ހުޅުމާލޭގައި ދިރިއުޅޭ ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ބަހުގެ ޚިދުމަތް ފޯރުކޮށްދޭން ނިންމައިފިއެވެ. މި ޚިދުމަތް ދޭން ފަށާނީ އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ބަހުގެ ޚިދުމަތް ދިނުމަށް ވިލާ ހައި ސްކޫލުން ވަނީ އެ ޚިދުމަތް މިހާރު ވެސް ފޯރުކޮށް ދެމުން އަންނަ އަމޫ ޕްލަސް ކޮންސްޓްރަކްޝަންއާއެކު މިއަދު ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ވިލާ ހައި ސްކޫލުގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލުގެ ޕްރިންސިޕަލް ސައީދު އަޙްމަދެވެ. އަމޫ ޕްލަސް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މުޙައްމަދު އަފްރާޙް އަބްދުއްސައްތާރެވެ.
ވިލާ ހައިސް ސްކޫލުގެ ޕްރިންސިޕަލް ސައީދު ވިދާޅުވީ، އެ ސްކޫލަށް ކިޔަވަން އަންނަ ގިނަ އަދަދެއްގެ ދަރިވަރުން ހުޅުމާލޭގައި ދިރިއުޅެމުން ގެންދާ ކަމަށާއި އެ ދަރިވަރުން ސްކޫލަށް އައުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ބަހުގެ ޚިދުމަތް ފެށުމަށް މަސައްކަތް ފެށީ ދަރިވަރުންނަށް ދިމާވާ އެ ދަތިތައް ހައްލު ކުރުމުގެ ގޮތުން ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، ބަހުގެ ޚިދުމަތް ދޭނީ ދަރިވަރުންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު ކަމަށާއި، ބަހަށް ދަރިވަރު އެރީއްސުރެ ސްކޫލަށް ދަރިވަރު ވަންނަންދެން ޓްރެކް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށެވެ.

މިހާރުވެސް ރާއްޖޭގެ ދެ ސްކޫލަކަށް ބަހުގެ ޚިދުމަތް ފޯރުކޮށް ދެމުން ގެންދާ އަމޫ ޕްލަސް ކޮންސްޓްރަކްޝަންގެ ފަރާތުން އަފްރާޙް ވިދާޅުވީ، ކޮންމެ ދަރިވަރަކު ވެސް ޓެގެއް ގެންގުޅޭނެ ކަމަށާއި ދަރިވަރު ބަހަށް އެރުމާއެކު އެ ޓެގްއެހީގައި ބަހަށް އެރިކަން އަންގައިދޭ އޮޓެމެޓިކް މެސެޖެއް ބެލެނިވެރިޔާގެ ފޯނަށް ލިބޭނެ ކަމަށެވެ.
" ބަހުގައި އިންނައިރު ކުއްޖާ ހުރި ހިސާބެއް ބަލައިލެވޭނެ. ބަސްތަކުގައި ހުންނާނީ ޖީޕީއެސް އާއި ޑެސްކްކެމް ހަރުކޮށް ޓްރެކް ކުރެވޭނެ ނިޒާމް ގާއިމް ކޮށްފައި" އަފްރާޙް ވިދާޅުވިއެވެ.
އަފްރާޙް ވިދާޅުވީ، ސްކޫލުގެ ކިޔެވުން ފެށޭ ގަޑިއަށް ގެނެސްދިނުމާއި ގެންސްދިނުމުގެ އިތުރުން ސްކޫލުން އެދިއްޖެ ހާލަތެއްގައި އެނޫން ގަޑިތަކުގައި ވެސް ބަހުގެ ޚިދުމަތް ދޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ބަހުގެ ޚިދުމަތް ދޭނީ އެ ސްކޫލަކަށް ޚާއްޞަ ބަސްތަކެއްގައި ކަމަށާއި އެ ބަހަކަށް އެހެން ސްކޫލެއްގެ ކުއްޖަކަށް ވެސް އަދި އެހެން މީހަކަށް ވެސް ނޭރޭނެ ކަމަށެވެ.
ބަހުގެ ޚިދުމަތް ދިނުމަށް އަމޫ ޕްލަސް ކޮންސްޓްރަކްޝަން ކޮމްޕަނީން ނަގާ އަގުތައް އެކި ސްކޫލްތަކަށް ތަފާތެވެ. އެ އަގުތައް އުޅެނީ މަހަކަށް 1100 ރުފިޔާއަށްވުރެ ދަށުގައެވެ.
" އަޅުގަނޑުމެން ކަށަވަރުކޮށް ދެނީ ރައްކާތެރިކަމާއެކު ދަރިވަރުން ގެންގޮސް ގެނެސްދޭނެކަން" އަފްރާޙް ވިދާޅުވިއެވެ.
ސައީދު ވިދާޅުވި ގޮތުގައި، ބަހުގެ ޚިދުމަތް ހުޅުމާލޭގައި ދިރިއުޅޭ އެ ސްކޫލުގެ ހުރިހާ ދަރިވަރުން ބޭނުން ނުކުރާނެ ކަމަށާއި، ބަހުގެ ޚިދުމަތް ހޯދާނެ ކުދިންގެ އަދަދު އެނގޭނީ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުންނެވެ.
ދަރިވަރުންގެ ކިޔެވުމާއި ދުޅަހެޔޮކަމަށް އަބަދުވެސް އިސްކަންދޭ ކަމަށް ވިލާ ހައި ސްކޫލުން ބުނެއެވެ.
advertisment
ހިޔާލު