ޤައުމަށް ކޮށްދެވޭނެ އެންމެ ބޮޑު ޚިދުމަތަކީ، ދިރިއުޅެން ދަސްކޮށް، ޤައުމަށް އޮތް ބުރަޔަކަށް ނުވުން: ޑރ ޝާފިޔާ

އުމަށް ކޮށްދެވޭނެ އެންމެ ބޮޑު ޚިދުމަތަކީ، ދިރިއުޅެން ދަސްކޮށް، ޤައުމަށް އޮތް ބުރަޔަކަށް ނުވުން ކަމަށް އިސްލާމިކް ޔުނިވަރސިޓީގެ ރިސަރޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. އާމިނަތު ޝާފިއާ އާދަމް ވިދާޅުވެއްޖެއެވެ.

2023-2022 ވަނަ އަހަރުގެ ރެހެންދި ސްކޫލުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވައި ޑރ ޝާފިޔާ ވިދާޅުވީ ދިރިއުޅެން ދަސްކުރުމަކީ ޤައުމަށް އޮތް ބުރަޔަކަށް ވެގެން ނުވާނެ ކަމަށެވެ.

ޑރ. ޝާފިޔާ ވިދާޅުވީ، ހިތާމައާއެކު ދަންނަވަން ޖެހެނީ ޤައުމަށް ބުރައަކަށް ވެފައި ތިބި ކުދިން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަ އިން އެބަތިބި ކަމަށާއި އެކަމުގެ ސަބަބުން އޭނާގެ ހިތުގައި ވެސް އުދާސް އުފެދޭ ކަމަށެވެ. ޑްރަގްސް ކަންތައްތަކުގައި އިޖްތިމާއި މައްސަލަތަކުގައި ތަފާތު ކުށްތަކަށް އަރައިގެންފައިވާ ކުދިންނަކީ ހަޤީޤަތުގައި ޤައުމަށް އޮތް ބުރައެއް ކަމަށާއި އެފަދަ އެއްވެސް ކުއްޖަކަށް ނުވުމަށް މިއަދު އަޒުން ކަނޑައެޅުމަކީ އެއީ ޤައުމަށް ކޮށްދެވޭނެ ވަރަށް ބޮޑު ޚިދުމަތެއް ކަމަށް ޑރ. ޝާފިޔާ ވިދާޅުވިއެވެ.

" އެފަދަ މީހަކަށް ނުވުމަށް މިހާރު ތިޔަ ކުދިން ތި ތިބި ފިޔަވަޅުތަކުން އަމިއްލައަށް ވިސްނަންވީ. އަޅުގަނޑު ވަރަށް ބޮޑަށް ދެކެން ބޭނުން ޤައުމު ދިން އެއްޗެއްގެ ބަދަލުގައި އެއަށްވުރެ ރީތި ޚިދުމަތްތަކެއް ޤައުމަށް ހަދިޔާ ކުރަން" ޑރ. ޝާފިޔާ ވިދާޅުވިއެވެ.

ޑރ. ޝާފިޔާގެ ވާހަކަ ބިނާކުރެއްވީ ދަރިވަރުން ދިރިއުޅުމަށް ތައްޔާރުވުމާ ގުޅޭ ގޮތުންނެވެ.

ކިޔަވާ ކުދިންގެ ކިބައިން ޑރ. ޝާފިޔާ އެދިވަޑައިގަތީ " ޝުކުރުވެރި ހިތަކާއެކު މުޖްތަމައުގައި އުޅޭ ފަރުދަކަށް ވެދޭށޭ. އެއީ އިޚްލާސްތެރިކަމާއެކު ޝުކުރުއަދާ ކުރާ ބަޔަކަށް ވާށޭ. ޝުކުރު އަދާކުރާނީ ކޮންބަޔަކަށްތޯ. ޝުކުރު އަދާކުރަން ޖެހެނީ ތިޔަކުދިން ތި މަޤާމަށް ގެނައި މުދައްރިސުންނަށް. ޝުކުރު އަދާކުރަން ޖެހެނީ ތިޔަކުދިން ތި މަޤާމަށް ގެނައި ބެލެނިވެރިންނަށް. އަސދި ސްކޫލަށާއި ޤައުމަށް" ޝުކުރުއަދާކުރަންޖެހޭ ގޮތް ޑރ. ޝާފިޔާ ތަފްޞީލުކޮށް ވިދާޅުވެދެއްވިއެވެ.

" އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރުމަކީ ތެންކިއުއޭ ބުނުމެއް ނޫން. ޝުކުރިއްޔާއޭ ބުނުމެއްނޫން. އޭގެ ބަދަލުގައި ސްކޫލުން ދެކެމުން އައި ހުވަފެންތައް، ބެލެނިވެރިން ދެކެމުން އައި އުއްމީދުތައް. މުދައްރިސުން ދެކެމުން އައި އުއްމީދުތައް ފުރިހަމަ ކޮށްދިނުމަށް އަޒުން ކަނޑައެޅުމަކީ އެކަމަށް ޝުކުރު އަދާކުރުމާއި އެ ކަމުގައި ކުލަޖެއްސުމުގެ އެންމެ މުހިންމު ކަންތައް"

ޑރ. ޝާފިޔާ ވިދާޅުވީ، ދިރިއުޅެން ދަސްކުރަނީ ކުދިންގެ ލާބައާއި މަންފާއަށްޓަކައި ކަމަށާއި ދިރިއުޅެން ދަސްކުރަނީ މުދައްރިސުންނަށްޓަކައެއް ނޫން ކަމަށެވެ. މާދަމާ ދިރިއުޅޭނީ ތިޔަކުދިން ދިރިއުޅުމުގެ ފިޔަވަޅުތައް ނަގާނީ ވެސް، ތިޔަކުދިން އެ އަޅާ ކޮންމެ ފިޔަވަޅެއްގެ ނަތީޖާއަކީ ތިޔަ ކުދިންނަށް ލިބޭނެ އެއްޗެއްކަމަށް ވެސް ޑރ. ޝާފިޔާ ފާހަގަކުރެއްވިއެވެ.

" އޭގެ ސަބަބުން މުދައްރިސުން ފަޚުރުވެރިވާނެ. ބެލެނިވެރިން ފަޚުރުވެރިވާނެ. ސްކޫލް ފަޚުރުވެރިވާނެ. ޤައުމު ފަޚުރުވެރިވާނެ. އެކަމަކު އޭގެ ބޮޑު ފައިދާ އަންނަނީ ތި ކުދިންނަށް"

ދިރިއުޅެން ދަސްކުރާ ކުދިންނަކީ މިއަދު ދިމާވާ ގޮންޖެހުންތައް މާދަމާ އެ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތައް ހޯދާ ކުދިންކަން ފާހަގަ ކުރައްވައި ޑރ. ޝާފިޔާ ވިދާޅުވީ، އެއީ މިއަދު ވެއްޓިއްޖިއްޔާމު ދެން ތެދުވަން ހަދަންވީ ކިހިނެއްތޯ ވިސްނާ ކުދިން ކަމަށެވެ. މިހާރުގެ ދިރާސާތަކުން ފާހަގަކުރެވޭ އެއްކަމަކީ މިހާރުގެ ކުދިންގެ ގޮތް ހުސްވުމުގެ އިހުސާސް ބޮޑު ކަމަށާއި މެންޓަލް ޑިސްއޯޑާރސް ނުވަތަ ހިތް ނުތަނަވަސްވުމާއި ހިތް އަވަސްވުމާއި ކަންކަމުގައިގޮތް ހުސްވާ ޒުވާނުންގެ އަދަދު އިޔުރުވަމުންދާކަން މިހާރުގެ ދިރާސާތަކުން ދައްކާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

" ގޮންޖެހުމަކީ ދިރިއުޅުމުގެ އެންމެ މުހިންމު ކަންތައް. މާނައަކީ ގޮންޖެހުމަކުން އަރައިގަނެވުނީމާ ދިރިއުޅުމުގެ ކަންތައްތަކުން ދެން ދާންވީ މަގު ކޮށައިދޭނެއޭ" ޑރ. ޝާފިޔާ ވިދާޅުވިއެވެ.

" ދިރިއުޅެން ދަސްކުރުމަކީ ދިރިއުޅުމުގެ އަދަބުތަކާއި އުޞޫލުތަކާއި ސަދަބުތަކާއި ގޮތްތަކާއި އިންތަކާއި މިންތަކާ މީހުންގެ ހައްޤުތަކަށް އިޚްތިރާމް ކުރުން. މިއަދު ކުއްޖަކު އެއްޗެއް ބުނީމާ އެއީ ބުލީއޭ ބުނެފައި ނުވަތަ އޭގެ ބަދަލުގައި އެއަށް ހަ ރައްދު ދިނީމާ އެއީ އަޞްލުގައި އިންތަކާ މިންތަކުން އަޅުގަނޑުމެންނަށް އެއް ފަރާތްވެވެނީ"

ޑރ. ޝާފިޔާ ވިދާޅުވީ، ރީތި ގޮތުގައި އިޖާބަ ދޭނެ ގޮތާއި ރީތިގޮތުގައި މީހުންނާ މުއާމަލާތް ކުރުމުގައި ގެންގުޅޭނީ ކޮން ބަހުރުވައެއްތޯ ދަސްކުރަން ޖެހޭ ކަމަށެވެ. މިހާރު ދިމާވާ އެންމެ މުހިންމު ކަމަކީ އަޅުގަނޑުމެންނަށް ވަށައިގެންވާ ޕޯޑިއަމްތަކުގައި އެކި މީހުން ދައްކާ ވާހަކައިގައި ހުންނަ ނުރަގަޅު ކަންތައްތައް ބައެއް ފަހަރު ފާހަގަކުރެވުން ކަމަށާއި އެފަދަ ނުރަގަޅު ކަންތައްތައް ނަކަލު ކުރެވުން ކަމަށެވެ.

" މިސާލަކަށް ސިޔާސީ މައިދާނުގައި ދައްކާ ވާހަކައެއް ވެސް އަދި އެހެން ވެސް ތަންތަނުގައި ނުރަގަޅު ވާހަކައެއް ދައްކައިފިއްޔާ އޭތި ނަކަލުކުރާތަން ވަރަށް ބޮޑަށް ފެނޭ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން ތިޔަ ކުދިންނަކީ ނުބައި އާދަތައް. ނުރަގަޅު ބަހުރުވަތައް. ނުރަނގަޅު ކަންތައްތައް. ނަކަލު ކުރާ ބަޔަކަށް ނުވުން. މީހުންގެ ތެރޭގައި ހުންނަ ރީތި އާދަތަކާއި ރީތި ކަންތައްތައް ރަނގަޅު ކަންތައްތައް ނަކަލު ކުރާ ކުދިބަޔަކަށް ވެގެން ރީތި ދިރިއުޅުމެއް އުޅެން ދަސްވާނީ"

ދިރިއުޅެން ދަސްކުރުމަކީ އަމިއްލަ ޚަރަދު ބަރަދު، އަމިއްލައަށް މަސައްކަތެއް ކުރަން ދުރުރާސްތާ ޕްލޭނެއް ހެދުންކަން ބަޔާން ކުރައްވައި ޑރ. ޝާފިޔާ ވިދާޅުވީ، ކޮންމެ ކުއްޖަކު ވެސް އަޒުމް ކަނޑައަޅަންވީ، ތިމަންނައަކީ މުސްތަޤުބަލުގައި ދަރަނިވެރިވުމުގެ ބަދަލުގައި އަރަނިވެރި މީހަކަށް ވުމަށް ކަމަށާއި އަރަނިވެރި މީހަކަށް ވެވޭނީ ތިމާއަށް ލިބޭ އެއްޗެއްގެ ފައިދާ، ރަނގަޅު މަސައްކަތެއް ދަސްކޮށްގެން ރަނގަޅަށް އާމްދަނީ ހޯދަން އެނގޭ މީހަކަށް ވެގެން ކަމަށެވެ.

" މިހާރު ތި ކުދިން ގުރޭޑް 10 ގެ މަރުހަލާގައި ނިންމާފާއި، ގުރޭޑް 11އަދި 12 ކުލާހުގައި ތިއްބަސް ތިއިން ކޮންމެ ކުއްޖެއްގެ ޒިންމާއަކީ މާދަމާ އާމްދަނީ ހޯދަން ކުރާނެ މަސައްކަތަކާ ދޭތެރޭ ވިސްނުން. އެއީ ވަރަށް މުހިންމު ކަމެއް. މިއަދު ނުކުރާ ޕްލޭނެއް މާދަމާ ކުރަން އުނދަގޫވާނެ. މިއަދު ކިޔަވާ އެއްޗަކީ މާދަމާ ކުރާ މަސައްކަތާ ވަރަށް ބޮޑަށް ގުޅުން ހުރި ކަމެއް" ކިޔަވާ ކުދިންނާ މުހާޠަނުކޮށް ޑރ. ޝާފިޔާ ވިދާޅުވިއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *