އޭލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނު އައްޑޫ ހައި ސްކޫލް ދަރިވަރުންގެ ތަޖުރިބާ ލ. ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ ދަރިވަރުންނާ ހިއްސާކޮށްފިއެވެ.
ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި އައްޑޫގައި ތިބި ޙަމަދު ސްކޫލްގެ ގުރޭޑް 12ގެ ދަރިވަރުންނަށް، އައްޑޫ ހައި ސްކޫލުގެ އެންމެ ކާމިޔާބު ދަރިވަރުން ވަނީ މަތީ ސާނަވީ ކާމިޔާބު ކަމާއެކު ނިންމާލައި ރަނގަޅު ނަތީޖާއެއް ހޯދަން މަސައްކަތް ކުރަންޖެހޭނެ ގޮތުގެ މައުލޫމާތު ސެޝަނެއް ބާއްވާފައެވެ. މި ޝެޝަނުގެ ތެރެއިން އަމަލީ ގޮތުން ދަރިވަރުންނާއެކު މަސައްކަތްކޮށް އެ ދަރިވަރުންގެ ތަޖުރިބާތައް ވަނީ ހިއްސާކޮށްފައެވެ.

އައްޑޫ ހައި ސްކޫލްގެ 55 ދަރިވަރަކު ޤައުމީ ގަދަ ދިހައެއްގައި ހިމެނި، އެއް ދަރިވަރަކު އެއްވަނަ ހޯދާ، ދެ ދަރިވަރަކު ދުނިޔޭގެ ފެންވަރުގެ ވަނަތައް ހޯދާފައިވެއެވެ.
ޙަމަދު ސްކޫލްގެ ޕްރިންސިޕަލް ޝައުކަތު ލަތީފު ދަރިވަރު ނޫހަށް ވިދާޅުވީ، އައްޑޫ ހައި ސްކޫލްގެ އެންމެ ކާމިޔާބު ދަރިވަރުންގެ ތަޖުރިބާތައް އެ ސްކޫލުގެ ދަރިވަރުންނާ ހިއްސާކޮށް، މަތީ ސާނަވީގެ ކިޔެވުން ކާމިޔާބު ކަމާއެކު ނިންމާލުމަށް، ފޯރުކޮށް ދިން މައުލޫމާތު ތަކުގެ ބޭނުން ދަރިވަރުންނަށް ވަރަށް ރނަގަޅަށް ބޭނުން ކުރެވޭނެ ކަމަށެވެ. އަދި އޭގެ ފައިދާ ދަރިވަރުންގެ އިމްތިޙާނު ތަކުން ފެންނާނެ ކަމަށް ވިދާޅުވިއެވެ.

" ދަރިވަރުންގެ އެކްސްޕީރިއަންސް ތަކަކީ އެއީ އެހެން ދަރިވަރުން ކުރިއަށް ދިއުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް، ހުޅުވިގެންދާ އެތައް ފުރުޞަތު ތަކެއް" ޝައުކަތު ވިދާޅުވިއެވެ.
މަތީ ސާނަވީއަށްފަހު، ސްކޮލަރޝިޕްތަކުގައި ކިޔަވަންދާން ތައްޔާރުވެފައިވާ އެ ދަރިވަރުން މައިގަނޑު ގޮތެއްގައި ކިޔައިދިނީ އޭލެވެލްއަށް ތައްޔާރުވާއިރު ސަމާލުކަން ދޭންޖެހޭ މައިގަނޑު ކަންތައްތަކުގެ ވާހަކައެވެ.
ކިޔެވުމަށް އެހީއެއްގެ ގޮތުގައި އެ ދަރިވަރުން ފާހަގަކުރީ، ހުރިހާ ޔުނިޓަކުން ފުލް މާކްސް ހޯދުން އެއީ އަމާޒަކަށް ހެދުމާއި އޭއެސް އަށް ބުރަކޮށް މަސައްކަތް ކުރުމަށެވެ. އަދި ގަވާއިދުން ސްކޫލަށާއި އެކްސްޓްރާތަކަށް ދިއުމާއި ހުރިހާ މާއްދާއަކަށް ވެސް ހަމަހަމަކަމާއެކު ފޯކަސް ކުރުމަށް ބާރުއެޅިއެވެ.

ކިޔެވުމުގައި އެކަކު އަނެކަކަށް ބުނެދީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގްރޫޕް ސްޓަޑީއާއި ކުރު ނޯޓްތައް ހެދުމާއި، ފިލާވަޅުތައް މުޠާލިޔާ ކުރުމަށް ގިނަ ވަގުތުތައް ހޭދަކުރުމާއި ކިޔަވާއިރު ދޭތެރެދޭތެރެއިން ހުސްވަގުތު ކޮޅެއް ނެގުމުގެ މުހިންމުކަން އެ ދަރިވަރުން ފާހަގަކުރިއެވެ. އަދި ކިޔަވާ ދުވަސްވަރު ކެއުމުގައި ވެސް ހަމަހަމަ ޑައިޓެއް ގެންގުޅުމާއި ނިދި ހަމަކުރުމާއި ހެލިފެލިވުމަށް ކަސްރަތު ކުރުމާއި ހޮބީއެއްގެ ގޮތުން ކުރާ ކަންތައްތަކަށް ވެސް ވަގުތު ދިނުން މުހިންމު ކަމަށް ބުންޏެވެ.

އެންމެ މުހިންމު ކަމެއްގެ ގޮތުގުގައި ނަފްސާނީ ގޮތުން ރަނގަޅު ސިއްޙަތެއްގައި ހުރުމަށް މަސައްކަތް ކުރުމާއި ދިމާވާ އެފަދަ ކޮންމެ ކަމެއްގައި ޓީޗަރުންނާއި އެކުވެރިންނާއި ކައުންސެލަރުންނާ ވާހަކަ ދެއްކުމަށް ވެސް ނަސޭހަތް ތެރިވިއެވެ.
ޝައުކަތު ވިދާޅުވީ މިއީ ވަރަށް މަދުން ނޫނީ ނުލިބޭނެ ފުރުޞަތެއް ކަމަށާއި އެކަމަށްޓަކައި އައްޑޫ ހައި ސްކޫލްގެ މެނޭޖްމަންޓަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

އައްޑޫ ސިޓީގެ މުހިންމު ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނާބެހޭ މައުލޫމާތު ހޯދުމަށްފަހު، މިހާރު ޙަމަދު ސްކޫލްގެ ދަރިވަރުން ތިބީ ފުވައްމަުލަކު ސިޓީގައެވެ. އެ ސިޓީގެ މުހިންމު ތަންތަނަށް ޒިޔާރަތްކޮށް ތަފާތު މައުލޫމާތު ހޯދާނެއެވެ. ތަޖުރިބާ މި ދަތުރުގައި ފުވައްމުލަކުން ފުރާނީ އަންނަ އާދީއްތަ ދުވަހުއެވެ.
advertisment
ހިޔާލު