ދާއިރާތައް އިތުރުކޮށް ކަރުދާސްތައް ހުށައެޅުމުގެ ފުރުޞަތު އަންނަ މެއި މަހުގެ 15ގެ ނިޔަލަށް
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ބާއްވާ ޢިލްމީ ކުރިއެރުމާއި ބެހޭ ބައިނަލް އަޤްވާމީ މަހާސިންތާ (އައިސީއައިއޭ ) އަންނަ ސެޕްޓެމްބަރު މަހުގެ 28ން 29އަށް ބާއްވަން ނިންމައި، ދިރާސާވެރިންނަށް ކަރުދާސް ހުށަހަޅަން ހުޅުވާލައިފިއެވެ. ދިރާސާ ކަރުދާސް ހުށަހަޅަން ދީފައި ވަނީ އަންނަ މެއި މަހުގެ 15 އާ ހަމައަށެވެ.
އައިސީއައިއޭ މަހާސިންތާގެ މުހިންމު ތާރީޚްތައް:
- 14 މާރޗް: ދިރާސާ ކަރުދާސްތައް ހުށަހަޅަން ހުޅުވާލުން
- 15 މެއި: ދިރާސާ ކަރުދާސްތައް ހުށައެޅުމުގެ ފަހު ދުވަސް
- 10 ޖޫން: ދިރާސާ ކަރުދާސް ހުށަހެޅި ފަރާތްތަކަށް އެކަން އެންގުން
- 15 އޮގަސްޓް: މަހާސިންތާގައި ބައިވެރިވާން ހުޅުވާލުން
- 30 އޮގަސްޓް: މަހާސިންތާގައި ބައިވެރިވުމުގެ އެންމެ ފަހު ދުވަސް
- 14 ސެޕްޓެމްބަރު: ރަޖިސްޓްރީކުރަން ޖެހޭ ފަހު ދުވަސް
- 28،29: ކޮންފަރެންސް އޮންނަ ދުވަސް

އިސްލާމިކް ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު، ވިޝާލް މޫސާ ވިދާޅުވީ، ދިރާސާވެރިންނަށް، ދިރާސަތަކަށް ލޯބިކުރާ ފަރާތްތަކާއި ފަންނު ވެރިންނާއި މަސައްކަތްތެރިންނާއި ޕޮލިސީ މޭކަރުންނަށް އެތައް ފައިދާތަކެއް އައިސީއައިއޭ މަހާސިންތާއިން ލިބިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެންމެ ބޮޑު ފައިދާއަކީ އިލްމީ ގޮތުން ކުރެވޭ ދިރާސާތަކެއްގެ ވާހަކަ އެއްތަނެއްގައި ދެކެވި ބަހުސްކުރެވުން ކަމަށެވެ.
ޑރ. ވިޝާލް ވިދާޅުވީ، މަހާސިންތާއަށް ހުށައަޅާ އިލްމީ ދިރާސާތައް ޕަބްލިޝް ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށާއި އުއްމީދަކީ 70 އަށްވުރެ ގިނަ އިލްމީ ދިރާސާ ޕަބްލިޝް ކުރެއްވުން ކަމަށެވެ.
އިސްލާމީ ޔުނިވަރސިޓީން އައިސީއައިއޭ މަހާސިންތާ ބާއްވާ މިއީ ހަތް ވަނަ އަހަރެވެ. މި އަހަރުގެ މަހާސިންތާގައި، ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި އުނގެނުމުގެ މުޖްތަމަޢު ބިނާކުރުމަށް ކަނޑައަޅާފައި ވަނީ މައިގަނޑު ހަތަރު ދާއިރާތަކެވެ.
އައިސީއައިއޭގެ މައިގަނޑު ދާއިރާތައް:
1- ސޯޝިއަލް ސައިންސް، ހިއުމިނިޓީސް އެންޑް އެޑިޔުކޭޝަން
މި ދާއިރާގެ ތެރޭގައި ހިމެނެނީ، ސައިކޮލޮޖީއާއި ކައުންސިލިންއާއި ސޯޝަލްވާރކްސްއާއި ކައިރިކުލަމާއި އެޑިޔުކޭޝަންއާއި ޓީޗިންއާއި ސަސްޓެއިނަބަލް އެޑިޔުކޭޝަނުގެ އިތުރުން ކަލްޗަރަލް ހެރިޓޭޖްގެ ދާއިރާތަކެވެ.
