ލަންކާގެ އެޕެކްސް އީޑީގެ ކޯސްތަކެއް "އެމްކިއުއޭ އެޕްރޫވްޑް" ޖަހައިގެން އިސްތިހާރު ކުރަނީ

ލަންކާގެ އެޕެކްސް އީޑީން މިދިޔަ އަހަރު ބޭއްވި ގުރެޖުއޭޝަން ހަފްލާއެއްގެ ތެރެއިން- ކޯސްތައް އިސްތިހާރު ކުރުމުގައި "އެމްކިއުއޭ އެޕްރޫވްޓް" ބޭނުން ކުރާ މައްސަލައިގައި އެކަން އެގޮތަށް ނުކުރުމަށް ތަކުރާރުކޮށް ވަނީ އަންގާފައި

ލަންކާގައި މަތީ ތައުލީމުދޭ އެޕެކްސް އީޑީން ހިންގާ ކޯސްތަކުގެ ތެރެއިން ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ކޯސްތައް އިސްތިހާރު ކުރުމުގައި "އެމްކިއުއޭ އެޕްރޫވްޑް" ބޭނުން ކުރާ މައްސަލައިގައި އެކަން އެގޮތަށް ނުކުރުމަށް ތަކުރާރުކޮށް އަންގާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

ކޮލިފިކޭޝަން އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެޕެކްސް އީޑީއަކީ ސްރީލަންކާގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ކޮމިޝަން (ޓިވެޓް) އިން ވެސް ހުއްދަ ނުދޭ ސަނަދެއް ދޫކޮށްގެން ސަސްޕެންޑް ކުރުމަށްފަހު އަލުން ހުއްދަ ދީފައިވާ ތަނެއް ކަމަށެވެ.

" މައުލޫމާތު ލިބިފައިވާ ގޮތުގައި އެޕެކްސް އީޑީން ދަނީ އެތަނުގައި ހިންގާ ކޯހެއް މި އޮތޯރިޓީން ޤަބޫލުކުރާ ކަމަށް އެންގުމަށްޓަކައި މި އޮތޯރިޓީން ރާއްޖޭގެ ދަރިވަރަކަށް އެތަނުގައި ކިޔެވުމަށް ދޫކޮށްފައިވާ ލިޔުމުގައިވާ ދަރިވަރުގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަމްބަރު ކަނޑާލުމަށްފަހު އެ ލިޔުމަކީ މި އޮތޯރިޓީން އެ މަރުކަޒަށް ދޫކޮށްފައިވާ ލިޔުމެއް ކަމަށް ބުނެ ދަރިވަރުންނަށް ފޮނުވަމުންނެވެ." ކޮލިފިކޭޝަން އޮތޯރިޓީން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.

އެ އޮތޯރިޓީން ބުނީ، ޕްރޮގްރާމް ޤަބޫލުކުރާ ކަމަށް ދޫކުރާ ލިޔުމަކީ އެކަމަށް އެދޭ ދަރިވަރަކަށް، އެ ދަރިވަރަކު ހުށަހަޅާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ގިނަ ކަންތައްތަކެއް ޗެކް ކުރުމަށްފަހު ސީދާ އެ ދަރިވަރަކަށް ދޫކުރާ ލިޔުމެއް ކަމަށެވެ. އެ ގޮތަށް ދޫކުރާ ލިޔުމަކީ އާންމުކޮށް ހުރިހާ ދަރިވަރުންނަށް ދޫކޮށްފައިވާ ލިޔުމެއް ކަމަށް ނުބެލެވޭނެ ކަމަށާއި އެޕެކްސް އީޑީއަށް ކިޔަވަން ދާ ދަރިވަރުން ކިޔަވަން ފެށުމުގެ ކުރިން އެ އޮތޯރިޓީއަށް ހުށަހަޅާ ޗެކް ކުރުން މުހިންމު ކަމަށް ކޮލިފިކޭޝަންސް އޮތޯރިޓީން ބުނެއެވެ.

ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް، ލިޔުން ދޫކުރުމުގައި، އެ މަރުކަޒަކީ އެ ޤައުމެއްގެ މަތީ ތަޢުލީމާއި ތަމްރީނާ ބެހޭ ވުޒާރާއެއްގައި ރަޖިސްޓްރީކޮށްފައިވާ ތަނެއްކަން ކަށަވަރުކުރުމުގެ އިތުރުން، ދަރިވަރުން ހުށަހަޅާ ލިޔުންތަކަށް ބަލައި މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވާކް (އެމްއެންކިޔުއެފް) އަށް ޝަރުޠު ހަމަވާ، އަދި ކޮން ލެވެލްއެއްގެ ޕްރޮގްރާމެއްކަން ކަށަވަރު ކުރާކަމަށް ކޮލިފިކޭޝަންސް އޮތޯރިޓީގެ އިއުލާނުގައި ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *