އެކަޑަމިކް ޕާފޯމެންސް އެނަލައިސިސް އެންޑް ސާވޭ ސިސްޓަމެއް ތައްޔާރު ކޮށްފައިވާތީ އިހަވަންދޫ ސްކޫލްގެ ލީޑިންގް ޓީޗަރ އަލީ ސުޒެއިނަށް އީޖާދީ އިނާމެއް އެ ސްކޫލުން އަރުވައިފިއެވެ. މި ޢިނާމް ހަވާލުކޮށްދެއްވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެ ސްކޫލްގެ އަހަރީ ޢިނާމް ދިނުމުގެ ޖަލްސާގައެވެ.
އަލީ ސުޒެއިން ވަނީ މެލޭޝިޔާގެ ޔޫ.ޓީ.އެމް އިން އިލެކްޓްރޯނިކްސް އެންޑް ޓެލެކޮމިއުނިކޭޝަން އިންޖިނިއަރިންގް ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައެވެ.
މި އިނާމް ސްޒެއިނަށް އެރުވީ އުނގަންނައި ދިނުމަށް، އުފެއްދުންތެރި އިންޤިލާބީ ބަދަލެއް އޭނާ އުފެއްދި އެކަޑަމިކް ޕާފޯމެންސް އެނަލައިސިސް އެންޑް ސާވޭ ސިސްޓަމުން ފޯރުކޮށްދޭތީއެވެ.
އޭ ޕާސްގެ ނަމުގައި އޭނާ ތައްޔާރު ކުރި ސިސްޓަމުން ދަރިވަރުންގެ ފެންވަރު ވަޒަންކުރުމާއި، ދަރިވަރުންގެ ނަތީޖާތައް އެއް ވިއުގަޔަކުން ބަލާލެވެއެވެ.
މި މަސައްކަތް އޭނާ ނިންމާލީ އަހަރެއްހާ ދުވަހުގެ މަސައްކަތުންނެވެ.
އިހަވަންދޫ ސްކޫލުން ބުނީ އޭ ޕާސް ސިސްޓަމުން، އެ ސްކޫލްގައި ކިޔަވާ ހުރިހާ ދަރިވަރުންގެ ފެންވަރު ބެލުމުގެ އިމްތިހާނުތަކާއި ދަރިވަރުންގެ މާއްދާތަކުގެ އައުޓްކަމް ތަކާއި، ދަރިވަރުންގެ ކުރިއެރުމާއިގުޅޭ އެންމެހާ ލިޔެކިޔުންތައް އެއްނިޒާމެއްގެ ތެރެއިން ފަސޭހައިން ބަލާލެވޭ ކަމަށެވެ.
ދަރިވަރުންގެ މުޅި ޖުމްލަ ނަތީޖާއާ ދަރިވަރުންގެ ރިޕޯޓް ކާޑްގެ އިތުރުން އަހަރީ އިނާމު ދިނުމުގެ ހަފްލާއަށް އިނާމު ލިބިގެންދާ ދަރިވަރުންގެ ނަންތައް ވެސް އެ ސިސްޓަމުން ޖެނެރޭޓް ކޮށްދެއެވެ. އަދި ވަކިވަކި މާއްދާތަކުގެ ނަތީޖާތަކާއި ގްރޭޑްގެ ނަތީޖާ އަދި މުޅި ސްކޫލްގެ ނަތީޖާ އަޅާކިޔޭނެ ސްޓޭޓިސްޓިކަލް ގްރާފްތައް ވެސް ބަލާލެވެއެވެ.
އިހަވަންދޫ ސްކޫލުން ބުނީ މިނިޒާމްގެ އަޖުމަ ބެލުމުގެ މަރުހަލާތައް 2022-2023 ވަނަ ދިރާސީ އަހަރުގެ ފުރަތަމަ ޓާމްގައި ކުރިޔަށް ގެންގޮސް ގްރޭޑް 10 ގެ ނަތީޖާ ޖެނެރޭޓް ކޮށްފައި ވަނީ އޭ ޕާސް ނިޒާމްގެ ޒަރިއްޔާއިންނެވެ.
ދަރިވަރުންގެ ނަތީޖާތައް ދިރާސާކޮށް ތަހުލީލް ކުރުމާއި، ރިޕޯޓް ޕްރިންޓް ކުރުމުގައި ލީޑިންޓީޗަރުން ކުރަމުން އައި މަސައްކަތްތައް މިހާރު މި ސިސްޓަމް ބޭނުންކޮށްގެން އޮޓަމޭޓް ކޮށްފައިވާ ކަމަށް އިހަވަންދޫ ސްކޫލުން ބުނެއެވެ.
advertisment
ހިޔާލު