2- ޤުރުއާނިކް ސްޓަޑީޒް ޝަރިޢާ އެންޑް ލޯ
މި ދާއިރާގެ ތެރޭގައި ހިމެނެނީ، އިސްލާމިކް ލޯއާއި ޤުރުއާނިކް ސްޓަޑީޒްއާއި ކޮންޓެމްޕަރަރީ އިޝޫސްއިން އިސްލާމިކް ވޯލްޑްއާއި ޖެންޑަރ އީކުއަލިޓީ އެންޑް އިސްލާމިކް ޕާސްޕެކްޓް ފަދަ ދާއިރާތެކެވެ.
3- ޓޫރިޒަމް އެންވަޔަރަމަންޓް އެންޑް ޓެކްނޮލޮޖީ.
މި ދާއިރާގެ ތެރޭގައި ހިމެނެނީ، ހަލާލު ޓޫރިޒަމާއި ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމާއި އެކި ވައްތަރުގެ މެޑިކަލް ޓޫރިޒަމެވެ.
4- މެނޭޖްމަންޓް ބިޒްނަސް އިކޮނޮމިކްސް އެކައުންޓިންގ ފައިނޭންސް އެންޑް ބޭންކިންގ
މި ދާރިރާގެ ތެރޭގައި ހިމެނެނީ، އިސްލާމިކް ފައިނޭންސްއާއި ހިއުމަންރިސޯސަސް މެނޭޖްމަންޓާއި ޕަބްލިކް އެޑްމިނިސްޓްރޭޝަނާއި މެނޭޖްމަންޓް އަދި ކެޕިޓަލް މާކެޓެވެ.
މަހާސިންތާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު މީޑިއާ ހިއްސާ ކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އިސްލާމިކް ޔުނިވަރސިޓީގެ ރިސަރޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. އާމިނަތު ޝާފިއާ އާދަމް ވިދާޅުވީ، އައިސީއައިއޭ މަހާސިންތާ މީގެ ކުރިން ބާއްވަމުންއައީ ރިސަރޗް ގެޓަގަރީއަށް އެކަނި ފޯކަސް ކޮށްގެންނެވެ. މި އަހަރުގެ މަހާސިންތާއަށް ހަތަރު ކެޓަގަރީ އިތުރުކުރެއްވީ ހުށަހަޅުންތައް އިތުރު ކުރުމުގެ ފުރުޞަތު ތަނަވަސް ކޮށްދިނުމާއި މައުލޫމާތާއި އިލްމް ފެތުރުމުގެ އެކިއެކި ގޮތްތައް ފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
ދިރާސާ ކަރުދާސްތައް ހުށަހަޅާ ކެޓަގަރީތައް
1- ރިސަރޗް ކެޓަގަރީ
2- ޕްރެކްޓިސް ޕޭޕަރސް ކެޓަގަރީ
3- ޕޯސްޓަރ ކެޓަގަރީ
4- ރިވިއުޕޭޕަރ ކެޓަގަރީ
5- ވޯކްޝޮޕް ކެޓަގަރީ
ޑރ. ޝާފިޔާ ވިދާޅުވީ، ފީލްޑް ރިސަރޗްގެ ގޮތުގައި ހުށަހަޅާނީ، މައިދާނަށް ގޮސް ޑާޓާ ކަލެކްޓް ކޮށްގެން އޭގެއިން ހޯދުންތަކެއް ހޯދުމަށްފަހު ތަހުލީލު ކުރުމަށްފަހު ހުށަހަޅާ ހުށަހެޅުންތައް ކަމަށެވެ.
އޭނާ ވިދާޅުވީ، ޕްރެކްޓިސް ޕޭޕަރގެ ގޮތުގައި ހުށަހަޅާ ކަރުދާހަކީ މަސައްކަތާ ގުޅޭ ކަރުދާހެއް ކަމަށެވެ. މި ބައިގައި ހުށަހަޅާ ކަރުދާހަކީ، މުއައްސަސާތަކާއި ސްކޫލްފަދަ ތަންތަނުން ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް މިހާރު ވެސް ކުރަމުން އަންނަ ކަންތައްތައް، އެ ތަންތަނުގެ ކާމިޔާބީގެ ވާހަކަތައް ހިމަނައިގެން ހުށަހަޅާ ހުށަހެޅުން ތަކެވެ.
" މިފަހަރު، ޕްރެކްޓިސް ޕޭޕަރސް ތަޢާރަފު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހިރާއްޖޭގައި ވަރަށް ބައިވަރު ކުންފުނިތަކާއި ސްކޫލްތަކާއި މިނިސްޓްރީތަކުގައި ކާމިޔާބު ކަމާއެކު ކުރިއަށް ގެންދާ، ނޫނީ ކާމިޔާބު ވެފައި ހުރި އެބޭފުޅުންގެ ޝައިނިންގ ސްޓޯރީޒްތައް، ކާމިޔާބު ވާހަކަތައް. ގެނެސްދިނުން" ޑރ. ޝާފިޔާ ވިދާޅުވިއެވެ.
ޝާފިޔާ ވިދާޅުވީ، ރިވިއު ޕޭޕަރ ގެޓަގަރީއަށް ފީލްޑް ރިސަރޗް ނޫން ހުރިހާ ވައްތަރެއްގެ ދިރާސާތައް ހުށައެޅުއްވޭނެ ކަމަށެވެ. ވަރަށް ގިނަ ދިރާސާވެރިންނާއި ލިޔުންތެރިން އަދި ޕަބްލިޝްކުރާ މީހުންނަށް ބައެއް ފަހަރު އެބްސްޓްރެކްޓެއް ސަބްމިޓް ކުރަން ހުށަހަޅާއިރު ކަލެކްޓް ކޮށްފައި އެއްވެސް ޑާޓާއެއް ނެތޭ ހިތަށް އަރާ ފަހަރު އަންނަ ކަމަށާއި ރިވިއު ޕޭޕަރުގެ ދާއިރާއެއް ކަނޑައަޅާފައި އޮތުމުން އެފަދަ ފަރާތްތަކަށް ވެސް ކަރުދާސް ހުށަހަޅަން ފުރުޞަތު ހުޅިވިގެންދާ ކަމަށް ޑރ ޝާފިޔާ ވިދާޅުވިއެވެ.

ޑރ. ޝާފިޔާ ވިދާޅުވީ، ޕްރެކްޓިސް ޕޭޕަރސްގެ ތެރޭގައި ލިޗްރޭޗަރ ރިވިއުއާއި އިލްމީ މުރާޖާތަކާއި ކޮންސެޕްޓް ޕޭޕަރުތަކާއި ޑެސްކް ރިވިއު ޕޭޕަރގެ އިތުރުން ޑިޕްލޮމެޓިކް ރިވިއު ވެސް ހުށަހެޅުއްވޭނެ ކަމަށެވެ.
ޑރ. ޝާފިޔާ ވިދާޅުވީ، ވޯކްޝޮޕް ކެޓަގަރީއަކީ އަލަށް ތަޢާރަފު ކުރި ނަމަވެސް އުއްމީދީ ކެޓަގަރީއެއް ކަމަށެވެ. އޭނާ ވިދާޅުވީ، މީގެ ކުރީގެ ކޮންފަރެންސް ތަކުގައި ވޯކްޝޮޕްތައް ބާއްވަނީ ޖެނެރަލްކޮށް އެންމެންނަށް ކަމަށެވެ. އެކަމަކު މި ފަހަރު ކުރިއަށް ގެންދާ ވޯކްޝިޕް ކެޓަގަރީގައި، ކޮންފަރެންސް ބައިވެރިވާ ފަރާތްތަކަށް އޭނަގެ ޗޮއިސްގައި އޭނާ ބޭނުންވާ ވޯކްޝޮޕެއްގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދެވޭނެ ކަމަށެވެ.
ވޯކްޝޮޕް ކެޓަގަރީގައި މުއައްސަސާތަކާއި ކުންފުނިތަކާއި ޖަމިއްޔާތަކާއި އަމިއްލަ ފަރުދުންނަށް ވެސް ވޯކްޝޮޕެއް ހިންގުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް ޑރ. ޝާފިޔާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ވޯކްޝޮޕް ކުރިއަށް ގެންދާނީ 3-1 ގަޑިއިރާ ދެމެދުގެ ވަގުތަކަށެވެ. ވޯކްޝޮޕްތަކުގައި ވައިވެރިވުމާއި ހުށައެޅުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ ކަމަށެވެ.
ޑރ. ޝާފިޔާ ވިދާޅުވީ، މަހާސިންތާގައި 200 އެންހާ ދިރާސާވެރިން ބައިވެރިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ޔުނިވަރސިޓީތަކާއި ކޮލެޖް ތަކުގައި ކިޔަވާ ދަރިވަރުންނަށް މިއީ ފަހި ފުރުޞަތެއް ކަމަށެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުގެ ގިނަ ފަރާތްތަކުން ބައިވެރިވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޑރ. ޝާފިޔާ ވިދާޅުވިއެވެ.
advertisment
ހިޔާލު