ކޮޅުމަޑުލު ސްކޫލްތަކުގެ މެދުގައި ބާއްވާ ކުޅިވަރު މުބާރާތުގައި ތޭރަ ސްކޫލެއް

" ކޮޅުމަޑުލު އިންޓަރ ސުކޫލް ސްޕޯރޓްސް ކޮންޕެޓިޝަން"ގެ ނަމުގައި ކުޅިވަރު މުބާރާތެއް މިއަދު ފަށައިފިއެވެ.

މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވާ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގައި ހިމެނެނީ ދެ ކުޅިވަރެކެވެ. އެއީ އަންހެން ދަރިވަރުންނަށް ބާއްވާ ހޭންޑް ބޯޅައާއި ފިރިހެން ދަރިވަރުންނަށް ބާއްވާ ފުޓްސަލްއެވެ.

މި މުބާރާތް ކުރިއަށް ގެންދަނީ ތިން ޒޯނަކަށް ބަހާލައިގެންނެވެ. މެޗްތައް ކުޅެނީ ކޮންމެ ޒޯނަކުން ވެސް ކަނޑައަޅާ ރަށެއްގައެވެ. ޒޯން އެކެއްގެ މެޗްތައް ދިޔަމިގިލީގައި ކުޅޭއިރު، ދިޔަމިގިލީގެ އިތުރުން އެ ޒޯނުގައި ދެން ހިމެނެނީ ބުރުންޏާއި ވިލުފުއްޓާއި މަޑިފުށީގެ އިތުރުން ގުރައިދޫއެވެ. ދެވަނަ ޒޯނުގަ ހިމެނެނީ ގާދިއްފުއްޓާއި ތިމަރަފުއްޓާއި ވޭމަންޑޫއާއި ކިނބިދޫއެވެ. ދެވަނަ ޒޯނުގެ މެޗްތައް ކުޅެނީ ވޭމަންޑޫގައެވެ. ތިންވަނަ ޒޯނުގައި ހިމެނީ ތިން ރަށެކެވެ. އެއީ ވަންދޫއާއި ހިރިލަންދޫއާއި އޮމަދޫއެވެ. މި ޒޯނުގެ މުބާރާތް ކުރިއަށް ގެންދަނީ ހިރިލަންދޫގައެވެ.

ތ. އަތޮޅު ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލް އިބްރާހިމް ނަސީމް ދަރިވަރު ނޫހަށް ވިދާޅުވީ، އެ އަތޮޅުގައި ހިމެނޭ ތޭރަ ރަށުގެ ތެރެއިން ބާރަ ރަށެއްގެ ސްކޫލުން ބައިވެރިވި ކަމަށާއި، ފަހު ވަގުތު ދިމާވި ކުއްލި ސަބަބަކާ ހުރެ ކަނޑޫދޫއިން މުބާރާތުގައި ބައިވެރި ނުވާ ކަމަށެވެ.

މުބާރާތް ރާވަފައިވާ ގޮތުން، ދެ ކުޅިވަރުން ވެސް، ކޮންމެ ޒޯނަކުން އެއްވަނައަށް ހޮވޭ ޓީމް ދާނީ ފައިނަލް ރައުންޑަށެވެ. ފައިނަލުގައި ކުޅޭނީ ތިން ޒޯނުން އެއްވަނައަށް ހޮވޭ ޓީމު ތަކުގެ މެދުގައި ކުޅޭ މެޗްތަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެކެވެ.

ނަސީމް ވިދާޅުވީ، ދެ ކުޅިވަރުން ވެސް، ޗެމްޕިއަންޓީމަށް 10،000 ރުފިޔާ، ރަނަރަޕް ޓީމަށް 5،000 ރުފިޔާއާއި ޑްރޮފީ ދޭން ނިންމާފައިވާ ކަމަށެވެ.

ނަސީމް ވިދާޅުވީ، އަތޮޅު ކައުންސިލުން މުޅި މުބާރާތް ބެލެހެއްޓި ނަމަވެސް، ޒޯންތަކުގައި، މުބާރާތުގެ ހުރިހާ ކަމެއް ބަލަހައްޓާނީ މެޗްތައް ކުޅޭ ރަށެއްގެ ކައުންސިލު އިދާރާއިން ކަމަށެވެ.

ނަސީމް ވިދާޅުވީ ފުރަތަމަ މުބާރާތައް ބަލާއިރު، އިންތިޒާމްތަކާއި ސްކޫލްތަކުން ވެސް އެކަށީގެންވާ ގޮތެއްގައި ތައްޔާރުވެފައިވާ ކަމަށެވެ. މި އަހަރުގެ ތަޖުރިބާއަށް ބަލައި އަންނައަހަރު ބަދަލުތަކެއް ގެންނަން ފެންނަނަމަ އެ ބަދަލުތަކެއް ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަދު ހަވީރު މެޗްތައް ކުރިއަށް ގެންދިޔައީ ޒޯން އެކަކާއި ދޭއްގައެވެ. ޒޯން ދޭއްގައި، ހޭންޑް ބޯޅައާއި ފުޓްސަލްގައި ވެސް ކުޅުނީ ވޭމަންޑޫއާއި ކޮނބިދޫއެވެ. ހޭންޑް ބޯޅަ މެޗްގައި 10-1 އިން މޮޅުވީ ވޭމަންޑޫ ސްކޫލެވެ. ފުޓްސަލްގައި 1-1 އެވަރެވެ. ދެވަނަ ޒޯނުގައި މިއަދު ހަވީރު، ކުޅުނު ފުޓްސަލް މެޗްގައި ބުރުނީ ސްކޫލްގެ މައްޗަށް ތ. އަތޮޅު މަދަރުސާއިން ކުރި ހޯދީ 8-1 ގެ ތަފާތަކުންނެވެ. ހޭންޑްބޯޅަ މެޗްގައި ވިލުފުށީ ސްކޫލުން ދިޔަމިގިލީ ސްކޫލްގެ މައްޗަށް ކާމިޔާބު ހޯދީ 5-4ގެ ތަފާތަކުންނެވެ. މި މުބާރާތުގެ މެޗްތައް ހަވީރާއި ރޭގަނޑުގައި ވެސް ކުރިއަށް ދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *