އައްޑޫ ސިޓީގައި ހުންނަ ހިތަދޫ ސްކޫލުގެ "ލީޑަރސް ކޮންފަރެންސް" މާދަމާ ފަށާނެއެވެ. މި ކޮންފަރެންސްގައި އެ ސްކޫލުގެ ސްޓޫޑެންޓް ލީޑަރުންގެ ގޮތުގައި މަސައްކަތް ކުރާ 84 ދަރިވަރުން ބައިވެރިވާނެއެވެ.
މިއީ އެ ސްކޫލުން މި ކޮންފަރެންސް ބާއްވާ ދެ ވަނަ ފަހަރެވެ.
މި ފަހަރުގެ ކޮންފަރެންސަށް ދަރިވަރުން ހުށަހަޅާ ހުރިހާ ކަރުދާހެއް ބިނާކޮށްފައި ވަނީ ސްކޫލްގެ އެތެރޭގެ މާހައުލާ ގުޅޭ ގޮތުން، މައިގަނޑު ހަތަރު ތީމަކަށެވެ. އެއީ ދަރިވަރުންގެ އުޅުމާއި ދަރިވަރުން ޝާމިލުކުރުމާއި ސްކޫލްގައި ގުރެފިޓީ ކުރެހުމާއި، ކެއުމުގައި ރަނގަޅު ކާނާ ބޭނުން ކުރުމުގެ މައްޗަށެވެ. މި ހަތަރު ތީމަށް 84 ކަރުދާހެއް ދަރިވަރުން ހުށަހަޅާނެއެވެ.

ހިތަދޫ ސްކޫލުގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުހައްމަދު ދީދީ ވިދާޅުވީ، މިއީ ސްކޫލްގެ އެތެރޭގައި ހުންނަ މައްސަލަތައް ހައްލު ކުރުމަށް، ކުދިން ދެކޭ ގޮތާއި އެކުދިންގެ ނަޒަރިއްޔާތު ދެނެގަންނަން ލިބޭ ފުރުޞަތެއް ކަމަށެވެ.
" ސްކޫލްގެ ތެރޭގައި ހުރި މައްސަލަތައް ހައްލު ކުރުމުގައި އެ ކުދިން ދެކޭ ގޮތް އަޅުގަނޑުމެންނަށް މި ކޮންފަރެންސުން އެނގިގެންދާނެ. ކަންކަމާ މެދު ކުދިން ދެކޭގޮތަކީ ސްކޫލެއް ހިންގުމުގައި ވަރަށް މުހިންމު ކަމެއް" ޑރ. އާސިޔަތު ވިދާޅުވިއެވެ.
މި ކޮންފަރެންސަށް ހިތަދޫ ސްކޫލުގެ ދަރިވަރުން ހުށަހަޅާ ހުރިހާ އެބްސްރެކްޓްތަކަކީ އަމިއްލައަށް ރިސަރޗްކޮށް މައުލޫމާތު ހޯދާ އޭގެ މައްޗަށް އެނަލައިޒްކޮށްގެން ހުށަހަޅާ ހުށަހެޅުންތަކެވެ.
" ކުދިން އަމިއްލައަށް ސުވާލުތައް ހަދައިގެން ބެލެނިވެރިންނާއި ކުދިންގެ ޚިޔާލު ގޫގުލް ފޯމް މެދުވެރިކޮށް ހޯދައި، އަދި އިންޓަރނެޓުން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް އެބްސްރެކްޓްތައް ތައްޔާރު ކުރީ. ދަރިވަރުން ހުށަހަޅާ އެބްސްރެކްޓްތައް ޝާއިއުކުރަން އަޅުގަޑުމެން ވާނީ ނިންމާފައި" ޑރ. އާސިޔަތު ވިދާޅުވިއެވެ.
ހިތަދޫ ސްކޫލުގައި ހާހަކަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު