ދ. އޭއީސީގެ ޕްރިންސިޕަލެއްގެ ގޮތުން އެ ސްކޫލަށް ޚިދުމަތް ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވުމަކީ ދ. ކުޑަހުވަދޫއަށް އުފަން އާލިމާ މުޙަމަދު ( އާލިމާ މިސް) ދެކެވަޑައިގެންނެވި އުއްމީދެކެވެ. ރަށު ސްކޫލުން ކިޔަވައި އެ ސްކޫލުގެ ފަޚުރުވެރި ދަރިވަރެއްގެ ގޮތުގައި ސްކޫލް ނިންމައި، ރިސޯސް ޓީޗަރެއްގެ ގޮތުގައި ކުޑަ ދުވަސްކޮޅެއްގައި އެ ސްކޫލުގައި މަސައްކަތް ކުރެއްވީ ވެސް ތައުލީމީ ދާއިރާއަށް އޮތް ލޯތްބެއްގެ ސަބަބުންނެވެ.

" އަބަދު ވެސް ރަށާއި ސްކޫލަށް ޚިދުމަތް ކުރާ ހިތްވޭ. އެ ފުރުޞަތު ލިބުނީމާ ބޭނުންވީ ދޫކޮށް ނުލައި ޚިދުމަތް ކޮށްދޭން" އާލިމާ މިސް ވިދާޅުވިއެވެ.
އާލިމާ މިސްއަކީ، 2006 ވަނަ އަހަރު ދ. އޭއީސީގެ ކެޕްޓަނެވެ. ސާނަވީ އިމްތިޙާނާއި މަތީ ސާނަވީ އިމްތިޙާނުން ޤައުމީ ގަދަ ދިހައެއްގެ ދެވަނަ ހޯއްދެވިއެވެ.
ދ. އޭއީސީގައި 2005 ވަނަ އަހަރު އަލަށް އުފެއްދި ސްޓޫޑެންޓް ކައުންސިލްގެ ނައިބު ރައީސަކީ ވެސް އޭނާއެވެ. އަދި ކިޔަވާވިދާޅުވާން އުޅުއްވިއިރު، ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑީޔުކޭޝަންގެ ސްޓޫޑެންޓް ޖަމިއްޔާގެ ރައީސް ކަމާއި ނާއިބް ރައީސެއްގެ ގޮތުން އިޖްތިމާއީ ކަންތައްތަކުގައި ނަގައި ކިޔައި އުޅުއްވިއެވެ.

މުދައްރިސެއްގެ ގޮތުގައި ތައުލީމީ ދާއިރާއަށް އާލިމާ މިސް ޚިދުމަތް ކުރައްވަން ފެއްޓެވީ، ފުރަތަމަ ޑިގްރީ ނިންމައި އިސްކަންދަރު ސްކޫލުންނެވެ. ދެ އަހަރު މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު، ފާއިތުވި ނުވަ އަހަރު ހޭދަކުރެއްވީ އެ ސްކޫލުގެ ލީޑިންގ ޓީޗަރެއްގެ ހައިސިއްޔަތުން، ގުރޭޑް ގުރޭޑް 8،9 އަދި 10 ދަރިވަރުންގެ ކަންތައް ބަލަހައްޓާށެވެ.
ބެޗްލާސް ހެއްދެވީ ސެކަންޑްރީ ޓީޗިންގ ކެމިސްޓްރީއާއި ހިސާބުންނެވެ. މާސްޓަރސް ހެއްދެވީ ވިލާކޮލެޖުގައި މެލޭޝިޔާގެ އޯޕަން ޔުނިވަރސިޓީން އެޑިޔުކޭޝަންގެ ދާއިރާއިންނެވެ.
އާބާދީ ބޮޑު ސްކޫލެއްގައި ހޯއްދެވި 11 އަހަރުގެ ތަޖުރިބާގެ އަލީގައި ދ. އޭއީސީއަށް ބަދަލުތަކެއް ގެންނެވުމަކީ އެއީ ކުރިމަގަށް އޭނާ އަޅުއްވާނެ ފިޔަވަޅެކެވެ.
" ދ. އެއީސީއަކީ މިހާރު ވެސް ވަރަށް ސްޓްރޯންގ އެސްއެމްޓީއަކާއި ވަރަށް ޑެޑިކޭޓެޑް ޓީޗަރުން ތަކެއް ތިބި ތަނެއް. މަގާމާ ހަވާލު މިވަނީ ވަރަށް ހިތްހަމަޖެހިގެން ހުރެ" ޕްރިންސިޕަލްކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި ދަރިވަރު ނޫހަށް އާލިމާ ވިދާޅުވިއެވެ.

އާލިމާ ވިދާޅުވީ، އޭނައަށް މިހާރު އިހުސާސް ކުރެއްވެނީ އަމިއްލަ ގެއަށް ވަޑައިގެންނެވުނު ކަމުގެ އިހުސާސެއް ކަމަށާއި މިހާރަށް ވުރެ އިތުރަށް ސްކޫލުގެ ކަންތައްތައް ކުރިއަށް ގެންދަން، ލިބިފައި ހުރި ތަޖުރިބާއެއްގެ ބޭނުން ކުރައްވާނެ ކަމަށެވެ.
އާލިމާ މިސްގެ ވަދާއީ ޚާއްޞަ އެސަމްބްލީއެއް އިސްކަންދަރު ސްކޫލުން ބޭއްވިއެވެ. ދ. އޭއީސީން ވެސް އާލިމާ މިސްއަށް މަރުޙަބާ ދެންނެވުމަށް ހަރަކާތްތަކެއް ބޭއްވިއެވެ.
advertisment
ހިޔާލު