ތ. އަތޮޅު މަދަރުސާގެ އިސް ދަރިވަރުން، ފުލުހުންގެ ޚިދުމަތުގެ އަގުވަޒަންކުރީ ސަޕްރައިޒް ރޯދަވީއްލުމަކުން

ފުލުހުންގެ ޚިދުމަތަށް 91 އަހަރު ފުރުމާ ގުޅިގެން، ތ. އަތޮޅު ގުރައިދޫގައި ތިބި ފުލުހުންނަށް އެ އަތޮޅު މަދަރުސާގެ އިސް ދަރިވަރުން ސަޕްރައިޒް ރޯދަވީއްލުމެއް ދީފިއެވެ.

މިއީ އެ ސްކޫލަށާއި ދަރިވަރުންނަށް ފުލުހުންދޭ އެއްބާރުލުމާއި އެހީތެރިކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ދަރިވަރުން އިސްނަގައިގެން ބޭއްވި ހަރަކާތެކެވެ. މި ރޯދަވީއްލުމުގައި، ގުރައިދޫ ޕޮލިސް ސްޓޭޝަނުގައި ސަޕޯޓް ސްޓާފުންނާއެކު މަސައްކަތް ކުރައްވާ 13 ފުލުހުންނާއި އަދި އަތޮޅު ކޮމާންޓަރު ހިމެނިވަޑައިގަންނަވާހެން ކޮންމެ ފުލުހަކަށް ކަރުދާހުން ތައްޔާރުކޮށްފައިވާ ބޮކޭއަކާއި ޚާއްޞަ ހަދިޔާ ޕެކެއް ދަރިވަރުން ވަނީ ހަދިޔާ ކޮށްފައެވެ. އެ މަސައްކަތުގައި ތ. އަތޮޅު މަދަރުސާގެ އިސްދަރިވަރުންގެ ގޮތުގައި މި ވަގުތު ތިއްބެވި 58 ދަރިވަރުން ބައިވެރިވިއެވެ.

ގުރައިދޫ ޕޮލިސް ސްޓޭޝަންގައި އިސްކޮށް މަސައްކަތް ކުރައްވާ ސަބްއިނިސްޕެކްޓަރ އޮފް ޕޮލިސް އަބްދުލް އަލީމް، ދަރިވަރު ނޫހަށް ވިދާޅުވީ ތ. އަތޮޅު މަދަރުސާގެ ދަރިވަރުންގެ ފަރާތުން ލިބުނު ރޯދަވީއްލުމަކީ އެއީ ސޕްރައިޒެއް ކަމަށާއި ފުލުހުންގެ އަގުވަޒަން ކުރަން އެފަދަ ބޮޑު ހަރަކާތެއް އިންތިޒާމް ކޮށްފާނެ ކަމަށް އުއްމީދެއް ވެސް ނުކުރައްވާ ކަމަށެވެ. އޭނާއެކޭ އެއްގޮތަށް އެ ސްޓޭޝަނުގައި މަސައްކަތް ކުރައްވާ ހުރިހާ ފުލުހުންނަށް ވެސް އެކަންވީ ސަޕްރައިޒެއް ކަމަށް އަލީމް ވިދާޅުވިއެވެ.

" ފުލުހުންގެ އަހަރީ ދުވަސް ނޫނީ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އާންމުކޮށް ކުރާކަމަކީ، ކުޑަ ހަފުލާއެއް ބާއްވާފައި ކޭކެއް ފަޅާލަނީ. މި ފަހަރު މުޅިން ތަފާތު. މިހާ ކުލަގަދަކޮށް މިފަދަ އިވެންޓެން އިސް ދަރިވަރުންގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވަފާނެ ކަމަކަށް އެއްގޮތަކަށް ވެސް އުއްމީދެއް ނުކުރަން" އަލީމް ވިދާޅުވިއެވެ.

އަލީމް ވިދާޅުވީ، ދަރިވަރުންގެ ދިން ރޯދަވީއްލުމުން އެނގިގެން ދިޔައީ ފުލުހުން ފޯރުކޮށްދޭ ޚިދުމަތް އެ ދަރިވަރުން ބަލައިގަންނަކަމެވެ.

"  ސްކޫލަށާއި ދަރިވަރުންނަށް މަސައްކަތްތަކެއް ކޮށްދެވޭ ކަމުގެ އިހުސާސްވާކަން ގުރައިދޫގައި މަސައްކަތް ކުރަމުން އަންނަ ހުރިހާ ފުލުހުންނަށް ވެސް ފާހަގަ ކުރެވުނީ" އަލީމް ވިދާޅުވިއެވެ.

ގުރައިދޫ ޕޮލިސް ސެޓޭޝަންގެ ފަރާތުން ގިނަ ހަރަކާތްތަކެއް، ތ. އަތޮޅު މަދަރުސާގެ ހުރިހާ ދަރިވަރުން ޝާމިލުވާ ގޮތަށް، ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 12އާ ކިޔަވާ ދަރިވަރުންނަށް ހިންގައިދޭ ކަމަށް އެ ސްކޫލުގެ ޕްރިންސިޕަލް އުޝާ މޫސާ ވިދާޅުވިއެވެ. އޭގެތެރޭގައި ސްޓޫޑެންޓް ލިޑަރުންނަށް އަމާޒުކޮށްގެން ހިންގައިދޭ ކޭމްޕްތަކާއި ޓްރެއިނިންގ ތަކާއި ހޭލުންތެރިކަމުގެ ސެޝަންތައް ހިމެނެއެވެ.

އުޝާ ވިދާޅުވީ، އެ ސްކޫލުގެ އިސް ދަރިވަރުންގެ ފަރާތުން ފެނިގެން ދިޔަ އަގުވަޒަން ކުރުމުގެ ނަމޫނާއަށް އެ ސްކޫލުން ފަޚުރުވެރިވާ ކަމަށާއި، ރޯދަވީއްލުމުގެ ހުރިހާ ކަމެއް އިންތިޒާމްކޮށް ހިތްގައިމު މާހައުލެއްގައި އެ ހަރަކާތް ކުރިއަށް ގެންދިޔައީ ދަރިވަރުން އަމިއްލައަށް ކަމަށެވެ.

" ރޯދަވީއްލަން ބޭނުންވާ ކާބޯތަކެތި ހެދުމުގައި ބެލެނިވެރިންގެ އެހީތެރިކަން ދަރިވަރުން ހޯދީ. ދެން ކުރަން ޖެހުނު ހުރިހާ ކަމެއް، ތަން ޒީނަތްތެރިކުރުމާއި ހަނދާނީ ހަދިޔާ ތައްޔާރު ކުރީ ވެސް ދަރިވަރުން އަމިއްލައަށް" އުޝާ ވިދާޅުވިއެވެ.

ތ. އަތޮޅު މަދަރުސާގައި މިހާރު 376 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *