އަމީނިއްޔާ ސްކޫލުގެ ސްޓޫޑެންޓް ކައުންސިލުގެ ފަރާތުން އިފްތާރު ޕެކްތަކެއް ސަލްމާން މިސްކިތަށް ހަދިޔާ ކޮށްފިއެވެ. މިދިޔަ ހޮނިހިރު ދުވަހު ހަވީރު ސަލްމާން މިސްކިތަށް ގޮސް، 100 މީހަކަށް ރޯދަ ވީއްލަން ބޭނުންވާ އިފްތާރު ޕެކްތައް، ރޯދަ ސުފުރާ މަތީގައި އެ ދަރިވަރުން ވަނީ އަތުރާ ވެސް ދީފައެވެ.

އަމީނިއްޔާ ސްކޫލުން ބުނީ، މިއީ ދީނީގޮތުންނާއި އަދި ދިވެހިންގެ އާދަކާދައިގެ ތެރެއިން ކުރަމުން އަންނަ، އެކަކު އެނެކަކަށް އެހީތެރިވުމުގެ ރީތި އާދަ ދަރިވަރުންގެ ހިތްތަކުގައި އަށަގެންނެވުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

ސަލްމާން މިސްކިތަށް ގެންދިޔަ އިފްތާރު ޕެކްތައް ތައްޔާރު ކުރީ އެ ސްކޫލުގައެވެ. ޕެކްގައި ހިމަނާފައި ހުރީ ދަރިވަރުން ގެނައި ތަކެއްޗެވެ. އެ މަސައްކަތުގައި ސްޓޫޑެންޓް ކައުންސިލުގެ ހުރިހާ ދަރިވަރުން ބައިވެރިވިއެވެ.

އަމީނިއްޔާ ސްކޫލުން ބުނީ އެ ސްކޫލުގެ އެސްއެމްޓީގެ ފަރާތުން ސްޕޯޓް ސްޓާފުންނަށް ރޯދަ ހަދިޔާ ޕެކްތައް މި އަހަރު ވެސް ހަދިޔާކޮށްފައިވާ ކަމަށެވެ. މިއީ ކޮންމެ އަހަރަކު ވެސް އެ ސްކޫލުން ގަވާއިދުން ކުރަމުން އަންނަ ކަމެކެވެ. އަދި ރޯދައަށް ތައްޔާރު ވުމުގެ ގޮތުން ދިވެހިންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ، ސާފު ކުރުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދިޔަ ކަމަށެވެ.

އަމީނިއްޔާގެ ހުރިހާ ކުލާހެއްގައި ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި އިސްވެ މަސައްކަތް ކުރީ އެ ކުލާހެއްގެ ދަރިވަރުންނެވެ.
advertisment
ހިޔާލު