ފާއިތުވި 2022-2023 ވަނަ ދިރާސީ އަހަރު، ގދ. އަތޮޅު މަދަރުސާގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް އެ ސްކޫލުގެ މުޒުނާ އިބްރާހިމް ޝަރީފު ހޯދައިފިއެވެ.
އެއްވަނަ ހޯދި މުޒުނާއަށް އިނާމް ހަވާލުކޮށްދެއްވީ ޝަރަފުވެރިމެހުމާނެއްގެ ގޮތުން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢުއެވެ.
މުޒުނާއަކީ ފާއިތުވި އަހަރު، ގދ. އަތޮޅު މަދަރުސާއިން ސާނަވީ ނިންމި ދަރިވަރުންގެ ތެރެއިން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނު އެ ސްކޫލުގެ ދެ ދަރިވަރުންގެ ތެރެއިން އެއް ދަރިވަރެކެވެ. މުޒުނާއަށް ޤައުމީ ގަދަ ދިހައެއްގެ ހަ ވަނަ ލިބުނުއިރު، އަނެއް ދަރިވަރަށް ލިބުނީ ދިހަ ވަނައެވެ.

ދަރިވަރު ނޫހަށް މުޒުނާ ބުނީ، އެއްވަނަ މަޤާމް ހޯދުމަކީ އެއީ ކުޑައިރުއްސުރެ ކުރަމުން އައި އުއްމީދެއް ކަމަށާއި ކިޔެވުމަށް ޚާއްޞަ އިސްކަމެއް ދިނީ ވެސް އެ ފަޚުރިވެރި ވަނަ ހޯދުމުގެ ބޭނުމުގައި ކަމަށެވެ.
" ވަރަށް ކުޑައިރުއްސުރެ އުއްމީދުކުރަން ފެށިން އެއްވަނަ މަޤާމް ހޯދަން. ވަރަށް ވާދަވެރިކަމާއެކު ފަހު އަހަރު މަސައްކަތް ކުރަން ޖެހުނީ ވެސް" އެއްވަނަ ލިބުމުން އުފާވެފައި ހުރި މުޒުނާ ބުންޏެވެ.

ކިޔެވުމުގެ އިތުރުން ސްކޫލުން ހިންގާ ހުރިހާ ހަރަކާތެއްގައި ވެސް މުޒުނާ އައީ ބައިވެރިވަމުންނެވެ. ސްކޫލުގެ ކެޕްޓަން ކަމުގެ ޒިންމާ އުފުލަމުން ކުޅިވަރާއި އަދަބީ ހަރަކާތްތަކުގައި ބައިވެރިވިއެވެ.
މުޒުނާ ބުނީ، ސައިންސް މާއްދާތައް ކިޔަވަމުން ޓްރެވެލް އެންޑް ޓޫރިޒަމް މާއްދާ ކިޔަވަން އުނދަގޫވި ކަމަށާއި އެހެން ހުރިހާ މާއްދާއެއް ކިޔަވަން ފަސޭހަ ކަމަށެވެ.
ރަށު ސްކޫލުން ސާނަވީ ނިންމައި މުޒުނާ މިހާރު ދަނީ އޭނާގެ އެންމެ "ޑްރީމް" ވަޒީފާއަށް ތައްޔާރު ވުމަށް ނާރސިންގ ކޯހެއް ހަދަމުންނެވެ.

މުޒުނާ ބުނީ، އެއްވަނަ މަޤާމް ލިބުނީ މަންމައާއި ބައްޕަ އަދި ސްކޫލުގެ މުދައްރިސުންނާއި މެނޭޖްމަންޓުން ކޮށްދިން ގިނަ ގުނަ މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. އެހެންވެ މަންމައާއި ބައްޕައަދި ސްކޫލުގެ ހުރިހާ އެންމެންނަށް ޚާއްޞަ ޝުކުރެއް އަދާކުރާ ކަމަށެވެ.
advertisment
ހިޔާލު