ވިދާޅުވިއެވެ.

ޞަލާހު ވިދާޅުވީ އޭސީތައް މަރާމާތުކޮށް ބަލަހައްޓާނީ ވެސް ކައުންސިލުން ކަމަށެވެ.

މާފުށީ ޕްރީ ސްކޫލުގެ މަރާމާތުގެ މަސައްކަތްތަކެއް ވެސް ކައުންސިލުން އަންނަނީ ކުރަމުންނެވެ. އެ ސްކޫލް ހިންގަނީ ކައުންސިލުގެ މާލީ އެހީތެރިކަމާއެކު، އަމިއްލަ ފަރާތަކާ ހަވާލުކޮށްގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *