ތ. ކަޅުފަހަލަފުއްޓަށް ދަތުރުގޮސް މޫދަށް އެރިއުޅެނިކޮށް، އެ އަތޮޅު ވިލުފުށީ ސްކޫލުގެ ގުރޭޑޭ 10ގައި ކިޔަވަމުން އަންނަ އައިޝަތު ޝައިމާ (16އ) ނިޔާވެއްޖެއެވެ.
ޝައިމާ ދަތުރު ދިޔައީ އޭނާގެ އާއިލާގެ މީހުންނާއި ގާތް އެކުވެރިންނާއެކުގައެވެ.
ފުލުހުން ބުނީ، އެ މައުލޫމާތު ލިބުނީ މިއަދު 12:45 ހާއިރު ކަމަށާއި، އޭރު ވިލުފުށީ ސިއްޙީމަރުކަޒަށް ގެންދަނީ ކަމަށެވެ.

ދަތުރުދިޔަ ބައެއް މީހުންނާ ހަވާލާދެއްވައި ވިލުފުށީ ކައުންސިލުގެ ނާއިބް ރައީސް ހުސައިން އަބްދުއް ސަލާމް ދަރިވަރު ނޫހަށް ވިދާޅުވީ، މަރުވިކަމަށް ބެލެވެނީ މޫދުގައި އޮތްވައި ފިޓްޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ.
" މޫދުގައި އޮތްވައި ޝައިމާގެ އަނގައިން ފޮނުތަކެއް އެރިކަމަށް އޭނާއާއެކު މޫދަށް އެރުނު ކުދިން ބުނޭ" ހުސައިން ވިދާޅުވިއެވެ.

ޝައިމާއަކީ ހިތްހެޔޮ އެންމެންނާ ގުޅޭ ދަރިވަރެއް ކަމަށް ވިލުފުށީ ސްކޫލުން ބުނެއެވެ.
ކުއްލި ގޮތަކަށް ޝައިމާ ނިޔާވުމާ ގުޅިގެން އޭނާގެ އާއިލާއަށް އެ ސްކޫލުގެ ދަރިވަރުންނާއި ހުރިހާ މުވައްޒަފުންނާއި ބެލެނިވެރިންގެ ފަރާތުން ވަނީ ތައުޒިޔާ ކިޔާފައެވެ.
" މަރުޙޫމުގެ ފުރާނައަށް މާތްﷲ ސުބުޙާނަހޫ ވަތޢާލާ ރަޙްމަތް ލައްވައި ސުވަރުގޭގެ އަހުލުވެރިންގެ ތެރޭގައި ލެއްވުން އެދި ދުއާކުރަމެވެ. މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދި ދުއާކުރަމެވެ" ވިލުފުށީ ސްކޫލުގެ ތައުޒިޔާ މެސެޖްގައި ބުނެފައިވެއެވެ.
advertisment
ހިޔާލު